ލައިފްސްޓައިލް

ލޯބީގެ ޒަހަމް ފިލުވަން ސައިންސްގެ އެހީއެއް!

Jul 15, 2018

ލޯބީގައި ކުނި ޖެހި ހިތް ކުދިކުދި ވުމަށްވުރެ ބޮޑެތި ކަންކަން ހުންނާނެ އެވެ. އެކަމަކު ހިތުގައި ރިހޭ ރިހުން އެނގޭނީވެސް އެކަން ތަޖުރިބާކުރި މީހަކަށެވެ.

ރަހުމަތްތެރިއަކު ކުރި ކޯލަކުން ހިތުގައި ހަމްދަރުދީއެއް އުފެދުނެވެ. ޗުއްޓީގައި ރަށަކަށް ގޮސް ކުއްޖެއްގެ އަތުކުރީގައި ހިފައިގެން ނޑުދޮށުގައި އޭނާގެ ލޯބިވެރިޔާ ހުއްޓައި މީހަކު ނަގާފައި ދެއްކި ފޮޓޯއަކުން ހިތުގައި ޖެހުނީ އެވެ. ހިތް ޒަހަމްވެ ކުދިކުދިވެގެންނެވެ.

މި ކަމެއް ހިނގައި ދިއުމުން ސުވާލެއް އުފެދެ އެވެ. ރަނގަޅު ބްރޭކްއަޕެއް އޮވެދާނެ ހެއްޔެވެ؟ ނޫނީ ސުލްހަވެރިކޮށް ލޯބީގެ ގުޅުމެއްގައި ނިމުމުގެ ސިއްކަ ޖެހިދާނެ ހެއްޔެވެ؟

ބްރޭކްއަޕް އަކީ ކޮބާ؟

ބޭރުގެ ބައެއް ބިހޭވިއަރަލް ސައިކޮލޮޖިސްޓުންގެ ނަޒަރުގައި ބްރޭކްއަޕް އަކީ ދެރަވެގެން ގޮސް ހިތުގެ ޖަޒުބާތުތައް ބަންޑުންވެ ސިކުނޑި ސުމަކަށް ދާ ފަދަ ހާލަތެއް ތަޖުރިބާކުރަން ޖެހުމަށް ދީފައިވާ ނަމެކެވެ.

"މި ހާލަތުގައި ކުރެވޭ އިހުސާސް، ބޭރުފުށުން އެކި މީހުން ދައްކައި އުޅޭ މިންވަރު ތަފާތުވާއިރު، ދުވަހަކުވެސް މި ހިތާމައިން އަރައިނުގަނެވޭނެ ކަމަށް މިހާލަތުގައި ގަބޫލުކުރެވުމަކީ ވަރަށް އާންމުކަމެއް،" އެމެރިކާގެ ބިހޭވިއަރަލް ސައިކޮލޮޖިސްޓް ޖޯ ހެމިންގްސް އޭނާގެ ފޮތުގައި ލިޔެފައިވެ އެވެ.

ލިބޭ އަނިޔާއާއި މޮޮޅިވެރިކަމަށް ޒިންމާވާ ހާއްސަ ބައެއް އަހަރެމެންގެ ސިނކުނޑީގައިވެ އެވެ. މި ބައިގެ އެންމެ މުހިއްމު މަސައްކަތަކީ ކަމަކާ ވިދިގެން ލިބޭ ހިތާމައާ ގުޅިގެން ވިތްޑްރޯވަލް އިމޯޝަން އުފަން ކުރުމެވެ. މިސާލަކަށް، ބޭވަފާތެރިވި ލޯބިވެރިޔާ އަށް ގުޅައި ރޮއެ އާދޭސްކުރުން ފަދަ ކަންކަން ހިމެނެ އެވެ. ބްރޭކްއަޕަކާ ވިދިގެން މީހާ ހަމައަކަށް އެޅެން އުނދަގޫ އެއް ސަބަބަކީ މިއެވެ.


ހިތްދަތި ބްރޭކްއަޕެއްގައި ދެރަ ލިބޭ މީހާ އާންމުކޮށް ފަސް ސްޓޭޖެއް ތަޖުރިބާކުރެ އެވެ. ފުރަތަމަ އަންނާނީ އޭނާ އަށް ކުރިތިވި ހާލަތު ގަބޫލުކުރަން ބޭނުން ނުވާ މަރުހަލާއެވެ. އެއަށްފަހު އަންނާނީ ރުޅި އެވެ. އެއަށްފަހު ނިންމުމާމެދު ދެފަރާތުން ބާގެއިން ކުރުން ވަކި ހިސާބަކަށް ކުރިއަށްދާނެ އެވެ. އަދި އެއަށްފަހު ޑިޕްރެޝަންގެ ތެރެއަށް މީހާ ވެއްޓެ އެވެ. ޑިޕްރެޝަން މަރުހަލާ ނިމޭއިރު ހެޔޮ ވިސްނި ހާލަތު ގަބޫލުކުރެވޭނެ އެވެ. މިއީ ބްރޭކްއަޕްގެ މަރުހަލާތައް ޖޯގެ ފޮތުގައި އޭނާ ތަރުތީބުކޮށްފައިވާ ގޮތެވެ.

ބްރޭކްއަޕަކުން އަރައިގަންނާނީ ކިހިނެއް؟

ތަޖުރިބާކާރުންގެ ނަޒަރުގައި ހިތުގެ ވޭނުން އަރައިގަތުމަކީ މޮޅު ހުނަރެއް ނެރުން ފަދަ ކަމެކެވެ. އެކަމަކު މީގެ މާނައަކީ މިކަމަށް ސައިންސްގެ އެހީތެރިކަމެއް ނެތް ވާހަކައެއް ނޫނެވެ. ވަރަށް ގިނަ ސައިންސް ވެރިން ވަނީ ލޯބީގެ ގުޅުންތައް ނިމޭ ގޮތާއި މިކަމުގެ ހައްލު ހޯދަން ކުރަންޖެހޭ ކަންކަން ދިރާސާކޮށް ދެނެގަނެފަ އެވެ.

ވަރަށް ފަހުން އެމެރިކާގައި އާންމުކުރި ސައިކޮލޮޖިކަލް ޖާނަލްއެއްގައި ލޯތްބާއި ބްރޭކްއަޕް ގެ ވާހަކަ ގެނެސްފައިވެ އެވެ. އަދި ބްރޭކްއަޕަކުން އަރައިގަންނާނެ ގޮތްތަކެއްވެސް ހިމަނާފައިވެ އެވެ.

ފުރަތަމަ ކަމެއްގެ ގޮތުން، ބްރޭކްއަޕަކުން އަރައިގަތުމަށް ކުރީގެ ލޯބިވެރިޔާގެ ހުރި ގޯސް ސިފަތައް ފާހަގަކުރުން ހިމަނާފައިވެ އެވެ. އަދި އެކްސް ދެކެ ލޯބި ވާކަން ގަބޫލުކުކުރުމާއި ގޯސް ހިޔާލުތައް އަންނަ އިރު އެކަމާ ގުޅުމެއް ނެތް، އުފާވެރި ހަނދާނެއް ނުވަތަ ކަމެއްގެ މަތިން ހަނދާންކުރަން މަސައްކަތް ކުރުމަކީ ބްރޭކްއަޕްއިން އަރައިގަންނަން އެހީވެދޭނެ އެންމެ މުޖައްރިބު ތިން ކަންތަކުގެ ގޮތުގައި އެ ޖާނަލްގައި ފާހަގަކޮށްފައިވެ އެވެ.

ސައިކޮލޮޖިސްޓް ޖޯގެ ނަޒަރުގައި މި ނޫނަސް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. އެގޮތުން ފޭސްބުކުން ކުރީގެ ލޯބިވެރިޔާ އަންފްރައިންޑް ކޮށްލުމާއި، ކޮންމެ ކޮންމެ ރައްޓެއްސެއްގެ ގާތު ވާހަކަ ދެއްކުމުގެ ބަދަލުގައި އިތުބާރުކުރެވޭ ރަހުމަތްތެރިއަކަށް އިހުސާސްތައް ކިޔައިދިނުން، ނުވަތަ ޑައިރީއެއް ފަދަ ފޮތެއްގައި ތިމާގެ އިހުސާސް ހިއްސާކުރުމަކީ ވެސް ބްރޭކްއަޕްގެ ވޭނުން އަރައިގަންނަން އެހީވެދޭނެ ކަންކަމުގެ ގޮތުގައި ޖޯ ސިފަކުރެ އެވެ.

"މާ ހަރުކަށި ކަންކަން ކަމަށް ހީވިޔަސް، ކުރީގެ ލޯބިވެރިޔާގެ ފޮޓޯތައް ޑިލީޓް ކުރުމާއި ހާއްސަކޮށް ދަންވަރު މެސެޖްކޮށް ނުގުޅުމާއި، ސޯޝަލް މީޑިއާގައި އޭނާ އުޅޭ ނޫޅޭގޮތް ނުބެލުން ފަދަ ކަންކަން ކުރުމުން ހަމައަކަށް އެޅެން އެހީތެރިވެދޭނެ،" ޖޯ ބުނެފައިވެ އެވެ.

އެހެންވީމާ ބްރޭކްއަޕް ވުމާއެކު ކުރީގެ ލޯބިވެރިޔާ ދެކެ ލޯބި ނުވާކަން އަމިއްލަ ނަފްސަށް ވިސްނައިދޭން ނުހަދާށެވެ. އޭނާގެ ކިބައިގައިވެސް ރަނގަޅުކަންކަން ހުރިކަން ގަބޫލުކޮށް، ހަމަ އެ ސިފަ ހުންނާނެ އެހެންމީހުން ވެސް ދުނިޔޭގައި ތިބޭނެ ކަން ހިތަށް ވިސްނައިދޭށެވެ. އޭރުން ނަގާނީ ހަމަ ކުޑަ ދުވަސްކޮޅެކެވެ.

ހިތުގެ އެތިކޮޅުތައް ގުޅި ފަސޭހަވާން ކިހާ ދުވަހެއް ނަގާނެ؟

ލޯބީގެ މައްސަލަތަކަކީ އަވަސް އަރުވާލައިގެން ވާނެ ކަންތައްތަކެއް ނޫނެވެ. ލޯބި ވާންވެސް ވަގުތު ނަގާނެ އެވެ. ލޯތްބާ ދުރަށް ދާން ވެސް ވަގުތު ނަގާނެ އެވެ. ބްރޭކްއަޕެއް ޕޮޒިޓިވްކޮށް ނަގައިގަންނަން މަދުވެގެން ތިން މަސް ދުވަސް ނަގާނެ ކަމަށް ސައިކޮލޮޖިސްޓުން އެއްބަސްވެ އެވެ.

އެކަމަކު ކުރިންވެސް ބުނިހެން، ލޯތްބަކީ ސައިންސެއް ނޫނެވެ. އެކި މީހުން މި މަރުހަލާގައި ނަގާ ވަގުތު ތަފާތުވާނެ އެވެ. އެކަމަކު ވިސްނަންވީ އެއްވެސް މީހަކީ އެއްވެސް އިރެއްގައި އެއްވެސް ކަމަކާހެދި ލޯބި ހައްގު ނޫން މީހެއް ނޫންކަމެވެ. ކަންކަމާމެދު ރަނގަޅަށް ދެކޭނަމަ އަލުން އަނެއްކާވެސް ހަޔާތަށް ބަހާރު މޫސުން އައިސް ލޯބީގެ މާތަށް ފޮޅިގަންނަން މާގިނަ ދުވަހެއް ނުނަގާނެ އެވެ.