ފިނިޕޭޖް

ޒެކް އެފްރޮންގެ އާ ހެއާސްޓައިލް ކަމަކުނުދޭ؟!

ހާއްސަކޮށް އަންހެން ކުދިންގެ ހިތްތަކުގައި ޒެކް އެފްރޮން ރަސްކަންކުރަނީ އޭނާގެ ހުންނަ "ލުކް" އެއްގެ ސަބަބުންނެވެ. ދެހާހުގެ އަހަރުތަކުން ފެށިގެން އެކްޓިންގެ ދާއިރާގައި މަސައްކަތްކުރަން ފެށި ޒެކްއަކީ މިހާރުވެސް ބައެއް އަންހެން ކުދިން މަރުދޭ އެކްޓަރެކެވެ.

ދައްކަން މިއުޅެނީ އޭނާގެ "ލުކް" ގެ ވާހަކައެއް ނޫނެވެ. އަދި އޭނާގެ "ހައި ސްކޫލް މިއުޒިކަލް" ލަަވައެއްގެ ވާހަކައެއްވެސް ނޫނެވެ. މިފަހަރު އޭނާގެ އާ ހެއާސްޓައިލްގެ ވާހަކަ އެވެ. ހޮލީވުޑް ސެލެބްރިޓީ ލައިފްސްޓައިލް ނޫސްތަކުގެ މިއަދުގެ ބޮޑު ސުރުހީއަކަށް އޮތީ މި އެވެ.

ޒެކް އިންސްޓަގުރާމްގައި ކޮށްފައިވާ ޕޯސްޓް.

ޒެކް 30، ގެ އާ ހެއާސްޓައިލް މީހުނަށް ކަމަކުނުދިޔަ އެވެ. އޭނާގެ އިސްތަށިގަނޑު ހުރީ ރަސްތަފަރިއަން ހެއާސްޓައިލެއް ކަމަށްވާ "ޑްރެޑްލޮކްސް" ގޮތަށެވެ. ގިނަ ބަޔަކު ދަނީ މިއީ ޒެކް ސަގާފީ ހަމައިން ނެއްޓިގެން، ކުރި އިހުތިރާމް ކުޑަކަމެއް ކަމަށް ބުނަމުންނެވެ.

މިކަން މައްސަލައަކަށްވީ މި ހެއާސްޓައިލްގައި ފޮޓޯ ނެގުމަށްފަހު އިންސްޓަގުރާމުގައި އެ ފޮޓޯ ޕޯސްޓުކުރިއިރު "މިއީ މަޖަލަކަށް" ކަމަށް ޒެކް ފޮޓޯގެ ކެޕްޝަންގައި ޖަހާފައި އިނުމުންނެވެ. "ޑްރެޑްލޮކްސް" ހެއާސްޓައިލަކީ އާންމުކޮށް ކަޅު ނަސްލުގެ މީހުން ގެންގުޅޭ ސަގާފީ ހެއާސްޓައިލެކެވެ. އެމީހުނަށް މިކަންވީ، ހާއްސަކޮށް އެ ކެޕްޝަން ވީ ބޭ އަދަބީ އިހުތިރާމް ކުޑަ ކަމަކަށެވެ.