ޓީވީ ސީރީޒް

މެއިސީ ވެސް "ގޭމް އޮފް ތުރޯންސް"އަށް އަލްވަދާއު ކިޔައިފި

"ގޭމް އޮފް ތުރޯންސް" ގެ ފޭނުންނަށް ޝޯއަށް އަލްވަދާއު ކިޔާ ހިތާމަކުރަން ފެށުމަށް އަދި އަހަރެއްހާ ދުވަސް އެބަ އޮތެވެ. އެކަމަކު މި ޝޯގެ ކާސްޓަށް މިއީ އެންމެ ހިތާމަވެރި ދުވަސްކޮޅެވެ.

ނުވަ އަހަރަށް ދެމިގެންދިޔައި މި ސީރީޒްގެ އެންމެފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު، ޝޫޓިންތައް މިހާރު ގާތްގަނޑަކަށް ނިމުނީ އެވެ. ކާސްޓުގައި ހިމެނޭ ބައެއް ތަރިން މީގެ ދުވަސްކޮޅެއް ކުރިން ޝޯއަށް އަލްވަދާއު ކިޔާފައިވާއިރު އިތުރު އެހެން ތަރިންވެސް މިހާރު ދަނީ ޝޯއަށް އަލްވަދާއު ކިޔަމުންނެވެ.

އެގޮތުން އެންމެފަހުން ޝޯއަށް އަލްވަދާއުކީ ތަރިއަކަށް ވާނީ ސީރީޒްގައި މުހިންމު ރޯލަކުން ފެނިގެންދާ އެކްޓްރެސް، މެއިސީ ވިލިއަމްސް އެވެ. މެއީސީ ފެނިގެންދަނީ އާރިއާ ސްޓާކްގެ ރޯލުންނެވެ. ޝޯއަށް އަލްވަދާއު ކިޔުމަށްފަހު މެއިސީ ވަނީ އިންސްޓަގުރާމްގައި ޕޯސްޓެއްވެސް ކޮށްފަ އެވެ.

"ގުޑްބައި ބެލްފެސްޓް. ގުޑްބައި އާރިޔާ. ގުޑްބައި 'ގޭމް އޮފް ތުރޯންސް'." މެއިސީގެ އިންސްޓަގުރާމް ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ. މި ކެޕްޝަނާއެކު އޭނާ ޕޯސްޓުކޮށްފައި އިން ފޮޓޯގައި އިނީ ލެއިން ފޯވެފައި އިން ސްނީކާސް ބޫޓަކަށް އަރައިގެން ހުންނަ ފޮޓޯއެކެވެ.

މެއިސީ މި ސީރީޒްގައި މަސައްކަތްކުރަން ފެށީ ވަރަށް ހަގު އުމުރެއްގަ އެވެ. ފުރަތަމަ ސީޒަން ފެށިއިރު އޭނާގެ އުމުރަކީ އެންމެ 12 އަހަރެވެ. މިހާރު އޭނާގެ އުމުރުން 21 އަހަރުވެފައިވާއިރު، ހަތް ވަނަ ސީޒަނާ ހަމައަށް އައިރު ސީރީޒްގައި އޭނާ ކުޅޭ ކެރެކްޓާ ވަރުގަދަވެ ގިނަ ބަދަލުތަކެއް ވަނީ ފެނިގެނ ގޮސްފަ އެވެ.

"ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން އަދި އަށް ވަނަ ސީޒަން ގެނެސްދޭނީ އަންނަ އަހަރުކަމަށް މި ސީރީޒް ގެނެސްދޭ އެޗްބީއޯ އިން ވަނީ ބުނެފަ އެވެ.