ހަބަރު

މުފްތީ މެންކް ޝަހީމަށް މަރުހަބާ ކިޔައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓަކަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރުމާ ގުޅިގެން ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ޝަހީމްއަށް މަރުހަބާ ކިޔައިފި އެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމްގެ ނަން ހުށަހަޅާ ޕީޕީއެމްގެ ކައުންސިލްގެ އިއްތިފާގުން ފާސްވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. އެކަމާ ގުޅިގެން ޝަހީމްއަށް މަރުހަބާ ކިޔަމުން މުފްތީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަހީމް ހާސިލްކޮށްފައިވާ ކާމިޔާބުތަކާ މެދު ވަރަށް ފަހުރުވެރިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ރަނގަޅު ދުވަސްތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މުފްތީ ކުރި ޓްވީޓު

މުފްތީއަކީ މީގެ ކުރިން ވެސް އެކި ފަހަރުގެ މަތިން ރާއްޖެ ވަޑައިގެން ދަރުސް ދެއްވާ ބޭފުޅެކެވެ. ވަރަށް ގިނަ ދިވެހިންނާއި ދުނިޔޭގެ ތާއީދާއި ލޯބި ހޯދާފައިވަ މުފްތީގެ ދަރުސްތަކަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ އިންތިޒާރު ކުރާ ދަރުސްތަކެކެވެ.

އެންމެ ފަހުން މުފްތީ ރާއްޖެ ވަޑައިގަތީ 2016 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އެ ފަހަރުގައި ވެސް ދަރުސް ދެއްވުމުގެ އިތުރުން ހުކުރު ނަމާދުގެ އިމާމްވެސް އޭނާ ކުރެއްވި އެވެ.