ދުނިޔެ

މާސް ވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ ފެނުމާ އެކު ޗައިނާ އެލާޓަށް!

May 30, 2015

ނޭވާލާ ނިޒާމަށް ޖެހޭ މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ޗައިނާ އިން ފެނިއްޖެ އެވެ. އެއާ އެކު، އެ ވައިރަސް ޗައިނާގައި ފެތުރުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ޗައިނާގެ ނޫސްތަކުން އިއްޔެ ބުނި ގޮތުގައި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ މާސް ޖެހިފައި ވަނީ އުމުރުން 68 އަހަރުގެ ދެކުނު ކޮރެއާގެ ރައްޔިތަކަށެވެ. އެކަމަކު އެއީ ކާކު ކަމެއް އަދި ނޭނގެ އެވެ.

ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ޗައިނާގެ ނޫސްތަކުން ބުނި ގޮތުގައި އޭގެ ތެރެއިން މިހާތަނަށް 38 މީހަކު ހޯދައި ޓެސްޓްކޮށްފައި ވާއިރު، އެއްވެސް މީހަކު މާސް އަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ. އެކަމަކު، އެ މީހާއާ އެއް ފްލައިޓަކުން ދަތުރުކުރި ހޮންގް ކޮންގުގެ ރައްޔިތަކު ކުއްލި ގޮތަކަށް ހޮނޑުލާން ފެށުމުން އިއްޔެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ބައެއް ނޫސްތަކުން ބުންޏެވެ.

މާސް ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 2013 ވަނަ އަހަރު ސައުދީ އަރަބިއްޔާ އިންނެވެ. އަދި އެންމެ ގިނަ ބަޔަކަށް މިހާތަނަށް އެ ބަލި ޖެހި މަރުވެފައި ވަނީ ވެސް އެ ގައުމުންނެވެ.

ދިރާސާތަކުން ލަފާކުރެވެނީ މިއީ މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ޖަމަލަށް ޖެހެމުން އައި ބައްޔެއް ކަމަށާއި ވައިރަސް މިއުޓޭޓްވެ އިންސާނުންގެ ހަށިގަނޑަށް ވެސް ވާސިލުވީ ކަމަށެވެ.

މާސް އަކީ 2003 ވަނަ އަހަރު އޭޝިއާގައި ފެތުރުނު ސާސް ރޯގާ އަށް ވުރެ ވެސް ނުރައްކާ ބައްޔެއް ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް، މާސް އަކީ ސާސް ރޯގާހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށް ބެލެވެ އެވެ. ސާސް ރޯގާ 8،273 މީހަކަށް ޖެހުނުއިރު، އޭގެ ތެރެއިން ނުވަ ޕަސެންޓް މީހުން މަރުވި އެވެ. ސާސް ރޯގާ ފަދައިން، މާސް ވައިރަސް ޖެހުމުން ވެސް މޭގައި އިންފެކްޝަން އުފެދެ އެވެ. އަދި ހުން އައިސް، ކެއްސައި ނޭވާލާން އުނދަގޫވެ އެވެ. ނަމަވެސް ސާސް އާ ހިލާފަށް، މާސް ވައިރަސްގެ ސަބަބުން ވަރަށް ފަސޭހައިން ކިޑްނީ ފެއިލްވެ އެވެ.