ހަބަރު

މުދާ އެތެރެކޮށްގެން މިދިޔަ މަހު 223 މިލިއަން ރުފިޔާ ލިބިއްޖެ

އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް މިދިޔަ މަހު ލިބުނު އާމްދަނީ 223 މިލިއަންއަށް އަރާފައިވާ ކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އެތެރެ ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު 23 ޕަސަންޓު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހު 2.89 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު މިދިޔަ މަހު އެތެރެކޮށްފައި ވަނީ 3.55 ބިލިއަން ރުފިޔާގެ މުދަލެވެ.

އެތަކެތިން ނެގި އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއަށް ވުރެ މިދިޔަ މަހު ލިބުނު އާމްދަނީ ހަތަރު ޕަސަންޓު އިތުރުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން މުދާ އެތެރެކޮށްގެން މިދިޔަ އަހަރުގެ ޖޫން މަހު 215 މިލިއަން ރުފިޔާގެ ލިބިފައިވާ އިރު މިދިޔަ މަހު 225 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މުދާ އިމްޕޯޓު ކުރި މުދަލުގެ އަގުގެ ގޮތުން ބަލާއިރު 24 ޕަސަންޓު އެތެރެ ކުރީ ޔޫއޭއީ އިންނެވެ. އަދި 15 ޕަސަންޓު މުދާ ޗައިނާއިން އެތެރެ ކުރި އިރު 10 ޕަސަންޓު މުދާ އެތެރެ ކުރީ ސިންގަޕޫރުންނެވެ.

މިދިޔަ މަހު އެކްސްޕޯޓު ކުރި މިންވަރު ވެސް 46 ޕަސަންޓު އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހު 422 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާ އިރު މިދިޔަ މަހު އެކްސްޕޯޓު ކުރީ 616 މިލިއަން ރުފިޔާގެ މުދާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން މުދަލުގެ 27 ޕަސަންޓު އެކްސްޕޯޓުކޮށްފައި ވަނީ ޖަރުމަނަށެވެ. އަދި އެމެރިކާ ތައިލެންޑާއި ފްރާންސްއަށް 11 ޕަސަންޓު އެކްސްޕޯޓުކޮށްފައިވާ އިރު އަށް ޕަސަންޓު އެކްސްޕޯޓު ކުރީ ސުވިޒަލަންޑަށް ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކަ އެވެ.