ދުނިޔެ

މުޅި އާއިލާގެ މަރާއެކު ދިއްލީއަށް ބިރުވެރިކަން!

Jul 3, 2018

ނިއުދިއްލީ (ޖުލައި 2) - އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ދިރިއުޅޭ އާއިލާ އެއްގެ 11 މެމްބަރުން އެކުގައި މަރުވެފައި ތިއްބާ ފެނިފައިވާއިރު، އެމީހުންގެ މަރާއި ސިހުރާއި ގުޅުންހުރި ކަމަށް ގަބޫލު ކުރެވޭތީ، ގިނަ މީހުންތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

އާއިލާގެ 10 މެމްބަރުން ދަންޖެހިފައި ތިބިއިރު، 75 އަހަރުގެ އަންހެނަކު ފެނިފައިވަނީ ބިންމަތީގައި އޮއްވަ އެވެ. ދެ ކުޑަކުދިން ވެސް ހިމެނޭ އެ އާއިލާގެ ގިނަ މެމްބަރުން ތިބީ ކަނުބަނދެ، އަނގަ ބަންދުކޮށް، ފަހަތަށް އަތް އައްސާފަ އެވެ.

ސިހުރު ކަމަށް ބެލެވޭ އަތުން ލިޔެފައިވާ ގަނޑުތަކެއް ފުލުހުންނަށް ވަނީ ފެނިފަ އެވެ. ނަމަވެސް، އެ އާއިލާ އަމިއްލައަށް މަރުވީ ކަމެއް ނުވަތަ ބަޔަކު މަރާލީކަމެއް އަދިވެސް ފުލުހުން ނުނިންމަ އެވެ.

އެ ހިސާބުކަނޑު މީހުން އެ އާއިލާ ދަންނަނީ ބާޓިއާގެ ނަމުންނެވެ. މަރުވެފައިވާ އާއިލާގެ މެމްބަރުންގެ ތެރޭގައި 75 އަހަރުގެ ނަރާޔަން ދޭވީ، އޭނާގެ ދެ އަންހެން ދަރިންނާއި، ދެ ފިރިހެން ދަރިންނާއި، އެ ދެމީހުންގެ އަނބިންގެ އިތުރުން، 15 އަހަރާއި 33 އަހަރާއި ދެމެދުގެ ފަސް މާމަ ދަރިން ހިމެނެ އެވެ.

މަރުވެފައި ތިއްބާ ފެނިފައިވާ އާއިލާ، ރާޖަސްތާނުން ހިޖުރަކޮށް ދިއްލީގައި ދިރިއުޅޭތާ މިހާރު 20 އަހަރު ވެއްޖެކަމަށް އަވަށްޓެރިން ވަނީ ބިނެފަ އެވެ.

މީހުން އިހުތިރާމް ލިބިފައިވާ ވަރަށް ގަދަރުވެރި، ތަނަވަސް އާއިލާއިން ތިން ބުރިއަށް ހުންނަ ގޭގައި ދެ ފިހާރަ ހިންގާ ކަމަށްވެ އެވެ.

އެ އާއިލާއިން ދިޔައީ އެގޭގެ އެންމެ ދޮށީ މާމަ ދަރިފުޅު، 33 އަހަރުގެ ޕްރިޔަންކާގެ ކައިވެންޏަށް ތައްޔާރުވަމުން ކަމަށް އަވަށްޓެރިން ވަނީ ބުނެފަ އެވެ. އޭނާ އެންގޭޖް ވުމަށް ބޮޑު ޕާޓީއެއް މީގެ ދެ ހަފްތާ ކުރިން ބޭއްވި ކަމަށްވެސްވެ އެވެ.

އެގެއަށް ގަދަ ކަމުން ބަޔަކު ވަދެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ އާއިލާގެ އަންހެންވެރިންގެ ގަހަނާތަކާއި، ގޭގައި ހުރި އަގުބޮޑު އެއްވެސް އެއްޗެއް މަދުނޫން ކަމަށްވެސްވެ އެވެ. އާއިލާއާ ވަކިން ދިރިއުޅޭ ނަރާޔަންދޭވީގެ އަންހެން ދަރިފުޅު ބުނީ، އޭނާގެ އާއިލާ އަމިއްލައަށް މަރުނުވާނެކަމަށާއި އެމީހުން މަރާލީކަމަށެވެ.

ނަމަވެސް، ސިހުރުކަމަށް ބެލެވޭ ގަނޑުތަކެއްގެ އިތުރުން، އަތްފައި ބަނުމާއިބެހޭ ލިޔެކިޔުންތަކެއް ވެސް އެގެއިން ފުލުހުން ވަނީ ހޯދާފަ އެވެ.