ހަބަރު

ރަނިންމޭޓް ކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް: އައިޝާ

ޖުމްހޫރީ ޕާޓީގެ ފަރާތުން އިދިކޮޅު ކޯލިޝަނަށް ނެރޭ ރަނިންމޭޓަކަށްވުމުގެ ވިސްނުމެއް ނެތް ކަމަށް ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝާ މިހެން ވިދާޅުވިއިރު ސޯޝަލް މީޑިއާގައި އޭނާ ރަނިންމޭޓް ކަމަށް ގެންނަން ދިޔައީ ކެމްޕެއިން ކުރަމުންނެވެ. އަދި ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ އައިޝާ ރަނިންމޭޓް ކަމަށް ގެންނަން ތާއިދު ކުރައްވާފަ އެވެ. އެކަމުގެ ސަބަބުން އިދިކޮޅު ޕާޓީތަކުގެ މެދުގައި ނުތަނަވަސްކަން ވެސް އުފެދުނެވެ. އަދާލަތު ޕާޓީން ވަނީ އަންހެން ރަނިންމޭޓަކު ގަބޫލުކުރަން އުނދަގޫވާނެ ކަމަށް ބުނެފަ އެވެ.

އައިޝާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރަނިންމޭޓް ކަމަށް ވާދަކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށާއި
އަދި އެއްވެސް ސިފައެއްގައި އެކަމަށް ޝައުގުވެރިކަން ފާޅު ކޮށްފައެއް ނުވާނެ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ދެމިހުންނާނީ ދިވެހި ރައްޔިތުންގެ ހައްގުގައި ޖުމްހޫރީ ޕާޓީ އާއި ގުޅިފައިވާ އިއްތިހާދުން ކުރަމުންދާ
އިސްލާހީ މަސައްކަތުގައި އެހީތެރިވެ މި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ގައުމަށް ހަމަޖެހުން ގެނައުމުގެ މަސައްކަތުގައެވެ. އަދި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދޭން ވަކާލާތު ކުރުމުގައެވެ." އައިޝާ ވިދާޅުވި އެވެ.

އައިޝާ ވިދާޅުވީ، ސިޔާސީ މައިދާނަށް ނުކުތުމުގައި ހިތްވަރު ދެއްވި އެންމެހައި ފަރާތްތަކަށާއި ތާއީދުކޮށް ހިތްވަރު ދެއްވަމުން ގެންދަވާ އެންމެހައި ފަރާތްތަކަށް ވަރަށް އިހްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ ދުއާއަކީ ނުހައްގުން އަނިޔާ ލިބެމުންދާ ފަރާތްތަކާއި ބޭއިންސާފުން ޖަލަށް ލާން ހުކުމް ކޮށްފައިވާ އެންމެހައި
ފަރާތްތައް މިނިވަންވެ، ދައުލަތުގެ މުވައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާވެ، ގައުމަށާއި ރައްޔިތުންނަށް ހަމަޖެހުން ލިބި ދިވެހި ރައްޔިތުން އެދޭ ފަދަ ވެރިކަމެއް މި ގައުމުގައި ގާއިމް ވުމެވެ." އައިޝާ ވިދާޅުވި އެވެ.

އައިޝާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގަ އެވެ. އޭނާ ވަނީ ޕާޓީގެ ކައުންސިލް މެންބަރު ކަމަށް ވާދަ ކުރައްވައި އެ މަގާމު ބޮޑު އަގުލަބިއްޔަތުން ހޯދައްވާފަ އެވެ.