ހަބަރު

މެސީ ރާއްޖެ ގެނައުމުގެ މަސައްކަތް ޓްއަރިޒަމް މިނިސްޓަރު އަދީބު ފައްޓަވައިފި

May 30, 2015
1

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ މިއަހަރުގެ ތެރޭގައި ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

ފްރާންސްގެ ޕީއެސްޖީއާ ގުޅިގެން މިދިޔަ ހަފްތާ ބަންދުގައި އުރީދޫ އިން މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ބޭއްވި ކޯޗިން ސެޝަންތައް ނިންމާލުމަށް ހެންވޭރު ދަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ ފުޓްބޯޅައަށް ލޯބި ކުރާ އެންމެންނަށް ސަޕްރައިޒްއެއް ދިނުމުގެ ގޮތުން މެސީ ރާއްޖެ ގެނެވޭތޯ މަޝްވަރާ ކުރަމުން އަންނަނީ ޓްއަރިޒަމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި އުރީދޫ ގުޅިގެންނެވެ.

"ތި ހުރިހާ ކުދިންނަށް ސަޕްރައިޒް އެއް ދެވޭތޯ މި އުޅެނީ. މިހާރު މި އަންނަނީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ކުޅުންތެރިޔާ މެސީ ރާއްޖެ ގެނެވޭތޯ މިނިސްޓްރީ އަދި އުރީދޫ ވެސް މެދުވެރިވެގެން މަޝްވަރާ ކުރަމުން. ދިވެހިންގެ މިނިވަންކަމަށް 50 އަހަރު ފުރޭ އިރު އިރާދަ ކުރެއްވިއްޔާ މެސީ ގެންނާނަން،" މީގެ ކުރިން ވެސް ބޮލީވޫޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ އާއި ރެޕް ލަވަކިޔުންތެރިޔާ އޭކަން ރާއްޖެ ގެނެސްފައިވާ އަދީބު ވިދާޅުވި އެވެ.

މެސީ އަކީ އުރީދޫގެ ބްރޭންޑް އެމްބެސެޑަރެވެ. އަދި މެސީއާ ބައްދަލުކޮށްލުމުގެ ފުރުސަތު ދިވެހި ދެ ކުއްޖަކަށް އުރީދޫ އިން ވަނީ މީގެ ކުރިން ވެސް ތަނަވަސްކޮށްދީފަ އެވެ.

އަދީބު އަދި ވިދާޅުވީ މިނިވަން 50 ފުރޭ މިފަދަ އުފާވެރި އިހުތިފާލެއްގައި އެކަހަލަ ހާއްސަ ތަރިން ރާއްޖެ ގެނައުމާއި ދިވެހިންނާ ގުޅޭ ތަފާތު ހަރަކާތްތައް ބޭއްވޭތޯ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ވީހާ ވެސް ކުލަގަދަކޮށް މިނިވަން 50 ފާހަގަ ކުރެވޭތޯ މަސައްކަތް ކުރައްވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.