ހަބަރު

ބަޔާނެއް ނެރެގެން ދިއްދޫ ކައުންސިލަރުންގެ މައްޗަށް ދައުވާކޮށްފި

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި ހއ. ދިއްދޫ ކައުންސިލް މެންބަރުން ސޮއިކުރައްވައި ނެރުނު ބަޔާނާ ގުޅިގެން އެ މެންބަރުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފި އެވެ.

ދައުވާ އުފުލާފައިވަނީ ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމާއި ނައިބު ރައީސް މުހައްމަދު ހާޝިމާއި ކައުންސިލް މެންބަރު ޒުހުދާ އަދި ކައުންސިލްގެ އޭރުގެ ޒިންމާދާރުވެރިޔާ އަބްދުﷲ މަތީންގެ މައްޗަށެވެ. ބަޔާން ނެރެފައިވަނީ އެ ކައުންސިލްގެ ހަތަރު މެންބަރަކު ސޮއި ކުރައްވާ އެވެ. އެ ކައުންސިލަރަކީ އެމްޑީޕީ މެންބަރުން ތިއްބަވާ ކައުންސިލެކެވެ.

އަލީ ހާޝިމްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުން ތެދުކަން ދެއްކުމުގެ ދައުވާ އާއި ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އަނެއް ތިން ބޭފުޅުންގެ މައްޗަށް އުފުލީ ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެކަންޏެވެ. ދައުވާ ކޮށްފައިވަނީ ބަޔާން ނެރުނީ ކައުންސިލް ބައްދަލުވުމެއް ނުބާއްވާ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ކައުންސިލްގެ ރައީސް އަލީ ހާޝިމް މީގެކުރިން ހައްޔަރު ވެސް ކުރި އެވެ.

މިކަމާ ގުޅިގެން އަވަސްއާ ވާހަކަ ދައްކަވަމުން އަލީ ހާޝިމް ވިދާޅުވީ، ދައުވާތައް ކޮށްފައިވަނީ އެ ކައުންސިލަރުންގެ ގާނޫނީ ވާޖިބަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. ކައުންސިލުން ނެރުނު ބަޔާނަކާ ގުޅިގެން ދައުވާ އުފުލީ ސަރުކާރުން ބިރު ދެއްކުމުގެ މަގުސަދުގައި ކަމަށެވެ.

މައްސަލާގެ ލިޔުންތައް ހަވާލުކުރުމަށް މާދަމާ ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވާން ހަތަރު ބޭފުޅުން ވަނީ ޗިޓް ފޮނުވާފަ އެވެ.

ދިއްދޫ ކައުންސިލަރުންގެ މައްޗަށް ޖިނާއީ ދައުވާކޮށް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވާފައިވާއިރު މި މަހުގެ 18 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ދިއްދޫއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.