ވިޔަފާރި

ޕެންޝަން ބޯޑަށް ޕްރައިވެޓް ސެކްޓާ ތަމްސީލްކުރާ ދެ މެންބަރުން ހޮވަނީ

May 31, 2015
1

ޕެންޝަން ބޯޑުގައި ހިމެނޭ ޕްރައިވެޓް ސެކްޓާ ތަމްސީލް ކުރާ ދެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޕެންޝަން އޮފިހުން ހުޅުވާލައިފި އެވެ.

ޕެންޝަން އޮފީހުން ބުނީ، ޕެންޝަން ގާނޫނުގައި ވާ ގޮތުގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ އަށް މެންބަރުންގެ މައްޗަށް އެކުލަވައިލެވިފައިވާ ބޯޑަކުން ކަމަށާއި، މި ގޮތުން މިހާރު އެކުލަވައިލާފައިވާ ބޯޑުގައި ހިމެނޭ ޕްރައިވެޓް ސެކްޓާ ތަމްސީލް ކުރާ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުންގެ ޖާގަ ހުސްވާ ކަމަށެވެ.

ޕެންޝަން އޮފީހުން ބުނީ މި މަގާމަށް ކުރިމަތިލާ ފަރާތަކީ ވިޔަފާރީގެ ރޮނގުން ނުވަތަ އިގްތިސާދީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަށް ވާންވާނެ ކަމަށެވެ. އަދި މާލީ ނުވަތަ އިންވެސްޓްމަންޓުގެ ދާއިރާ އިން ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް ވާން ވާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހުން ކަމުގައި ވެގެންނުވާނެ ކަމަށް ޕެންޝަން ވެސް އޮފީހުން ބުނެފައިވެ އެވެ.

"...ބޯޑުގެ އެއްވެސް މަގާމަކަށް ކުރިމަތިލައްވާ ބޭފުޅަކީ، މިބޯޑަށް ހުށަހެޅުމަށް ޝަތުރު ހަމަވާ ބޭފުޅުން ކަނޑައެޅުމަށް އެކުލަވައިލާފައިވާ ސިލެކްޝަން ކޮމިޓީގެ މެންބަރުންނާއި، މިނިސްޓަރުންނާއި، އެފެންވަރަށްވުރެ މަތީ މަޤާމެއް ފުރަމުންގެންދާ މީހެއްގެ އާއިލާގެ މީހަކަށް (އަނބިމީހާ، ފިރިމީހާ، މައިންބަފައިން، ދަރިއެއް، އެއްބަނޑު އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާމީހަކަށް) ވެގެން ނުވާނެއެވެ. އަދި މިބޯޑަށް ހުށަހަޅާނެ ބޭފުޅުން ކަނޑައަޅާއިރު، މީގެއިތުރުން ވެސް މިބޯޑުގެ މުސްތަގިއްލު ކަން ދެމެހެއްޓުމަށާއި، މަސްލަގަތު ފުށުއަރާ ކަންކަން ނައްތާލުމަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށާއި، ކުރަންޖެހޭ ކަންތައް ކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ސިލެކްޝަން ކޮމިޓީން އަޅާނެ އެވެ،" ޕެންޝަން އޮފީހުން ބުންޏެވެ.

ޕެންޝަން ބޯޑު އެކުލަވާލާފައިވަނީ ބޯޑުގެ ޗެއާޕާސަން އާއި، ސެކިއުރިޓީސް މާކެޓް ރެގިއުލޭޓާގެ އިސް މުވައްޒަފަކާއި، ފިނޭންސް އެންޑް ޓްރެޒަރީ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެކެވެ. އަދި މީގެ އިތުރުން ހިމެނެނީ ދައުލަތުގެ ވަޒީފާއެއް އަދާނުކުރާ، ސަރުކާރުގެ ވަޒީފާއެއްގައި ނޫޅޭ، ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު މެންބަރުންގެ މައްޗަށެވެ.