ހަބަރު

އެސްޓީއޯއިން ތެޔޮ ވިއްކަނީ ބޮޑު އަގަކު ނޫން: އެމްޑީ

އެސްޓީއޯއިން ތެޔޮ ވިއްކަނީ އެކަށީގެން ނުވާ ވަރުގެ ބޮޑު ފައިދާއެއް ލައިގެން ނޫން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.

އެ ކުންފުނިން ރޭ ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކާ ގުޅިގެން ޝަހީރު ވިދާޅުވީ ރާއްޖޭގެ ތެލުގެ ވިޔަފާރީގައި ވާދަކުރާ ދެތިން ކުންފުންޏެއް އުޅޭ އިރު، މިހާރު ވެސް އެންމެ ހެޔޮ އަގުގައި ތެޔޮ ވިއްކަނީ އެސްޓީއޯ ކަމަށެވެ. އަދި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވެސް، އާންމުންނަށް ތެލުގެ އަގު އެންމެ ހެވީ ރާއްޖޭގައި ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

ދުނިޔޭގެ މާކެޓްގައި ތެލުގެ އަގު ހެޔޮވާއިރަށް އެ ބަދަލު ގެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ތެލުން މިހާރު ޑިއުޓީ ނަގަމުން އަންނަ އިރުވެސް، އާންމުންނަށް ތެޔޮ ވިއްކުމުގައި އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.

"މި ކުންފުނިން ނުލަން އެއްވެސް ވަރަކަށް އަންރީޒަނަބުލް މާޖިންއެއް. މާ ބޮޑު މާޖިންއަކާ ނުލައި އަޅުގަނޑުމެން ތެޔޮ މި ވިއްކަނީ. އެއީ އަސްލެއް އޮތް ވާހަކައެއް ނޫން މާ ބޮޑު މާޖިންއެއް ލާ ކަމަށް ބުނެ ދައްކާ ވާހަކަ އަކީ. ސަރަހައްދުގެ ގައުމުތަކަށް ބަލާ އިރުވެސް ތެލުގެ ޕަމްޕް އަގު އެންމެ ހެޔޮ ގައުމަކީ ރާއްޖެ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވި ނަމަވެސް، ރައީސް އަބްދުﷲ ޔާމީން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިރު، މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ދުނިޔޭގެ ވާދަވެރި ތެލުގެ ބާޒާރުގައި ފީފާއަކުން އެއް ޑޮލަރު ނުނެގި ނަމަވެސް، އެސްޓީއޯ އިން އަންނަނީ ތެޔޮ ފީފާޔަކުން 30 ޑޮލަރުގެ ފައިދާއެއް ނަގަމުން ކަމަށެވެ. ކަރަންޓް އުފެއްދުމުގެ އަގު ބޮޑުވެ ސްޓެލްކޯ ފަދަ ތަންތަނަށް ދެކޮޅު ނުޖެއްސެނީ އެ މައްސަލައިގައި ކަމަށް ވެސް ރައީސް އޭރު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި އެވްރެޖްކޮށް ޕެޓްރޯލާއި ޑީސަލްގެ އަގު އުޅެނީ ލީޓަރެއް 11ރ. އަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ތެލުގެ އަގު ދަށްވުމުން ދެތިން ފަހަރެއްގެ މަތިން އެސްޓީއޯ އިން ތެލުގެ އަގު ހެޔޮ ވެސް ކުރި އެވެ. އެގޮތުން މިހާރު ޕެޓްރޯލާއި ޑީސަލް ލިޓަރެއް ވިއްކަނީ 10ރ. އަށެވެ.

އެސްޓީއޯއަށް ލިބޭ އާމްދަނީގެ 82 ޕަސެންޓަކީ ތެލާއި ގޭސް ވިއްކައިގެން ލިބޭ އާމްދަނީ އެވެ. ތެޔޮ ވިއްކައިގެން އެ ކުންފުންޏަށް މިދިޔަ އަހަރު ވެސް 7.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އެއީ 2013 ވަނަ އަހަރަށް ވުރެ 23 ޕަސެންޓް ދަށް އަދަދެކެވެ. އެ ކުންފުނިން ބުނީ ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ދަށަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުން އެ ކުންފުނިން ތެޔޮ ވިއްކާ އަގު ހެޔޮ ކުރުމާ ގުޅިގެން ކަމަށެވެ.

ޝަހީރު ވިދާޅުވީ އެސްޓީއޯގެ ތެލުގެ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން އެ ކުންފުނިން ތެޔޮ ރައްކާ ކުރާ ފެސިލީޓީތަކުގެ ފެންވަރު ރަނގަޅުކޮށް ކެޕޭސިޓީ އިތުރު ކުރުމާއި އެކި ސަރަހައްދުތަކަށް ތެޔޮ ސަޕްލައި ކުރުމަށް ގެންގުޅޭ އުޅަނދުތައް އިތުރު ކުރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދުނިޔޭގެ ތެލުގެ މާކެޓްގައި ރަނގަޅު ދައުރެއް އަދާ ކުރުމަކީ ވެސް އެ ކުންފުނިން ދެކޭ ހުވަފެނެއް ކަމަށް އޭނާ ވިދާޅުވި އެވެ.