ދުނިޔެ

ދިއްލީ ގޭންގު ރޭޕްގައި ހިމެނޭ މީހުން މަރުގެ އަދަބުން ސަލާމަތެއް ނުވި

Jul 9, 2018
2

ނިއުދިއްލީ (ޖުލައި 9) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ގްރޫޕަކުން ރޭޕްކޮށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން މަރުވި ޒުވާން އަންހެނާގެ ގާތިލުންނަށް އިއްވާފައިވާ މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން
ދަމަހައްޓައިފި އެވެ.

އެ އަނިޔާވެރި ގަތުލާއި ގުޅިގެން، ހަތަރު މީހުންގެ މައްޗަށް 2017 ވަނަ މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް، އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ތިން މީހުންނެވެ. ނަމަވެސް، އެ މައްސަލަ ބަލައިނުގަންނަން މިއަދު އިންޑިއާގެ އެންމެ މަތީ ކޯޓުން ނިންމާފައިވާތީ، އެ މީހުންނަށް އޮތް އިސްތިއުނާފު މަރުހަލާތައް ނިމުނީ އެވެ. އެމީހުންނަށް ދެން އޮންނާނީ އިންޑިއާގެ ރައީސަށް ހުށަހަޅައިގެން މަރުގެ އަދަބުން ސަލާމަތްވެވޭތޯ މަސައްކަތް ކުރުމެވެ.

ސިނަމާއަކުން ފިލްމެއް ބެލުމަށް ފަހު ފިރިހެން އެކުވެރިޔަކާ އެކު ގެޔަށް ދިޔަ މަގުމަތީ ބަހަށް އެރުވުމަށް ފަހު ރޭޕްކޮށް މަރާލި 23 އަހަރުުގެ ޒުވާން އަންހެން ކުއްޖާ ރޭޕްކޮށް މަރާލީ ޑިސެމްބަރު 16، 2012 ވަނަ ދުވަހުގެ ރެ އެވެ.

ރޭޕް އާންމުވެފައިވާ އިންޑިއާގައި ވަނީ 2012 ވަނަ އަހަރުގެ އަނިޔާވެރި ރޭޕާ ގުޅިގެން ގާނޫނަށް އިސްލާހު ގެނެސް، ރޭޕްގެ ކުށުގައި މަރުގެ އަދަބު ލިބޭ ގޮތަށް ހަދައިފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ރޭޕްގެ ބޮޑެތި ހާދިސާތައް ހިނގާފައިވެ އެވެ.