ހަބަރު

އެމްޑީޕީގެ އިސް ބޭފުޅުންގެ ގަޔަށް ކަޅު ތެޔޮ ޖަހައިފި

ހުޅުމާލޭގައި އެމްޑީޕީގެ އިސް ބޭފުޅުންތަކެއްގެ ގަޔަށް ކަޅު ތެޔޮ ޖަހައިފި އެވެ. ކަޅު ތެޔޮ ޖެހީ އެމްޑީޕީއިން ހުޅުމާލެ ދިޔަ ދޮރުން ދޮރަށް ކެމްޕެއިންގެ އިސް ބޭފުޅުންތަކެއްގެ ގަޔަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒާއި މާލޭ ސިޓީގެ ކުރީގެ މޭޔާ މުހައްމަދު ޝިހާބުގެ ގަޔަށް ވަނީ ދޮރުން ދޮރަށް ކެމްޕެއިނުގައި އުޅުއްވަނިކޮށް ކަޅު ތެޔޮ ޖަހާފަ އެވެ.

މީގެއިތުރުން އެ ހަރަކާތް ކަވާކުރަމުން ދިޔަ ރާއްޖެޓީވީގެ ނޫސްވެރިޔާ އާއި ކެމެރާމަނާއި ސަންގް ޓީވީގެ ކެމެރާމަން ގަޔަށް ވެސް ބަޔަކު މިއަދު ވަނީ ކަޅު ތެޔޮ ޖަހާފަ އެވެ. ބައެއް އާންމުންގެ ގަޔަށް ވެސް ކަޅު ތެލުގެ އަސަރު ވަނީ ކޮށްފަ އެވެ.

އެ ބޭފުޅުންގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވާއިރު އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ދެ ފަހަރެއްގެ މަތިން މަގުމަތިން ހުރަސް އަޅައި ހަމަނުޖެހުން ހިންގައި އިބޫއަށް ހަމަލާ ދޭން ވެސް މިއަދު ހުޅުމާލޭގައި ބަޔަކު މަސައްކަތް ކޮށްފައިވެ އެވެ.

އެމްޑީޕީއިން މީގެކުރިން މާލޭ އާއި ވިލިމާލޭގައި ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދިޔަ އެވެ. ހުޅުމާލެއާ ހިލާފަށް މާލެ އާއި ވިލިމާލޭގައި އެ ހަރަކާތް ދިޔައީ އަމާންކޮށެވެ.