ކުޅިވަރު

ޕިކްފޯޑް: ނޮން ލީގުން ވޯލްޑް ކަޕުގެ ހީރޯއަށް

އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ބުރުގެ އެންމެ ފަހު މެޗުގެ ޕެނަލްޓީ ޝޫޓް އައުޓްގައި، ކޮލަމްބިއާގެ ކާލޯސް ބާކާ ޖެހި ޕެނަލްޓީ، އިންގެލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް މަތަ ކުރުމުން، އިންގެލެންޑްގެ އަލްފްރެޓޮން ޓައުންގައި ބަހައްޓާފައި ހުރި ބޮޑު ސްކްރީން ދޮށުގައި މެޗު ބަލަންތިބި އެތައް ސަތޭކަ ބެއްގެ އަޑުން މުޅި ސަރަހައްދު ގުގުމައިގެން ދިޔަ އެވެ.

ޖޯޑަން ޕިކްފޯޑަކީ، ކާކުކަން އެންމެ ރަނގަޅަށް އެނގޭނީ، އަލްފްރެޓޮން ޓައުންގެ ރައްޔިތުންނަށެވެ. ސަންޑަލޭންޑް ސިޓީގެ އާދައިގެ ކުޑަ ޓައުނަކަށް އުފަންވި، ޕިކްފޯޑަކީ އަލްފްރެޓޮން ޓައުން އެފްސީގެ ނޮންލީގުން އުފެއްދި ކުޅުންތެރިޔެކެވެ.

ސަންޑަލޭންޑްގެ އެކެޑެމީގައި ތަމްރީން ހަދަން ފުރުސަތު ލިބުނު ނަމަވެސް، އެ ކުލަބުން އޭނާ ބޭނުމެއް ނުކުރި އެވެ. ކުލަބުގެ ސީނިއާ ޓީމަށް އޭނާ ޕްރަމޯޓް ކުރި އެވެ. ނަމަވެސް އޭނާގެ ފެންވަރު ދަށްވުމުން، ސަންޑަލޭންޑުން އޭނާ ދޫކޮށްލީ ނޮން ލީގްގައި ކުޅެމުންދާ ޑާލިންޓަން އަށެވެ.

ނޮން ލީގަކީ، އުސުލެއްގެ ގޮތުން ރަސްމީ ހައިސިއްޔަތެއް ނެތް ލީގެކެވެ. އެއީ ފުޓްބޯޅައިގެ ޕްރޮފެޝަނަލް ގިންތީގެ ތެރޭގައި ހިމެނޭ ލީގެއްވެސް ނޫނެވެ. ނޮން ލީގްގައި، ޒުވާން ޕިކްފޯޑް ކުޅޭނީ އޭނާއަށް ވުރެ އުމުރުގެ ގޮތުން ދޮށީ މީހުންނާ އެއްކޮށެވެ.

"އަހަންނަށް ވުރެ މާދޮށީ މީހުންނާ ދެކޮޅަށް އަހަރެން ކުޅެން ޖެހުނީ، އެމީހުންނާ ދެކޮޅަށް އެތައް ފަހަރަކު އަނިޔާވެގެން ވެސް އަހަންނަށް ވަރަށް ގިނަ ކަންކަން ދަސްވި." ނޯން ލީގްގެ ދުވަސްތައް ހަނދާ ކުރަމުން ޕިކްފޯޑް ބުންޏެވެ.

ޑާލިންގްޓޮންއަށް 2012 ވަނަ އަހަރު ކުޅުމަށްފަހު ޖެހިގެން އައި އަހަރު އަނެއްކާވެސް އޭނާ ބަދަލުވީ އަލްފްރެޓޮން ޓައުން އަށެވެ. އެ ޓީމުގެ ޗެއާމަން ވޭން ބްރެޑްލީ ވަނީ ޕިކްފޯޑް އެކުލަބަށް ކުޅުނު ދުވަސްތައް ހަނދާން އާ ކޮށްފަ އެވެ. އަލްފްރެޓޮންއަށް ޕިކްފޯޑް ގެންދިޔައީ އޭރު އެ ޓީމަށް ކުޅެމުން ދިޔަ ކީޕަރަށް އަނިޔާވުމާ ގުޅިގެންނެވެ. ބްރެޑްލީ ބުނީ ޕިކްފޯޑްއާއެކު ހޭދަ ކުރި ކުރު ދުވަސް ކޮޅު، ޓީމުން ރަނގަޅު ނަތީޖާތަކެއް ހޯދި ކަމަށެވެ. އެގޮތުން ޕިކްފޯޑް ކުޅުނު 12 މެޗުގެ ތެރެއިން ފަސް މެޗުގައި ލަނޑެއް ނުވަދެ ފުރިހަމަ ކުރި ކަމަށް ބްރެޑްލީ ބުންޏެވެ.

"ޖޯޑަން [ޕިކްފޯޑް] އަކީ މޮޅު ޒުވާން ކުޅުންތެރިޔެއް،" އޭރުގެ ދުވަސްތައް ބްރެޑްލީ ހަނދާން އާ ކުރި އެވެ. "އޭނާ ހުންނާނީ އޭނާގެ ގޮތުގައި ވަރަށް ލަދުރަކި ކުއްޖެ އެއީ، ނަމަވެސް ދަނޑުގެ ލައިން އެތެރެ ވެއްޖެއްޔާ އޭނާއަކީ މުޅިން ތަފާތު މީހެއް، އޭނާ ގާތު ކުރަން ބުނާކަމެއް ދަނޑުމަތީގައި ވަރަށް ރަނގަޅަށް ކުރާނެ."

ޑާލިންގްޓޮންއަށް 2012 ވަނަ އަހަރު، ޕިކްފޯޑް ގެންދިޔައީ އޭނާގެ އުރުމުން 17 އަހަރުގަ އެވެ. އެކުލަބުން އޭނާ ގެންދިޔައީ ކޮންމެހެން އޭނާ ގެންދަން ބޭނުންވެގެން ނުނެވެ. ނޯން ލީގް އިންތިޒާމު ކުރާ ފަރާތުން އެކުލަބާ ދެކޮޅަށް އެޅި ޓްރާންސްފާ ފިޔަވަޅާ ގުޅިގެން، ކުޅުންތެރިން ގެނަންނަށް މަނާ ކުރި އެވެ. އެ ޓީމަށް ގެންނަން ފުރުސަތު އޮތީ 19 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

"ޓްރާންސްފާގެ އަދަބު ނައިނަމަ އަހަރެން ދާނީ ތަޖުރިބާކާރު ކީޕަރަކު ހޯދަން، ނަމަވެސް ފިޔަވަޅު އެޅުމުން އަހަންނަކަށް ނެތް އެ ނޫން ގޮތެއް އެހެންވެ އޭނާ ގެނައި،" ޕިކްފޯޑްގެ އުމުރުން އަށް އަހަރުގައި ސަންޑަލޭންޑްގެ އެކެޑެމީގައި، ކޯޗެއްގެ ގޮތުގައި މަސައްކަތް ޑާލިންގްޓޮންގެ އޭރުގެ ކޯޗް، ކްރައިގް ލިޑްލް ބުންޏެވެ.

"އޭނާ ކުޅުނު ފުރަތަމަ މެޗަކީ ފްލީޓްވުޑްއާ ދެކޮޅަށް ކުޅުނު މެޗު، 7000 މީހުން ބަލަން ތިބި މެޗެއް، އަހަރެމެން އޮތީ 1-0 ބަލިވެފައި، މެޗުގެ އެންމެ ފަހު 10 މިނެޓްގައި ފްލީޓްވޫޑުން ނެގި ކޯނަރެއް ކުޅުންތެރިންގެ ތެރެއިން އަރާގޮސް އޭނާ ބޯޅަ ސަލާމަތް ކުރި، ދެން އަހަރެން ހިތައްއެރި މީނާއަށް ވެދާނެ އަހަރެން ކުރުވަން ބޭނުންވާ ކަންތައް."

ޑާލިންގްޓޮން ގައި ކުޅުނު ފުރަތަމަ ފަސް މެޗުގައި ޕިކްފޯޑް ކޮޅަށް 11 ގޯލް ވަނެވެ. ޑާލިންގްޓޮންގެ މެނޭޖެމެންޓުން އާނާއާ މެދު ހިތްހަމައެއް ނުޖެހުނެވެ. ލިޑްލް ބުނީ، ޕިކްފޯޑަކީ މިސްޓޭކް ހެދުނަސް އެކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަން ބޭނުންވާ ކުޅުންތެރިޔެއް ކަމަށެވެ. ނަމަވެސް އޭނާ ކޮޅަށް ގިނަ ގޯލްތަކެއް ވަނުމުން، އޭނާ ޓީމުގައި ބަހައްޓަން ޑާލިންގްޓޮންއިން ބޭނުމެއް ނުވި އެވެ. އެ ޓީމަށް ކުރިމަތިވި ޓްރާންސްފާގެ އަދަބުން ސަލާމަތްވުމުން އޭނާ ފޮނުވާލި އެވެ.

އޭނާގެ ބޭނުން ހިފީ އަލްފްރެޓޮން ޓައުންއިންނެވެ. އެ ޓީމުގައި އޭނާ އަށް ކުރިއެރުން ލިބުނެވެ. އޭރުވެސް ހުރީ ސަންޑަލޭންޑްގެ އެއްބަސްވުމުގެ ދަށުން ލޯން އުސޫލުން ޓީމުތަކަށް ދޫކޮށްފަ އެވެ. އޭރު އޭނާ މުޅިންވެސް ކުޅުނީ ދަށް ޑިވިޝަންތަކުގެ ކުލަބުތަކަށެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ސަންޑަލޭންޑުން އޭނާ ހޯދި އެވެ. އޭރު ކުލަބު އޮތީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުގެ މަރުހަލާގަ އެވެ. އެ ޓީމު އޮތީ ޕްރިމިއާ ލީގް 19 ވަނައިގަ އެވެ. ސަންޑަލޭންޑްގައި ސީނިއާ ލެވަލްގައ އޭނާ ކުޅުނު މެޗަކީ އެފްއޭކަޕުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުން ސަންޑަލޭންޑް ބަލިވީ 3-1 ންނެވެ.

ޕްރިމިއާ ލީގްގައި އޭނާ ކުޅުނު ފުރަތަމަ މެޗަކީ، ޖަނަވަރީ 2016 ގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗެވެ. މެޗުން ސަންޑަލޭންޑް ބަލިވީ 4-1 ންނެވެ. އެ ކުލަބު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވީއެވެ. ޕިކްފޯޑްއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސަންޑަލޭންޑުން ސޮއި ކުރީ، އެހެން ކުލަބުތަކުން އޭނާ ގެންދަން ޝައުގުވެރިވާކަން އެނގުމުންނެވެ. މިދިޔަ އަހަރު ޖޫން މަހު އެވަޓަންއިން ޕިކްފޯޑްގެ ސޮއި ހޯދީ، ސަންޑަލޭންޑަށް 25 މިލިއަން ޕައުންޑް ދިނުމަށް ފަހު އެވެ.

މިއަދު އޭނާއަކީ، އިންގްލެންޑްގެ އެއް ވަނަ ކީޕަރެވެ. އުނދަގުލާއި ދަތި ހާލުގައިވެސް އޭނާ ކުރި ދަތުރު ކާމިޔާބެވެ. އިންގްލެންޑްގެ ކޯޗް ގެތެރު ސައުތުގޭޓް އިތުބާރު ޕިކްފޯޑްއަށް ދޫކޮށްލީ، އޭނާ އަށް ވުރެ ތަޖުރިބާކާރު އެހެން ކީޕަރުން ތިއްބަ އެވެ.

ޕިކްފޯޑް އިންގްލެންޑްގެ މުޅި ފުޓްބޯޅައިގެ ތާރީހް ބަދަލުކޮށްލި އެވެ. ވޯލްޑްކަޕުގެ ޕަނަލްޓީ ޝޫޓްއައުޓެއްގައި މޮޅެއް ނުލިބި އޮތް އިންގެލެންޑަށް ކާމިޔާބު ހޯދައިދިނީ ޕިކްފޯޑް ސަލާމަތް ކުރި ޕެނަލްޓީ ތަކުންނެވެ.

ކުދި ކުލަބުތަކުން އުނދަގޫ ހާލާތުން އަރައިގަތުމަށް ޕިކްފޯޑަށް ފަސޭހަވެގެން ދިޔައީ އޭނާ ގެންގުޅުނު ރައިޓް މެންޓަލިޓީގެ ސަބަބުންނެވެ.

"އާންމުކޮށް އެހެން ޒުވާން ކުޅުންތެރިންނެއް ނޫޅޭނެ އެހެނެއް، ރަނގަޅު މެންޓަލިޓީއެއް ނުހުންނާނެ، ނަމަވެސް ޖޯޑަން [ޕިކްފޯޑް] އެއާ މުޅިން ތަފާ،ތު އޭނާގެ ކިބައިގައި ހުރީ ހުނަރު އެކަންޏެއް ނޫން، އޭރުވެސް އޭނާގެ ހުންނާނެ ރަނގަޅު މެންޓަލް އެޓިޓިޔުޑެއް،" އަލްފްރެޓެން ޓައުންގައި ޕިކްފޯޑަށް ކޯޗް ކޮށްދިން، މިހާރު ބާންލީގެ ޔޫތު ރެކްރޫޓްމެންޓްގެ ހެޑް ނިކީ ލޯ ބުންޏެވެ.

އަލްފްރެޓޮން ޓައުންގެ ޗެއާމަން ބްރެޑްލީ ބުނީ، ޕިކްފޯޑް އެކުލަބުގައި ހޭދަ ކުރި ލޯންގެ މުއްދަތު ހަމަވުމުން، އެކުލަބުގެ ދާއިމީ ކުޅުންތެރިޔަކަށް ޕިކްފޯޑް ހެދުމަށް މަސައްކަތް ކުރިމަށެވެ.

"ލޯންގެ މުއްދަތު ހަމަވުމުން އަހަރެމެން މަސައްކަތް ކުރިން އޭނާ ލައްވައި ސޮއި ކުރުވަން، ނަމަވެސް ސަންޑަލޭންޑާ ވާހަކަދައްކައިގެން އެކަމެއް އަހަރެމެންނަކަށް ނުވި،" ބްރެޑްލީ ބުންޏެވެ. "އަހަރެމެންނަށް އޭނާ ސޮއި ކުރެވުނު ނަމަ އަޖައިބު ވެދާނެ މިއަދު އަހަރެމެން އޮންނާނެ ހިސާބާމެދު."

"އަހަންނަށް އިހްސާސް ކުރެވެނީ ފަސް އަހަރު ތެރޭ އޭނާ ގައުމީ ޓީމަށް ދިޔައީ އަހަރެމެން ޓީމުންނޭ، އޭގެ ހުރިހާ ކްރެޑިޓެއް ހައްގު ވަނީ އޭނާގެ ބުރަ މަސައްކަތަށް ނަމަވެސް އެކަމުގައި އަހަރެމެންގެ ކުލަބުގެ ހިއްސާއެއް އޮންނާނެ އެއީ އޭނާގެ ކުރިއަށް ދިއުމުގެ ބައެއް އަހަރެމެން ކުލަބުގައި ކުރިއަށް ގެންގޮސްފައި ވާތީ."

"އަހަރެމެން ހީއެއް ނުކުރަން، އަލްފްރެޓޮން އަށް ކުޅެފައިވާ ކުޅުންތެރިޔަކު އިންގްލެންޑްގެ ފުރަތަމަ 11 ގައި ގޮސް ކުޅޭނެ ކަމަކަށް، ޖޯޑަން [ޕިކްފޯޑް] އާ މެދު އަލްފްރެޓޮން ފަހްރުވެރިވޭ."