ދުނިޔެ

މީހުން މަރާ މިނިކާވަގު" ދޫކޮށްލަން އިންޑިއާގެ ކޯޓަކުން ދެކޮޅު ހަދައިފި

May 31, 2015

 

މީހުން މަރާ ގާތިލެއް ކަމަށް ނިންމައި ބަންދުކޮށްފައި އޮތް މިނިކާވަގެއް ދޫކޮށްލަން އިންޑިއާގެ ރާޖަސްތާނުގެ ކޯޓަކުން ދެކޮޅު ހަދައިފި އެވެ.

ރާޖަސްތާނު ސްޓޭޓުގައި އޮންނަ 400 އަކަފޫޓު ބޮޑު ރަންތަމްބޯ ނެޝެނަލް ޕާކުގައި އުޅުނު އުސްތާދުގެ ނަން ދީފައިވާ އުމުރުން ނުވަ އަހަރުގެ މިނިކާވަގު ވަނީ އެ ތަނާ 400 ކިލޯމީޓަރު ދުރުގައި ހަދާފައިވާ ޒުލަކަށް މި މަހު ކުރީކޮޅު ބަދަލުކޮށްފަ އެވެ. އެ ސްޓޭޓުގެ އުދައިޕޫރު ސިޓީގައި ހަދާފައިވާ އެ ޒުލުގައި، އެ ސޮރު ހޭނެއްތުމަށް ފަހު ބާއްވާފައި އޮންނަނީ ކުޑަ ކޮއްޓަކަށް ލާފަ އެވެ.

އެ ފިޔަވަޅު އަޅާފައި ވަނީ ތިން މަރަކާ ގުޅިގެންނެވެ. އެއީ ރަންތަމްބޯ ޕާކުގެ ގާޑެއްގެ ގޮތުގައި މަސައްކަތްކުރި 53 އަހަރުގެ މީހަކު މި މަހު 8 ގައި މަރާލުމާއި 23 އަހަރުގެ އާއްމު ފަރުދަކު 2010 ގައި މަރާލުމުގެ އިތުރަށް މާޗު 2012 ގައި 19 އަހަރުގެ ޒުވާނަކު މަރާލި މައްސަލައިގަ އެވެ.

ސްޓޭޓް ސަރުކާރުން އެ ފިޔަވަޅު އެޅުމުން ދެރަވެގެން، މިނިކާވަގު ހިމާޔަތްކުރަން މަސައްކަތްކުރާ ޗަންދުރަމައުލަޝްވަރު ސިންހް ވަނީ ރާޖަސްތާނުގެ ހައި ކޯޓަށް އެ މައްސަލަ ހުށަހަޅާފަ އެވެ. އުސްތާދު އެ ގޮތަށް ބޭއްވުމަކީ ޖަނަވާރު ހިމާޔަތްކުރުމާ ބެހޭ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ބުނެ، ރަންތަމްބޯ ނެޝެނަލް ޕާކަށް އާއްމުކޮށް ޒިޔާރަތްކުރާ ސިންހް ވަނީ އުސްތާދު ދޫކޮށްލުމުގެ ހުއްދަ އަށް ކޯޓުގައި އެދިފަ އެވެ.

އެކަމަކު، ކޯޓުން ބުނީ އުސްތާދު ޒުލަށް ބަދަލުކުރުމަކީ އަވަސް އަރުވާލައިގެން، މަގުބޫލު ސަބަބެއް ނެތި ނިންމި ނިންމުމެއް ކަމަށް ކަނޑައެޅޭނެ ހަަމައެއް ނެތް ކަމަށެވެ. އެއީ ޓޫރިޒަމް ސިނާއަތް ހިމާޔަތްކުރަން އެކަނި އެޅި ފިޔަވަޅެއް ކަމަށް ސިންހް ބުނާ ބުނުމުގައި އަސާސެއް ނެތް ކަމަށް ވެސް ކޯޓުން ނިންމި އެވެ. އެއީ، އެ ކޯޓުން ފާހަގަކުރި ގޮތުގައި، ޓޫރިޒަމް ސިނާއަތް ކުރިއެރުވުމުގައި މިނިކާވަގު ފަދަ ތަކެތި ދޫކޮށްލާފައި ބޭތިއްބުން މުހިއްމު ކަމަށް ކޯޓުން ބުންޏެވެ.

ހައި ކޯޓުގެ ނިންމުމާ އެކު ކޮންމެވެސް ވަރަކަށް މާޔޫސްވެފައި ވިޔަސް، ސިންހް ވަނީ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

އިންޑިއާ އަކީ އެންމެ ގިނަ އަދަދެއްގެ މިނިކާވަގު އުޅޭ ގައުމެވެ. އެ ގޮތުން، މިނިކާވަގުގެ އާބީދީގެ 70 ޕަސެންޓް އެ ގައުމުގައި އުޅެ އެވެ. އިންޑިއާގައި 2،226 މިނިކާވަގު އުޅޭ ކަމަށް މިދިޔަ އަހަރު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެކަމަކު، މިނިކާވަގު ނެތުމުގެ ބިރު އިންޑިއާގައި ވެސް ވަނީ ބޮޑުވެފަ އެވެ.