ހަބަރު

ހަތަރު ޕަސެންޓަށް ވުރެ އިންޓަރެސްޓް ކުޑަ ލޯނުތަކަށް ސަރުކާރުން ގެރެންޓީ ދެނީ

ރާއްޖޭގައި އިންވެސްޓް ކުރުމަށް ނަގާ ލޯންގެ ތެރެއިން ހަތަރު ޕަސެންޓަށް ވުރެ އިންޓަރެސްޓް ރޭޓް ދަށް ލޯނުތަކަށް، ސަރުކާރު ޒިންމާވާ ގޮތަށް ގެރެންޓީ ދޭން ނިންމައިފި އެވެ.

މީގެ ކުރިން ސަރުކާރުން ލޯނަށް ގެރެންޓީ ދެނީ، ވަރަށް ބޮޑެތި މަޝްރޫއުތަކަށް ނަގާ ލޯނުތަކަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިފުރު އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރާއްޖޭގައި އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރުން އެޕްރޫވަލް ދީގެން ކުރިއަށް ގެންދާ ބޮޑެތި އިންވެސްޓްމަންޓްތަކަށް ކުންފުނިތަކުން ލޯނު ނަގާ ނަމަ ސަރުކާރުން ސޮވަރިން ގެރަންޓީ ދޭނެ ކަމަށެވެ. އަދި ހާއްސަކޮށް ޓްއަރިޒަމްގެ އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ ގޮތް މީގެ ސަބަބުން މަގުފަހިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ސިޔާސަތަކީ ހަތަރު ޕަސެންޓް އިންޓަރެސް ރޭޓްގައި ލޯނެއް ނަގާ ނަމަ، ދައުލަތުން ސޮވަރިން ގެރެންޓީއެއް ދީގެން ވެސް ރާއްޖޭގައި މިހިރަ ޕްރޮޖެކްޓްތައް ހިންގުން. އެއީ އިންވެސްޓަރުންނަށް އެބަ ބޭނުންވޭ ފައިނޭންސާ ހަމަޔަށް ދާން މަގުތަކެއް ފަހިކޮށްދޭން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް އިންވެސްކުރަން ބޭނުން ނަމަވެސް ބޭންކްތަކުން ލޯނު ނުލިބުން ފަދަ މައްސަލަތަކާ ކުރިމަތިވެ، ބައެއް ފަރާތްތައް ވަނީ މާޔޫސްވެފަ އެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ އެ މީހުންނަށް ގޮތްތަކެއް ހޯދައި ދިނުން ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ނުހެދި ހުރި ރިސޯޓްތައް ހަދަން ގެންނަ ތަކެތި ޑިއުޓީ މާފުކޮށްދޭން ފެށުމުން ގިނަ ރިސޯޓްތަކެއް ވަނީ ހަދަން ފެށިފަ އެވެ. މިއީ ހެޔޮފާލެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޑިއުޓީ މާފުކޮށް ދިނުމާ އެކު ނުހެދި ހުރި 16 ރިސޯޓެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެފައިވެ އެވެ. ސަރުކާރުން ދާދި ފަހުން ވަނީ، ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ބޮޑެތި އިނާޔަތްތަކަކާ އެކު، ކޯޕަރޭޓް ރެސިޑެންސް ވިސާ ވެސް ތައާރަފްކޮށްފަ އެވެ.