ވިޔަފާރި

ޓީއެމްއޭގެ 50 ވަނަ ސީޕްލޭން ގެނެސްފި

Jul 5, 2018
1

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ދުއްވާ، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ 50 ވަނަ ސީޕްލޭން އިއްޔެ ގެނެސްފި އެވެ.

ޓީއެމްއޭގެ 50 ވަނަ ސީޕްލޭން ކެނެޑާގެ ކެލްގަރީއިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާފައިވަނީ އިއްޔެ ހަވީރު އެވެ.

އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ، ބްލެކް ސްޓޯން ގްރޫޕުން ހިންގާ ޓީއެމްއޭގައި ޖުމްލަ 50 ސީޕްލޭން ބޭނުން ކުރެ އެވެ. ޓީއެމްއޭ އާއި މޯލްޑިވިއަން އެއާޓެކްސީގެ ނަމުގައި ވަކިން ހިންގަމުން އައި ދެ ސީޕްލޭން އޮޕަރޭޓަރު އެއްކޮށްލައިގެން، ޓީއެމްއޭގެ ނަމުގައި ސީޕްލޭންގެ އޮޕަރޭޝަންތައް ފެށީ 2013 ވަނަ އަހަރު ބްލެކްސްޓޯން އިން އެ ދެ ކުންފުނީގެ ބޮޑު ހިއްސާއެއް 120-150 މިލިއަން ޑޮލަރު ވަރަށް ގަތުމަށް ފަހުގަ އެވެ. ރާއްޖޭގެ 60 އަށް ވުރެ ގިނަ ރިސޯޓަށް ޓޫރިސްޓުން އުފުލާ ޓީއެމްއޭ އިން 48 އޮޕަރޭޓް ކުރާއިރު، މިދިޔަ އަހަރު 1.29 މިލިއަން ޓޫރިސްޓުން އުފުލާފައިވެ އެވެ.

ޓީއެމްއޭއިން އާ ސީޕްލޭންއެއް ގެނައިއިރު، އެމެރިކާގެ ބާއިން ކެޕިޓަލް އެލްޕީ އާއި ޗައިނާގެ ޓަމްޕަސް ގްރޫޕާ ގުޅިގެން އުފަައްދާ ޖޮއިންޓް ވެންޗާއަކުން، އެ ކުންފުނިން 550 މިލިއަން ޑޮލަރަށް ގަންނަން ވަނީ ސޮއިކޮށްފި އެވެ. ޓީއެމްއޭ މައިގަނޑު ހިއްސާ އޮންނަ ބްލެކް ސްޓޯން އިން އެ ކުންފުނި ވިއްކަން ވިސްނަމުންދާ ކަމަށް ފުރަތަމަ ބުނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެއްބަސްވުމަަކަށް އައުމަށް ބްލެކް ސްޓޯން އިން އަމާޒު ހިފާފައިވާ ކަމަށްވެސް ކުރި އަޑުތައް ފެތުރިފައިވެ އެވެ.