ހަބަރު

ޝަހީމް އަދާލަތު ޕާޓީއިން ވަކިވެ ސިޔާސީ މައިދާނުން ދުރަށް ދަނީ

ސިޔާސީ މައިދާނުން ދުރުވެ، އިސްލާމީ ތައުލީމު އުގައްނައިދިނުމަށް ވަގުތު ހުސްކުރުމުގެ ގޮތުން އަދާލަތުން ޕާޓީ އިން ވަކިވުމަށް ވިސްނަމުން އަންނަ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އޭނާގެ ފޭސްބުކް ޕޭޖްގައި މިއަދު ލިޔުއްވި ސްޓޭޓަސްއެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ ދާއިރާގައި އެކަށީގެންވާ ވަރަށް ދީނީ އިލްމްވެރިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ތައުލީމީ އުގަންނައި ދިނުމާއި ރަނގަޅު ޖީލެއް ބިނާ ކުރުމާއި މުޖުތަމައަށް ފައިދާ ހުރި ކަންކަން އަދި އިންސާނީ ހިދުމަތުގައި އެކަށީގެންވާ ވަރަށް ދީނީ އިލްމްވެރިން މަސައްކަތް ކުރައްވަމުން ނުދާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކާ ނުގުޅި، ސިޔާސީ ވިސްނުމުން ދުރުވެ ހުރެ، އެ މަސައްކަތްތަކަށް ވަގުތު ހުސްކުރެއްވުމުގެ އަޒުމުގައި ހުންނެވި ކަމަށް ވެސް ވިދާޅުވި އެވެ.

"... މިދެންނެވި ކަންކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތްތަކެއް ކުރައްވަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އަޅުގަނޑުގެ ވިސްނުމަކީ ޖަމްއިއްޔާގެ ތެރެއިން މި މަސައްކަތްތައް ކުރަން ވަގުތު ހުސްކުރުން. އެންމެހާ ސިޔާސީ ޕާޓީތަކާއި ސިޔާސީ ފިކުރުން އެއްކިބާވެ، އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމަކަށް އަޅުގަނޑު ނުވިސްނަން،" ޝަހީމް ލިޔުއްވާފައިވެ އެވެ.

އަދާލަތު ޕާޓީއާ ބެހޭ ގޮތުން ޝަހީމް ވިދާޅުވީ، އެ ޕާޓީއަކީ އޭނާ ވަރަށް ލޯބިވާ ޕާޓީއެއް ކަމަށެވެ. އަދި އެ ޕާޓީގައި ތިބީ މުޅިން ވެސް އޭނާގެ ދުވަސްވީ ރަށްޓެހިން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގައި ތިބި ދުވަސްވީ ރަހުމަތްތެރިން ކަމަށްވާ، އިމްރާން އަބްދުﷲ އާއި އިލްޔާސް ހުސެން ފަދަ ބޭފުޅުންނާ ހިޔާލު ތަފާތުވީ ނަމަވެސް އޭނާގެ ނިންމުމުގެ ސަބަބުން ގޯސްކޮށް ނުދެކޭނެ ކަމަށް އުންމީދު ކުރައްވަ އެވެ. އަދި ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ދީނީ ހަރަކާތެއް ބާއްވާ ނަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އޭނާ އަދި އިތުރަށް ވިދާޅުވި ގޮތުގައި، ދީނީ ޖަމްއިއްޔާއެއް ހަދައިގެން އޭނާ މަސައްކަތް ކުރުމަށް ވިސްނާފައި ވަނީ އެކަށީގެންވާ ޒުވާން ޓީމަކާ އެކު އެވެ. އަދި އިސްލާމީ ދައުވަތު ފަތުރައި، އިސްލާމީ ރިވެތި އަހުލާގު އުގަންނައި ދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވައިފަ އެވެ.

ޝަހީމް އިސްލާމިކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ، އަދާލަތު ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި މެންބަރުން މަގާމުންތަކުން އިސްތިއުފާ ދޭން އަންގާފައި ވަނިކޮށެވެ. އަދި އޭނާ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރަކަށް ހަމަޖައްސަން އުޅޭކަމުގެ އަޑުތައް ވެސް މީގެ ކުރިން ފެތުރިފައިވެ އެވެ.