ކުޅިވަރު

ޕެނަލްޓީގައި ކޮލަމްބިއާ ބަލިކޮށް އިންގްލެންޑް ކުއާޓާއަށް

މެޗު 1-1 އެއްވަރުވުމުން ޕެނަލްޓީ ޝޫޓް އައުޓްގައި ކޮލަމްބިއާގެ މައްޗަށް 4-3 ގެ ނަތީޖާއަކުން މޮޅުވެ ވޯލްޑްކަޕުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް އިންގްލެންޑް ދަތުރު ކުރީ އަށް އަހަރަށް ފަހު އެވެ. މީގެ ކުރިން އިންގްލެންޑް ވޯލްޑްކަޕުގެ ދެ ވަނަ ބުރަށް ދަތުރު ކުރީ، ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގަ އެވެ. އެފަހަރުގެ ދެ ވަނަ ބުރުގައި އެކްއެޑޯއާ ދެކޮޅަށް ކުޅުނު މެޗުން، އިންގްލެންޑް މޮޅުކޮށްދިނީ އޭރުގެ ކެޕްޓަން މަޝްހޫރު ޑޭވިޑް ބެކަމް ހިލޭޖެހުމުން ކާމިޔާބު ކުރި ލަނޑުންނެވެ.

ކްއާޓާ ފައިނަލުގައި އިންގްލެންޑް ވާދަ ކުރާނީ، މިރޭ ސްވިޒަލޭންޑް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރު ކުރި ސްވިޑެންއާ ދެކޮޅަށެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި، ކޮލަމްބިއާ އާއި އިންގްލެންޑްގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ.

ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، ކޮލަމްބިއާގެ ކިންޓޭރޯ އަށެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އިންގިރޭސީންނަށްވެސް ވަނީ ކޮލަމްބިއާގެ އޭރިއާ ބޭރުން ހިލޭ ޖެހުމެއް ލިބިފަ އެވެ. ޓްރިޕިއާ ފޮނުވާލި ބޯޅަ ގޯލާ ސީދާވެސް ނުވެ ދިޔައީ ބޭރަށެވެ.

ދެ ވަނަ ހާފުގައި، ރަނގަޅަށް ކުޅުނީ އިންގްލެންޑުންނެވެ. ގޯލަށް ފޮނުވާލި ހަމަލާތަކުގައިވެސް ނުރައްކާ ކުރީ އިންގްލެންޑްގެ ހަމާލަތަކެވެ. އިންގްލެންޑަށް ޕެނަލްޓީ ލިބުނީ، މެޗުގެ 55 ވަނަ މިނެޓްގައި އެޓީމުން ނެގި ކޯނަރެއް ބޮލުން ޖަހަން، ކޭން އެރި ވަގުތު ކޮލަމްބިއާގެ ކާލޯސް ސަންޗޭޒް ހެރީ ކޭން ވައްޓާލުމުންނެވެ.

މެޗުގެ ރެފްރީ، އެމެރިކާގެ މާކް ގެއިގޭ ޕަނަލްޓީއެއް ކަމަށް ދެއްކުމުން، ކޮލަމްބިއާގެ ކުޅުންތެރިން ވަނީ އެޕީލް ކޮށްފަ އެވެ. ކޮލަމްބިއަގެ ކުޅުންތެރިންގެ ޝަކުވާތަކާއެކު ޕެނަލްޓީ ޖެހުމާ ދެމެދު ދެ މިނެޓެއްހާއިރު ހޭދަވި އެވެ.

މެޗުގެ 57 ވަނަ މިނެޓްގައި، ކޭން ޕެނަލްޓީ ޖެހީ ސީދާ ގޯލްގެ މެދަށެވެ. ކޮލަމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕީނާ ޑައިވް ކުރީ ގޯލްގެ އަރިމައްޗަށެވެ. ލަނޑަށްފަހު، ކޮލަމްބިއާއަށް އެއްވެސް ވަރަކަށް ނުކުޅެވުނެވެ. މެޗުގެ 80 ވަނަ މިނެޓާ ހަމަޔަށް ދަންދެން ކޮލަމްބިއާއަށް އެދެވޭ ހަމަލާއެއްވެސް ފޮނުވާ ނުލެވުނެވެ.

ނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައި ކައުންޓަ އެޓޭކު ފުރުސަތެއްގައި ކޮލަމްބިއާ އަށް ހުސް ފުރުސަތެއް ލިބިގެން ދިޔަ އެވެ. ހުއާން ކްއެޑްރާޑޯ އަށް ތަނަވަސް ކޮށްދިން ބޯޅަ އޭރިއާގެ ކަނާ ދިމާލުން އަރައި އޭނާ ފޮނުވާލީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ފަހު 10 ވަނަ މިނެޓްގައި، ކޮލަމްބިއާއިން ވަނީ އިންގެލެންޑްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެ ޓީމުން ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ 90 މިނެޓް ހަމަވެ، އިތުރަށް ދެއްކި ފަސް މިނެޓްގެ ތެރެއިން ތިން ވަނަ މިނެޓްގަ އެވެ.

ކްއެޑްރާޑޯ ނެގި ކޯނަރު ބޮލުން ފޮނުވާލައިގެން، ކޮލަމްބިއާ ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިފެންޑަރު ޔެރީ މިނާ އެވެ. މިނާ ބޮލުން ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވަނީ ހުރަސް ދަނޑީގައި ޖެހި، ގޯލް ލައިން މަތީގައި ހުރި، އިންގްލެންޑްގެ ޑިފެންޑަރު ހެރީ މިގްއެޔާ ބޮލުގައި ޖެހިފަ އެވެ.

އެކްސްޓްރާ ޓައިމް

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި، ރަނގަޅަށް ކުޅުނީ ކޮލަމްބިއާއިންނެވެ. އެޓީމުން މަސައްކުރީ، ހުރަސްތަކުގައި ނުރައްކާ ކުރުމަށެވެ. ފުރަތަމަ ހާފުގައި ލިބުނު ކޯނަރު މިނާ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފުގައި އިންގްލެންޑްވެސް ވަނީ ކުރިއަށް ޖެހި ހަމަލާ އުފައްދަން މަސައްކަތް ކޮށްފަ އެވެ. ދެ ވަނަ ހާފުގައި އިންގްލެންޑުން ނެގި ކޯނަރު އެރިކް ޑަޔާ ބޮލުން ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ބޭރަށެވެ.

އެކްސްޓްރާ ޓައިމްގެ 29 ވަނަ މިނެޓްގައި އިންގެލެންޑަށް ލިބުނު ހިލޭ ޖެހުން، ހާފުގެ މެދެއްހާ ހިސާބުން އޭރިއާގެ ކަނާދިމުލުން ޑެނީ ރޯސް އޭރިއާތެރެއަށް ނަގައިދިނުމުން، ބޯޅައަށް އަރާތިބި ކުޅުންތެރިގެ ތެރެއިން އަރައި ކޮލަމްބިއާގެ ކީޕަރު އޮސްޕީނާ ވަނީ އަތުން ޖަހައި އެއްލުމަކަށް ބޭރު ކޮށްލާފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓް

ފުރަތަމަ ޕެނަލްޓީ ޖެހީ ކޮލަމްބިއާއިންނެވެ. އެ ޓީމުގެ ކެޕްޓަން ފަލަކާއޯ ވަނީ އިތުބާރާއެކު ޕެނަލްޓީ ގޯލަށް ވައްދާލަފައެވެ. އިންގެލެންޑް ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ކެޕްޓަން ކޭން އެވެ. މިފަހަރު ޑެވިޑް އޮސްޕނާ ރަނގަޅު ފަރާތަށް ޑައިވް ކުރި ނަމަވެސް އެބޯޅަ އޭނާ އަށް ސަލާމަތް ނުކުރެވުނެވެ.

އިންގެލްންޑަށް ނާކާމިޔާބު ވީ ޖާޑަން އެންޑަސަން ޖެހި ޕެނަލްޓީ އެވެ. އެ ޕެނަލްޓީ އޮސްޕީނާ ދިފާއު ކުރީ އެވެ. ކޮލަމްބިއާ ލީޑް ނަގަން ލިބުނު ފުރުސަތުގައި، މެތިއުސް އުރީބޭ ޖެހި ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑީގެ ކަނަށެވެ.

ކޮލަމްބިއާ ނާކާމިޔާބު ވީ ކާލޯސް ބަކާ ޖެހި ޕެނަލްޓީ ޕިކްފޯޑް ދިފާއު ކުރުމުންނެވެ. ބަކާ ޕެނަލްޓީ ޖެހީ މެދަށެވެ. ވެއްޓެމުން ގޮސް ޕިކްފޯޑް ވަނީ އަތުން ޖަހައި ޕެނަލްޓީ ދިފާއު ކޮށްފަ އެވެ.

އިންގެލެންޑް ކްއާޓާ ފައިނަލަށް ގެންގޮސްދިނީ އެރިކް ޑަޔާ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ވުމުންނެވެ. ޑަޔާ ފޮނުވާލީ އޮސްޕީނާ ޑައިވް ކުރި ދިމާލަށެވެ. ބޯޅަ ގޯލަށް ވަނީ އޮސްޕީނާ އަތުގައި ޖެހިފަ އެވެ.