ހަބަރު

ޖޯން ކީލްސް އިން ރާއްޖޭގައި އިތުރަށް އިންވެސްޓް ކުރަނީ

ރާއްޖޭގައި މިހާރު ވެސް ތިން ރިސޯޓް ހިންގަމުން އަންނަ ސްރީލަންކާގެ، ޖޯން ކީލްސް އިން ރާއްޖޭގައި އިތުރު ރިސޯޓްތަކެއް ހެނދުމަށް ރަށްތަކެއް ކުއްޔަށް ނެގުމަށް ސަރުކާރާ އެކު މަޝްވަރާ ކުރަން ފަށައިފި އެވެ.

ސްރީލަންކާގެ ދަ އައިލެންޑް ނޫހަށް ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ، ސްރީލަންކާގެ އެއިޓްކަން ސްޕެންސް އިން އިތުރު ދެ ރަށެއް ރިސޯޓް ހެދުމަށް ނެގި އިރު، ރިސޯޓް ހެދުމަށް ރަށްތަކެއް ހޯދުމަށް އެ ގައުމުގެ ޖޯން ކީލްސް އިން ވެސް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް މިނިސްޓަރު ދެއްވާފައެއް ނުވެ އެވެ.

ޖޯން ކީލްސް އިން މިހާރު ރާއްޖޭގައި ހިންގަމުން އަންނަނީ ކ. ޗާޔާ އައިލެންޑް ދޮންވެލި އާއި މ ޗާޔާ ލެގޫން ހަކުރާ ހުރާ އާއި ޗާޔާ ރީފް އެއްލައިދޫ އެވެ.

އެ ހަރަކާތްތަކަށް ތައްޔާރުވަމުން އަންނަ އިރު، ސްރީލަންކަން އެއާލައިންސް އިން ރާއްޖެއާ ޓޯކިޔޯގެ ނަރީތާ އެއާޕޯޓާ ދެމެދު ދަތުރުތައް ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމީ އެއާލައިން އެހާ ފުޅާނުވުމުގެ ސަބަބުން ޓްއަރިޒަސްޓުންނަށް ފަސޭހަ ކަމާ އެކު ރާއްޖެއަށް އައުމުގެ ފުރުސަތު އޮންނަނީ ހުޅުވިފަ އެވެ. އެގޮތުން ޖެޓްތަކުގައި ވެސް ޓްއަރިސްޓުން ރާއްޖެ އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ރާއްޖެއަކީ އިންވެސްޓްކުރަން ރަނގަޅު ގައުމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުތައް ކަމަށްވާ ޔޫތް ސިޓީ އާއި އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ސަބަބުން ގިނަ ފުރުސަތުތަކެއް އިންވެސްޓަރުންނަށް ހުޅުވޭނެ ކަމަށެވެ.