ވިޔަފާރި

ޗައިނާ އިން ރާއްޖެއަށް އިތުރު ފްލައިޓެއްގެ ދަތުރުތައް ފަށަނީ

Jul 4, 2018
1

ޗައިނާ އިން ޓޫރިސްޓުން ގެންނަން ހާއްސަކޮށް އިތުރު ޗާޓަރު ފްލައިޓެއްގެ ދަތުރުތައް ފަށަން މަސައްކަތް ފަށައިފި އެވެ.

ޗައިނާ އާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުންނާއެކު ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ މި ފްލައިޓް ރާއްޖެ އަށް ޗާޓަރު ކުރަން ފެށުމުގެ ގޮތުން އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި މި ޗައިނާގެ ކުންފުންޏަކުން ޗާޓަރު ކުރާ މި ފްލައިޓުގެ ދަތުރުތައް އަންނަ އަހަރު ފަށާނެ އެވެ. އަދި މީގެ އިތުރުން ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރަން ހާއްސަ މަސައްކަތްތަކެއް ފެށުމުގެ ގޮތުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އާއި ޗައިނާގެ ޓޫރިޒަމް ދާއިރާގެ އެންމެ އިސް ފަރާތްތަކާއެކު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމާ ބެހޭ ގޮތުން ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ވާހަކަ ދައްކަވަމުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވެފައިވަނީ މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މޫސުން ރަނގަޅަށް އޮޅުންފިލުވައިދީ ރާއްޖޭގެ ވެށި ޗައިނާގެ ފަތުވެރިންނަށް ކިޔާދިނުމާއި ޗައިނާ ޓޫރިސްޓުންގެ ސަލާމަތީ ކަންތައްތަކާމެދު މައުލޫމާތު ދޭން އެއްބަސްވެފައިވާ ކަމަށެވެ.

ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 104,559 މީހުން ރާއްޖެ އަށް އައިސްފައިވެ އެވެ.