ކުޅިވަރު

އެއީ ދޮގެއް، ނޭމާ ގެންދާކަށް ނޫޅެން: ރެއާލް މެޑްރިޑް

ޕީއެސްޖީގެ އެއްބަސްވުމުގައި ހުރި ބްރެޒިލްގެ ނޭމާ ޖޫނިއާ ގެންނަން ރެއާލް މެޑްރިޑުން އަގުބޮޑު ޓްރާންސްފާ ޑީލެއް ޕީއެސްޖީއަށް ހުށަހެޅި ކަމަށް ފެތުރުނު ޚަބަރު ރެއާލް މެޑްރިޑުން ދޮގު ކޮށްފި އެވެ.

ސްޕެނިޝްގެ ޓީވީ ޗެނަލް ޓީވީ އެސްޕަނޯލާ (ޓީވީއީ) ން ރޭ ރިޕޯޓް ކޮށްފައިވަނީ، ނޭމާ ގެންނަން، މެޑްރިޑްގެ ކުލަބުން 310 މިލިއަން ޔޫރޯގެ (ފަސް ބިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑު) އަގެއް ހުށަހަޅާފައިވާ ކަމަށެވެ. ޓީވީއީން އާންމު ކުރި ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ ނޭމާ އަށް ހަތް އަހަރުގެ އެއްބަސް ވުމެއް ހުށަހެޅުމަށް ރެއާލް މެޑްރިޑުން ތައްޔާރަށް އޮތް ކަމަށެވެ. އެއީ އަހަރަކު 45 މިލިއަން ޔޫރޯގެ ނޭމާއަށް ދޭ ގޮތަށެވެ.

ސްޕެއިންގެ ޓީވީއީގެ ރިޕޯޓް ފެތުރުނުތާ ގަޑިއެއްހާއިރު ތެރޭ ރެއާލް މެޑްރިޑްގެ ވެބްސައިޓް މެދުވެރިކޮށް އެ ކުލަބުން ވަނީ ޓީވީ ޗެނަލު ފޮނުވި ޚަބަރު ދޮގު ކޮށް ބަޔާނެއް ނެރަފަ އެވެ.

ރެއާލް މެޑްރިޑުން ބުނީ، އެފަދަ ރިޕޯޓެއް އާންމު ކުރުމުގެ ކުރިން، ޓީވީއީ އިން އެކަމާ ގުޅުން ހުރި ފަރާތްތަކުގެ ބަހެއް ހޯދާފައި ނުވުމުން ހައިރާން ވާ ކަމަށެވެ.

ބްރެޒިލްގެ ސަންޓޯސް އަށް ނޭމާ ކުޅުނުއިރު، ރެއާލުން ވަނީ ނޭމާ ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. ރެއާލް އާއި ވާދަވެރި ބާސެލޯނާއިންވެސް ހުށަހަޅާފައި ވަނިކޮށް ނޭމާ ހިޔާރު ކުރީ ބާސާއަށް ބަދަލު ވުމަށެވެ. އެއީ އޭނާގެ ބައްޕަ އަދި އެޖެންޓް ނޭމާ ސީނިއާއަށް ވެސް ބޮޑު ފީއެއް ދޭން ބާސާއިން ހުށަހެޅުމުން ބައްޕަގެ ބާރު އެޅުމުގެ މަތިންނެވެ.

މިދިޔަ ސީޒަން ނިމުމަށް ފަހު، ޕީއެސްޖީގެ ރައީސް ނަސީރް އަލް ޚަލަފީ ވިދާޅުވެފައި ވަނީ ނޭމާ ޕީއެސްޖީގައި ދެމިހުންނާނެ ކަމުގެ 200 ޕަސަންޓް ޔަގީންކަން އެބައޮތް ކަމަށެވެ. ބާސެލޯނާ ދޫކޮށް، ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 220 މިލިއަން ޔުރޯ އަށެވެ. މިދިޔަ ސީޒަން ފެށެން ކައިރިވެފައި ވަނިކޮށެވެ.

އޭގެ ކުރިންވެސް ނޭމާ ޕީއެސްޖީއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް ފުތުރުނެވެ. ނަމަވެސް އޭރު ބާސާއިން ވެސް ބުނެފައި ވަނީ ނޭމާ ބާސާގައި މަޑު ކުރާނެ ކަމުގެ 200 ޕަސަންޓް ޔަގީންކަން އޮތް ކަމަށެވެ.