overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

އިދިކޮޅު ކޯލިޝަނަށް އިމްތިހާނެއް: އެކުގައި ތިބެވޭނެތަ؟

އިދިކޮޅު ފަރާތްތަކަށް އެއްބަސްވުމަކަށް ނާދެވި، ނުކުރެވޭނެއޭ ސަރުކާރުން ބުނެފައިވާ އެތަކެއް ކަމެއް މި ވަނީ ކޮށްފަ އެވެ. އިދިކޮޅު އެންމެންނަށް އެކުގައި ރިޔާސީ ރޭހަށް ނުކުމެވިދާނެ ކަމާ މެދު އެތައް ބަޔަކު ސުވާލު އުފައްދަނިކޮށް ހުރިހާ ޕާޓީތައް މި ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތައް އަރައިފަ އެވެ. އެ އުފާވެރިކަމުގައި ތިއްބާ އަނެއްކާ ވެސް އާ ދެ މައްސަލައެއް މި ވަނީ އުފަންވެފަ އެވެ. އެއީ މެނިފެސްޓޯގެ މައްސަލަ އާއި ރަނިންމޭޓެއްގެ މައްސަލަ އެވެ. މިއީ އިދިކޮޅު ފަރާތްތަކަށް އޮތް އެންމެ ބޮޑު އިމްތިހާނެވެ. މިކަންކަން ހައްލުކޮށް ހުރިހާ އިދިކޮޅު ފަރާތްތަކުން އެކުގައި އިންތިހާބަށް ނިކުމެވިދާނެ ކަމާ މެދު މިއީ ސުވާލެކެވެ. އިދިކޮޅު ފަރާތްތަކަށް އޮތް ހަގީގީ އިމްތިހާނަކީ މިއީ އެވެ.

އެމްޑީޕީގެ ކެނޑިޑޭޓަކާއި، ޖުމްހޫރީޕާޓީގެ ނައިބު ރައީސްއެއް ހިމަނައިގެން ކޯލިޝަން ސަރުކާރެއް ގާއިމް ކުރުމަށް އިދިކޮޅު ފަރާތްތަކުން އެއްބަސްވެފައިވާއިރު އެމްޑީޕީން ވަނީ އެ ޕާޓީގެ މެނިފެސްޓޯ އިއުލާންކޮށް، ކެމްޕެއިންގެ މަސައްކަތް ކުރަމުންނެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަމާއި ދެކޮޅަށް ޖުމްހޫރީ ޕާޓީންވެސް ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯއެއްގައި ހިމެނުމަށް ބައެއްކަންކަން އިއުލާންކޮށްފަ އެވެ.

އެއާއެކު އެމްޑީޕީއާއި، ސަރުކާރުގެ އެކްޓިިވިސްޓުންވެސް ވަނީ އިދިކޮޅު ކޯލިޝަންގެ މުސްތަގުބަލާމެދު ސުވާލު އުފައްދާފަ އެވެ. އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ ޖޭޕީއާއި ވަކިވެ، އެމްޑީޕީ ވަކިން ރިޔާސީ އިންތިހާބުގައި ބައިވެރިވާން ގޮވާލައި އަޑުއުފުލާފަ އެވެ. އެހެން ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަދިވެސް ބުނަމުންގެންދަނީ އެއަށްވުރެ މާ ބޮޑެތި ކަންކަމަށްވެސް ހައްލު ހޯދާފައިވާކަމަށާއި، މެނިފެސްޓޯއަށްވެސް ހައްލު ލިބޭނެ ކަމަށެވެ.

ޖުމްހޫރީޕާޓީގެ އިސް އޮފިޝަލަކު ނަން ހާމަ ނުކުރަން އެދި ވިދާޅުވީ، ކޮންމެ ސިޔާސީ ޕާޓީއެއްގައިވެސް އަމިއްލަ ވިސްނުމަކާއި، އަމިއްލަ މެނިފެސްޓޯއެއް އޮންނާނެ ކަމަށެވެ. އެ މަރުހަލާ ނިމި މިހާރު މިއޮތީ އެއްބަސްވުމަކަށް އައިސް ކޯލިޝަނެއްގެ ގޮތުގައި ނިކުމެކަމަށާއި، މިހާރު މިއޮތީ މުޅިން އެހެން މަރުހަލާއެއްކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ މެނިފެސްޓޯ ގުޅިގެން، އުފެއްދުމަށް މަޝްވަރާކުރުމަށް ކޮމިޓީއެއްވެސް އެކުލަވާލާފައިވާކަމަށެވެ.

ސޯޝަލް މީޑިއާއާޔާ އެކަމާއި ގުޅިގެން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އޭނާ ވިދާޅުވީ، އެކްޓިވިސްްޓް ލެވެލްގައި ކޯލިޝަން ހަލާކުކޮށްލަން މަސައްކަތް ކުރާ ޕީޕީއެމްގެ އެޖެންޓުންތަކެއްވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެކަންކަމަށް ޕާޓީތަކުގެ ލީޑާޝިޕްތައް އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، މީގެ ކުއިން އެއްކެނޑިޑޭޓަކު ނުނެރެވޭނެ ކަަމަށާއި، ކޯލިޝަން ދެމި ނޯންނާ ކަމަށްވެސް ބަޔަކު ވާހަކަދެއްކި ކަމަށެވެ. އެހެން ނަމަވެސް އެކަންކަންވެސް ކޮށްފައިވާ ކަމަށާއި، ގުޅިގެން އެކުއެކީގައި އެންމެނަށް އެއްބަސްވެވޭ މެނިފެސްޓޯއެއްވެސް ނެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން އެއްކެނޑިޑޭޓަކު ނުނެރެވޭނެއޭވެސް ބުނި. އެކަންވެސް ކޮށްފިން. އެއްބަސްވެވޭ މެނިފެސްޓޯއެއްވެސް ނެރެވޭނެ،" ޖޭޕީ ލީޑާޝިޕްގެ ބޭފުޅެއް ވިދާޅުވި އެވެ.

މީގެ ކުރިން އެއްކެނޑިޑޭޓަކު ނުނެރެވޭނެއޭވެސް ބުނި. އެކަންވެސް ކޮށްފިން. އެއްބަސްވެވޭ މެނިފެސްޓޯއެއްވެސް ނެރެވޭނެ
ޖޭޕީ ލީޑާޝިޕްގެ ބޭފުޅެއް

އެމްޑީޕީން ރިޔާސީ އިންތިހާބުގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވާ މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ކޯލިޝަނާ ވާހަކަ ދައްކައިގެން މެނިފެސްޓޯއަށް ބޭނުންވާ ބަދަލުތަކެއް ގެންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، (އިބޫ)ވެސް ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ބޭނުންވާކަންކަން ނުވަތަ އެމްޑީޕީގެ މެނިފެސްޓޯއިން ބަދަލު ކުރަން ބޭނުންވާ ކަންކަން ހިމެނުމުން އެކަންކަމަށް ވާހަކަ ދެކެވި ހައްލު ހޯދިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މާރިޔާ އިތުރަށް ވިދާޅުވީ، މިއައަށްވުރެ ބޮޑެތި ކަންކަމަށްވެސް ކޯލިޝަން ތެރެއިން ވާހަކަދެކެވި ހައްލު ހޯދާފައިވާނެ ކަމަށެވެ. އަދި މިކަމަށްވެސް ހައްލު ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.

"މިއަށްވުރެ މާ ބޮޑެތި ކަންކަމަށް އަޅުގަނޑުމެން ވަނީ ވާހަކަދައްކައިގެން ހައްލު ހޯދާފައި. މިކަމަށްވެސް ވާހަކަ ދައްކައިގެން ހައްލު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް،" މާރިޔާ ވިދާޅުވި އެވެ.

ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ފަރާތްޕުޅުން ކޯލިޝަންގައި ހަރަކާތްތެރިވަމުން އަންނަ އައިމިނަތު ނާދިރާ ވިދާޅުވީ، ކޮންމެ ބަޔަކުވެސް ގެންގުޅޭނީ އަމިއްލަ ވިސްނުމެއްކަމަށާއި، ހިޔާލުތަފަތުވުމެއް އުޅުނަސް އެކަންކަން ހައްލު ކުރެވޭނެ ކަމަށެވެ، އަދި ލީޑަރުންގެ ތެރޭގައި މިހާރުވެސް އެކަމާއި ގުޅިގެން ބަރާބަރަށް މަޝްވަރާކުރެވެމުންދާ ކަމަށާއި، އެ ބަޔަކު ބޭނުންވާ ކަންކަން ހިމަނައިގެން އެންމެނަށް އެއްބަސްވެވޭ މެނިފެސްޓޯ އެއް އަދި ނެރޭނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.

މަޝްވަރާތައް ދަނީ ކުރިޔަށް. އެންމެނަށް އެއްބަސްވެވޭ މެނިފެސްޓޯއެއް ނެރޭނެ." ނާދިރާ ވިދާޅުވި އެވެ.

މިއަށްވުރެ މާ ބޮޑެތި ކަންކަމަށް އަޅުގަނޑުމެން ވަނީ ވާހަކަދައްކައިގެން ހައްލު ހޯދާފައި. މިކަމަށްވެސް ވާހަކަ ދައްކައިގެން ހައްލު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް
މާރިޔާ - އެމްޑީޕީގެ ކެމްޕޭން ސްޕޯކްސްޕާސަން

އަދާލަތު ޕާޓީގެ ފަރާތުން ޝިދާތާ ޝަރީފް ވިދާޅުވީ، ހުރިހާ ޕާޓީއަކުންވެސް އެއްބަސްވާ މެނިފެސްޓޯއެއް ނެރުމަކީ، އެ ބޭފުޅުންގެ ތެރޭގައި ހަދާފައިވާ "އަށާރަ ނަވާރަ" ކޮމިޓީގަވެސް އޮތް ކަމެއް ކަމަށާއި، އެހެން ނަމަވެސް އަދި އެހިސާބަށް ނުދެވޭ ކަމަށެވެ. އަދި ކޮންމެ ސިޔާސީ ޕާޓީއަކުންވެސް އެބައެއްގެ ސިޔާސީ މަސައްކަތް ކުރަމުންދާނެ ކަމަށާއި، އެގޮތުން އެމްޑީޕީއާއި، ޖުމްހޫރީޕާޓީންވެސް މެނިފެސްޓޯއެއް އެކުލަވާލަމުންދާކަން ކުރިން އަންގާފައިވާކަމަށް ޝިދާތާ ވަނީ ވިދާޅުވެފައެވެ.

"ހުރިހާ ޕާޓީއަކުންވެސް އެއްބަސްވާ މެނިފެސްޓޯއެއް ނެރުމަކީ، "އަށާރަ ނަވާރަ" ކޮމިޓީގަވެސް އޮތް ކަމެއް. އަދި އެހިސާބަށް ނުދެވިގެން މިއުޅެނީ،" ސިދާތާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވެފައިވާއިރު، އެމްޑީޕީން ވަނީ ރިޔާސީ ކެނޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖައްސާފައެވެ. އެހެން ނަމަވެސް ނައިބް ރައީސް ކަަމަށް ޖުމްހޫރީޕާޓީން ބޭފުޅަކު އިއުލާން ކުރާނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އިބޫ ވެސް ރޭ ވިދާޅުވީ ނައިބު ރައީސްއަކަށް ނެރޭނީ ހުރިހާ ޕާޓީތަކުން ވެސް އެއްބަސްވާ ބޭފުޅެއް ކަމުގެ ޔަގީންކަން ޖޭޕީގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ބޭރުގައި ކިތަންމެ ވާހަކައެއް ދެކެވުނު ނަމަވެސް ފަރުދާގެ ފުރަގަހުގައި މަޝްވަރާތައް ހިނގާ ކަމަށާއި ހުރިހާ ކަމެއް ހައްލުވެގެން އަންނަތަން ފެންނާނެ ކަމަށް އިބޫ ވިދާޅުވި އެވެ.