ހަބަރު

ފާރިޝްއަށް ތާއީދު ހޯއްދެވުމަށް ރައީސް ދިއްގަރު ދާއިރާއަށް ވަޑައިގެންފި

May 31, 2015

ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާއަށް ކުރިމަތިލައްވާފައިވާ، ފާރިޝް މައުމޫނަށް ތާއީދު ހޯއްދަވައި ދެއްވުމަށް ޓަކައި އެ ދާއިރާގެ ތިން ރަށަށް ރައީސް އަބްދު ﷲ ޔާމީން މިއަދު ދަތުރުފުޅެއް ފައްޓަވައިފި އެވެ.

އެގޮތުން މިއަދު ހެނދުނު އެންމެ ފުރަތަމަ ރައީސް ވަޑައިގެންނެވީ ދިއްގަރަށެވެ. ފާރިޝް އާއި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބާއި އެހެން ވެސް ކެބިނެޓްގެ ބައެއް މިނިސްޓަރުން އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ބައިވެރިވެ ވަޑައިގަންނަވާ އެ ވަފުދު ދިއްގަރަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ އެ މަނިކުފާނަށާއި ވަފުދަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ރައީސް އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން މިހާރު ދަނީ ކުރިއަށެވެ. ދިއްގަރު ދާއިރާގެ އަނެއް ދެ ރަށަށް ވެސް ރައީސް މިއަދު ދަތުރުފުޅު ކުރައްވައި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިއްގަރު ދާއިރާގެ ގޮޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި އަހުމަދު ނާޒިމްގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމާ ގުޅިގެންނެވެ.

ފާރިޝްގެ އިތުރުން އެ ދާއިރާއަށް ދެން ވާދަ ކުރައްވަނީ އެމްޑޕީގެ ފަރާތުން އަހުމަދު ރާޒީ އާއި އަމިއްލަ ގޮތުން އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރެވެ. ދިއްގަރު ދާއިރާގެ އިންތިހާބު އޮތީ އަންނަ މަހު ހަ އެއްގަ އެވެ. އެ އިންތިހާބާ ދިމާކޮށް ސަރުކާރުން ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް އެ ދާއިރާގެ ރަށްތަކުގައި ވަނީ ފަށައިފަ އެވެ.