ހަބަރު

ރޮބިންސަން އިން އަންނަ އަހަރު ރާއްޖޭގައި އާ ރިސޯޓެއް ހުޅުވަނީ

ރާއްޖޭގައި މިހާރު ވެސް ރިސޯޓް އޮޕަރޭޓް ކުރަމުން އަންނަ ޖަރުމަނުގެ މަޝްހޫރު ހޮސްޕިޓޭލިޓީ ކުންފުނި ރޮބިންސަން ކްލަބުން ރާއްޖޭގައި އިތުރު ރިސޯޓެއް ހަދައި، އަންނަ އަހަރުގެ ތެރޭގައި ހުޅުވަން ނިންމައިފި އެވެ.

އެ ކުންފުނީގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން މިހާރު ގަނެފައި ވަނީ 13 އަކަކިލޯމީޓަރުގެ ނ. އޮރިވަރެވެ. އެ ކުންފުނިން އެ ރަށް ގަތީ ކިހާވަރެއް އިންވެސްޓްކޮށްފައިކަން ނުބުނި ނަމަވެސް، އެ ރަށް ކުއްޔަށް ނަގާފައިވާ ދިވެހި ކުންފުނިން މިިދިޔަ އަހަރު އެ ރަށް ވިއްކާލުމަށް ބޭރުގެ ނޫސްތަކުގައި އިއުލާން ކުރިއިރު ޖަހާފައި ވަނީ 14.4 މިލިއަން ޑޮލަރަށް ވިއްކުމަށެވެ.

"ދަ ރޮބިންސަން ކްލަބް ނޫނޫ"ގެ ނަމުގައި ހުޅުވާ އެ ރިސޯޓްގައި ދެ ފްލޯއަށް ހުންނަ 40 ކޮޓަރި އާއި 60 މޫދު ކޮޓަރި އަދި 50 ބީޗް ވިލާ ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މިއީ އަހަރުމެންގެ ވިޔަފާރި ފުޅާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް،" ރޮބިންސަންގެ މެނޭޖިން ޑިރެކްޓަރު އިންގޯ ބަރުމިސްޓާ ވިދާޅުވެފައިވެ އެވެ.