ވިޔަފާރި

ތިން ލައްކަ ރުފިޔާ ލިބުނީ ކުލަ ފާޓާ އަކުން!

Jul 9, 2018

ހުސެއިން ރަޝީދުގެ އާއްމު މަސައްކަތަކީ ވަޑާން ކުރުމެވެ. އާމްދަނީގެ ބޮޑު ބައެއް އޮތީ މި މަސައްކަތުގެ މައްޗަށް ބަރޯސާވެފަ އެވެ. އެހެންވެ، އޭނާއާ އެންމެ ގާތް އެއް މުދަލަކީ ހާޑްވެއާ ސާމާނެވެ. ހާޑްވެއާ އެއްޗެއް ގަންނަން ނުޖެހޭ ދުވަހެއް މަދެވެ. މި ތަކެތި ގަންނަ ހުސެެއިން އާއްމުކޮށް ދަނީ ކޯލޯޑް މޯލްޑިވްސްއިން ހިންގާ ފިހާރަ ތަކަށެވެ. އޭސް ހާޑްވެއާއި ކަލަ ބޭންކް އަށެވެ. އާދަވެގެން، މި ފަހަރު ވެސް މި ތަނުން ވިޔަފާރި ކުރީ އެހެންވެ އެވެ. މި ފަހަރު ގަތީ ކުލަ ފާޓާ އެކެވެ. އެކަމަކު މި ފަހަރު ދިމާވީ މުޅިން ތަފާތު ގޮތެކެވެ. ނަސީބު ހިފީ އަތުގަ އެވެ. ކުލަ ފާޓާއެއް ގަނެގެން އޭނާއަށް ލިބުނީ 300،000ރ. ގެ އެވެ.

"މާގިނަ އެއްޗެއް ނޫން ގަތީ. ކުލަ ފާޓާއާއި ބައެއް އެޗިހި. މީގެން މި އިނާމު ލިބުނީ،" އޭސް ހާޑްވެއާ އިން ނިމިދިޔަ ރޯދަ މަހު ބޭއްވި ރޯދަ ޕްރޮމޯޝަންގެ ބޮޑު އިނާމު ލިބުނު ހުސެއިން ބުންޏެވެ.

ބޮޑު އިނާމާއެކު، އުފަލުން ފޮޅިފައި ހުރެ ވާހަކަ ދައްކަމުން ހުސެ އިން ބުނި ގޮތުގައި 300،000ރ. އިން އާ މަސައްކަތެއް ކުރަން ފަށަން ވިސްނާ ކަމަށެވެ.

"ރަށެއްގައި ކެފޭއެއް ކަހަލަ ކަމެއް ފަށަން ވިސްނަނީ،" މި ފައިސާ ހޭދަކުރާ ގޮތުގެ ކުރު ޕްލޭން ހުސެއިން ކިޔައިދިނެވެ.

އޭސް ހާޑްވެއާ އިން "ރޯދަ ބަދަލު" ގެނަމުގައި ކުރި އަށް ގެންދިޔަ މި ޕްރޮމޯޝަންގެ އިނާމު ހަވާލު ކުރީ ސޯލްޓް ރެސްޓޯރެންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޯލޯޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހާނީ އެވެ. މި ޕްރޮމޯޝަންއަކީ 300ރ. އިން މަތީގެ ވިޔަފާރިއެއް ކުރުމުން ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަން އެކެެވެ.

މި ޕްރޮމޯޝަންގެ އިތުރުން ރޯދަ މަހު ކުރިއަށް ގެންދިޔަ، "އޭސް ހާޑްވެއާ ލައި އެންޑް ކޮމެންޓް" ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށްވެސް ވަނީ އިނާމު ދީފަ އެވެ. ސޯޝަލް މީޑިޔާގައި ޝެއާކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރި އަކަށް ހޮވައިފައިވަނީ ޝިޒްނާ ހަލީމް އެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ލިބުނީ ދެ މީހަކަށް މެލޭޝިއާ ދެކޮޅު ޓިކެޓެވެ.

މީގެ އިތުރުން "އޭސް އިންސްޓަރަގްރާމް ކެއްކުން ވިތް އޭސް ފޮޓޯ ކޮންޓެސްޓް" ގެ އެންމެ ގިނަ ލައިކް ހޯދައިގެން އިނާމު ލިބުނީ ފާތުމަތު ހުލައިލާ އަށެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ދީފައިވަނީ 999.99ރ. ގެ ހެލިލްޓަން ބީޗް ބްރޭންޑުގެ ޑިިޖިޓަލް ރައިސް ކުކަރެކެވެ. މި ޕްރޮމޯޝަންގެ އިތުރުން ރޯދަ މަހު ކުރިއަށް ގެންދިޔަ "މޭކް އޯވާ ވިތް އޭސް ކޮންޓެސްޓް" މުބާރާތުގައި އެންމެ ގިނަ ލައިކް ހޯދައިގެން 2999.99ރ. ގެ އަގުހުރި ގްރިލް ލިބުނީ ސަމިއްޔާ މުހައްމަދު އަށެވެ.

މި ހުރިހާ އިނާމުތަކެއް ލިބުނު މީހުންނަށްވުރެ ހަމަ ގައިމުވެސް އެންމެ އުފާވާނެ އެކަމަކީ 300،000ރ. ގެ ނަގުދު ފައިސާ ލިބުނު ހުސެއިންއެވެ. އޭނާއަށް މި އިނާމު ލިބުނީ ކުލަ ފާޓާއެއް ގަނެގެންނެވެ.