ދުނިޔެ

ރެފިއުޖީންގެ މައްސަލައިގައި އާސިއާން އެއްގަލަކަށް އަރައިފި

May 30, 2015

ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ރޮހިންޔާ ދަރިކޮޅާއި ބަންގްލަދޭޝްގެ ރެފިއުޖީންގެ މައްސަލަ ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން އެއްބަސްވެއްޖެ އެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި އިއްޔެ ބޭއްވި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުގެ ޖަމިއްޔާ (އާސިއާން)ގެ ބައްދަލުވުމުގައި ގައުމުތަކުން ވަނީ މައިގަނޑު ތިން ކަމަކަށް އެއްބަސްވެފަ އެވެ. އެއީ ރެފިއުޖީން ހޯދުމުގެ މަސައްކަތް ވަރުގަދަ ކުރުމާއި ރެފިއުޖީންނަށް އެހީވުމުގެ ކަންކަން ވިލަރެސްކުރުމަށް ގުޅިފައިވާ ޓާސްކްފޯހެއް އެކުލަވާލުމާއި ހިޖުރަކުރަން ބޭނުންވާ މީހުންނަށް ރައްކާތެރި ގޮތުގައި އެކަން ކުރެވޭނެ، އަގުހެޔޮ ގޮތްތަކެއް ހޯދައިދިނުމަށެވެ. އަދި ގިނަވެގެން އަހަރެއްގެ ތެރޭގައި އަނބުރާ ގައުމަށް ގެންދިއުމަށް ނުވަތަ އެހެން ތަނެއްގައި ވަޒަންވެރި ކުރުވުމަށް ބައިނަލްއަގުވާމީ ދުނިޔެ އިން އެހީވާ ގޮތަށް، ރެފިއުޖީންނަށް ކާބޯތަކެއްޗާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށް ދެމުންދާ ދިއުން ކުރިއަށް ގެންދިއުމަށް މެލޭޝިއާ އާއި އިންޑޮނީޝިއާ އިން އެއްބަސްވި އެވެ.

ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ބަންގްލަދޭޝްގެ ރެފިއުޖީންނަށް އަޅާލުމުގެ މައްސަލައިގައި ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. އެ ކަމުގެ ޒިންމާ ނަގާނެ ގައުމަކާ މެދު ދެބަސްވުމުގެ އިތުރަށް، މެލޭޝިއާ އާއި ތައިލެންޑާއި އިންޑޮނީޝިއާ އިން މީގެ ކުރިން ވަނީ ރެފިއުޖީން ތިބޭ ބޯޓުތައް އަނބުރާ ފޮނުވާލާފަ އެވެ.

އެއާ އެކު، ހަވާލުވެގެން އަންނަ އެޖެންޓުން ރެފިއުޖީން ދޫކޮށްލުމުގެ ސަބަބުން، އެތައް ދުވަހެއް ވަންދެން އެ މީހުން ތިބެންޖެހެނީ ކަނޑުމަތީގަ އެވެ. އޭގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން އިންޑޮނީޝިއާގެ ބޭރުން، ކަނޑުމަތިން ސަލާމަތްކޮށްފައި ވާއިރު، ކާއެއްޗެހި ނުލިބިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރު ވެސް ވެފަ އެވެ.