ކުޅިވަރު

ދަގަނޑޭގެ ދެ ލަނޑުން ފެހެންދޫ ބަލިކޮށް ޓީސީ ކުރިއަށް

އަލީ އަޝްފާގް (ދަގަނޑޭ) ގެ ކާމިޔާބު ކުރި ދެ ލަނޑާއެކު ފެހެންދޫގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ ތާޗަލުގެ ކުރިއަށް ޓީސީ ޖެހިލައިފި އެވެ.

ލީގް ތާވަލުގެ އެއް ވަނަ އަށް ޓީސީ ޖެހިލީ ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްގެންނެވެ. މެޗަށް ނިކުތުމުގެ ކުރިން، އެއް ވަނައިގައި އޮތީ، އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓެވެ. އެންމެ ފަހު އީގަލްސްއާ ދެކޮޅަށް ނިއު މޮޅު ނުވުމުން ޕޮއިންޓް ގޮތުން އެ ޓީމު ވަނީ ޓީސީއަށް ވުރެ ފަހަތަށް ވެއްޓިފަ އެވެ. ނިއު ރޭޑިއަންޓް އޮތީ ދެ ވަނައިގަ އެވެ.

ޓީސީން އެންމެ ފަހުން، ނިލަންދުއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އަޝްފާގް ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެ މެޗު ޓީސީ ކާމިޔާބު ކުރީ 6-1 ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ފެހެންދޫއާ ދެކޮޅަށް ތަފާތު ބޮޑު ނަތީޖާއެއް ހޯދަން އުނދަގޫ ވާނެ ކަން، ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުން އެނގިގެން ދިޔަ އެވެ. މުޅި ޓީމު ޑިފެންސަށް ފައިބައިތިބެ، ފެހެންދޫ ވަނީ ވިކްޓަރީން ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފަ އެވެ.

ޓީސީއާ ދެކޮޅަށް ކުޅުނީވެސް އެ އެފޯމިއުލާ ބޭނުން ކޮށްގެންނެވެ. ނަމަވެސް މެޗުގެ 23 ވަނަ މިނެޓްގައި އަޝްފާގް ވަނީ ފެހެންދޫގެ ގޯލް ހުޅުވާފަ އެވެ. އޭރިއާގެ އަރިމަތިން، އޭރިއާގެ ބޭރުން އަހްމަދު ސާމިރު ނަގައިދިން ބޯޅަ އޭރިއާ ތެރޭގައި ހުހަށް ހުރެފައި އަޝްފާގް ވަނީ ގޯލްގެ ކަނަށް ބޮޅަ ފޮނުވާލާފަ އެވެ.

ޓީސީގެ ދެ ވަނަ ލަނޑު އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ކާމިޔާބު ކުރީ، މެޗުގެ 77 ވަނަ މިނެޓްގައި އިޝާން އިބްރާހިމް ސައްޓު ނަގައިދިން ބޯޅަ ގޯލް ތެރެއަށް ވައްދާލައިގެންނެވެ. މިފަހަރުވެސް، ފެހެންދޫގެ ކުޅުންތެރިންނަށް ތިބެވުނީ ބޯޅައަށް އަރާ ހުރި ކުޅުންތެރިޔާ މާކުނުކޮށެވެ.

ޓީސީގެ ތިންވަނަ ލަނޑު އަޝްފާގް ކާމިޔާބު ކުރީ، މެޗުގެ 81 ވަނަ މިނެޓްގައި ސައްޓު ނަގައިދިން ބޯޅަ ބޮލުން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.