ޓީވީ ސީރީޒް

"ކަސޯޓީ"ގެ ދެވަނަ ސީޒަނަށް އާ ބަތަލާއެއް

އަންހެންވެރިން އަތުން ޓީވީ ރިމޯޓު ހޯދަން އަނެއްކާވެސް އުނދަގޫވާނެ ދުވަސްކޮޅެއް އަންނަނީ އެވެ.

ދެހާހުގެ ކުރީ އަހަރުތަކުގައި ދިވެހިންގެ ޓީވީ ކޮޓަރިތައް ފަތަހަ ކޮށްފައި އޮތީ މަޝްހޫރު ހިންދީ ޓީވީ ޑްރާމާ "ކަސޯޓީ ޒިންދަގީ ކީ" ގެ އާ ސީޒަނެއް ގެނެސްދޭނެ ވާހަކަ އެ ޑްރާމާގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް ބުނިތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.

ޓެލީވުޑް ހަބަރުތައް ބުނާގޮތުން މިހާރު މި ޑްރާމާގެ ދެ ވަނަ ސީޒަނަށް ވަނީ އާ ލީޑު ބަތަލާއެއް ނަގާފަ އެވެ. އެ ބަތަލާއަކީ ކުރިން ސޮނީ ޓީވީއިން ގެނެސްދިން ޑްރާމާއެއް ކަމަށްވާ "ކުޗް ރަންގު ޕިޔާރް ކީ އެއިސޭ ބީ" ގެ ބަތަލާ އެރިކާ ފިނާންޑޭޒް އެވެ.

ކަސޯޓީގެ ފުރަތަމަ ސީޒަންގައި ލީޑު ބަތަލާއަކަށް ފެނިގެންދިޔައީ ޝްވެތާ ތިވާރީ އެވެ. ލީޑު ބަތަލުންގެ ރޯލުތަކުން އުރްވަޝީ ދޮލާކިއާ އާއި ރޯނިތް ރޯއީ ފެނިގެންދިޔަ އެވެ. ފުރަތަމަ ސީޒަން ގެނެސްދިނީ 2001 އަކުން ފެށިގެން 2008 ގެ ނިޔަލަށެވެ.

"ކަސޯޓީ ޒިންދަގީ ކީ" ތީމް ލަވަ.

މުމްބައީ މިރޯގައި ބުނެފައި ވަނީ، "އެރިކާ މިހާރު ވަނީ ކާސްޓަށް ނަގާފަ އަދި މިކަން ރަސްމީކޮށް ހާމަކުރުމަށް މިހާރު ވީޑިއޯއެއް ނެގުމަށް ވަނީ ނިންމާފަ،" ކަމަށެވެ. އެރިކާ ކުރިން ކުޅުނު ޑްރާމާގައި އޭނާއާއެކު ފެނިގެންދިޔަ އެކްޓަރު ޝަހީރް ޝެއިޚްވެސް މި ޑްރާމާއަށް ނަގާފައިވާ ކަމަށް ބުނެފައިވެ އެވެ.

މި ޑްރާމާ ގެނެސްދިނުމަށް މިހާރު ސެޓު ތައްޔާރުކުރަމުން އަންނައިރު، އަންނަ އޮގަސްޓު މަހުގެ ތެރޭގައި ސްޓާ ޕްލަސްއިން މި ޑްރާމާ ދައްކަން ފަށާނެ އެވެ.