ކުޅިވަރު

ބުފޮން ޕީއެސްޖީއަށް ބަދަލުވެއްޖެ

އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން، ފްރާންސްގެ ޕީއެސްޖީއަށް ބަދަލު ވެއްޖެ އެވެ.

ޔުވެންޓަސްގައި 17 އަހަރު ހޭދަ ކުރުމަށްފަހު، އެ ޓީމު ދުކޮށްލަން، ބުފޮން އިއުލާން ކުރީ، މިދިޔަ ސީޒަންގެ އިޓާލިއަން ލީގްގެ އެންމެ ފަހު މެޗުގެ ކުރިންނެވެ.

ހިލޭ ޓްރާންސްފާގެ ދަށުން ޕީއެސްޖީއާއެކު އޭނާ ސޮއި ކުރީ، އެއް އަހަރު ދުވަހަށެވެ. ކުލަބުން ބޭނުންނަމަ އިތުރު އެއް އަހަރަށް އޭނާ ބެހެއްޓުމުގެ އިހްތިޔާރުވެސް އޮންނަ ގޮތަށެވެ. މާނައަކީ ތަޖުރިބާކާރު ކީޕަރު އުމުރުން 42 އަހަރުގައިވެސް އޭނާގެ ކުޅުން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތުމެވެ. ބުފޮން ވަނީ ޔުވެންޓަސްއާ އެކު 656 މެޗު ކުޅެފަ އެވެ.

ޕީއެސްޖީގެ ވެބްސައިޓަށް ދީފައިވާ އިންޓަވިއުގައި ބުފޮން ބުނެފައި ވަނީ، ޕީއެސްޖީގެ ސަޕޯޓަރުން ދެކެން ބޭނުންވާ ހުވަފެން އޭނާ އަށް އެނގޭ ކަމަށެވެ.

"ޓީމުގެ އެހެން ކުޅުންތެރިންނާ ގުޅިގެން ސަޕޯޓަރުން އެދޭ އުންމީދު ހާސިލު ކުރުމަށް މަސައްކަތް ކުރާނަން." ބުފޮން ބުނެފައި ވެއެވެ.

ޕީއެސްޖީ އެންމެ ބޭނުންވާ މުބާރަތަކީ ޔޫއެފްއާ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމެވެ. އަންނަ ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި ޕީއެސްޖީން ކުޅޭ ފުރަތަމަ ތިން މެޗުގައި ބުފޮންއަށް ނުކުޅެވޭނެ އެވެ.

އެއީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގް ކްއާޓާ ފައިނަލުގައި، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ދެވަނަ ލެގް މެޗުގައި، ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ދިނުމުން ބުފޮން އެކަމާ ހިތްހަމަ ނުޖެހި ރެފްރީއާ ދިމާ ކުރުމުންނެވެ.