ހަބަރު

އިންޑިއާގެ ހެލިކޮޕްޓަރުތައް 10 ދުވަސް ތެރޭ އަނބުރާ ގެންދަނީ

Jul 5, 2018
3

އިންޑިއާ ސިފައިން ދިވެހި ސިފައިންނަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު ކުރިއަށްއޮތް 10 ދުވަސް ތެރޭގައި ގެންދާނެ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

އައްޑޫ އަދި ލ. އަތޮޅުގައި އޮންނަ އިންޑިއާގެ ދެ ހެލިކަޕްޓަރު މިދިޔަ މަހުގެ ނިޔަލަށް އަނބުރާ ގެންދަން ދިވެހި ސަރުކާރުން ވަނީ އަންގާފަ އެވެ.

އެ ދެ ހެލިކަޕްޓަރާ ގުޅޭ ގޮތުން އެމްއެންޑީއެފް އާއި އިންޑިއާ ސިފައިންނާއެކު ހަދާފައިވާ އެއްބަސްވުން ދާދި ފަހުން ހަމަވެފައިވާއިރު އެ އެއްބަސްވުން އާ ނުކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ކޮންމެ ހެލިކޮޕްޓަރަކާއެކު ޕައިލަޓުންނާއި ޓެކްނީޝަނުންގެ ގޮތުގައި ގާތްގަނޑަކަށް އިންޑިއާގެ 25 ސިފައިން ތިބޭއިރު، އެ މީހުންގެ ވިސާ އާކޮށްދޭން ވެސް ދިވެހި ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. އެ މީހުންގެ ވިސާ ހަމަވެފައިވަނީ މިދިޔަ މެއި މަހު އެވެ.

"އަޅުގަނޑުމެން މި ލަފާ ކުރަނީ ކުރިއަށް އޮތް 10 ދުވަސް ތެެރޭގައި ހެލިކޮޕްޓަރުތަކާއެކު އަޅުގަނޑުމެންގެ މީހުން އެނބުރި އަންނާނެ ކަމަށް،" އިންޑިއާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ "ދަ ޕްރިންޓް" ނޫހުގައި ބުނެފައިވެ އެވެ.

"ނަމަވެސް އީއީޒީ [އިގްތިސޯދީ ސަރަހައްދު] ބެލެހެއްޓުން ކުރިއަށްދާނެ،" އެ އޮފިޝަލް އިތުރަށް ވިދާޅުވެފައިވެ އެވެ.

ރާއްޖެއިން ޗައިނާއާއެކު ގުޅުން ބަދަހިކޮށް ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމެންޓް ހެދި ހިސާބުން އިންޑިއާއާއެކު އޮތް ގުޅުމަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފަ އެވެ. ރާއްޖޭގެ މުހިންމު ދެ ސަރަހައްދެއްގައި ހެލިކަޕްޓަރު ބާއްވަން އިންޑިއާއިން ބޭނުންވި ނަމަވެސް ސަރުކާރުން އެކަމަށް ދެކޮޅު ހަދަމުން ދަނީ އެ ދެ ހެލިކަޕްޓަރުގެ ބަދަލުގައި ބޭނުން ވަނީ ސާވައިލަންސް އެއާކްރާފްޓެއް ކަމަށް ބުނެ އެވެ.

އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލާއިރު، މިފަހުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އިންޑިއާއަށް ނޭރުވި މައްސަލަ އޮތީ ފެންމަތިވެފަ އެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ވިސާ ދޫނުކުރާ މައްސަލައަށް ވެސް އަދިވެސް ހައްލެއް ހޯދުމަށް އިންޑިއާ ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.