ދުނިޔެ

ބައިސްކަލް އެކްސިޑެންޓެއްގައި ފަޔަށް ތަދުވުމުން ޖޯން ކެރީ އެޑްމިޓްކޮށްފި

May 31, 2015

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ދުއްވި ބައިސްކަލް އެކްސިޑެންޓްވެ، ފަޔަށް ތަދުވުމާ ގުޅިގެން މިއަދު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ފްރާންސްގެ ދެކުނުގެ ފަރުބަދަމަތީ އަވަށެެއް ކަމަށްވާ ސިސިއެންޒިއާގަ އެވެ. ކެރީގެ ފަޔަށް ލިބުނު އަނިޔާ އަށް ފަރުވާ ދިނުމަށް، ސްވިޓްޒަލެންޑުގެ ޖެނީވާގައި ހުންނަ ޖެނީވާ ޔުނިވަސިޓީ ހޮސްޕިޓަލަށް ހެލިކޮޕްޓަރެއްގައި ގެންގޮސްފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

"އެކްސިޑެންޓް ހިނގިއިރު، ސެކްރެޓަރީގެ މޮޓޯކޭޑާ އެކު ޑޮކްޓަރަކާއި ޕެރަމެޑިކުންގެ ޓީމެއް ހަރަކާތްތެރިވަމުން ދިޔަ،" އެ ބަޔާނުގައިވެ އެވެ.

"ހޭނެތުން ކަހަލަ ކަމެއް މެދުވެރިއެއް ނުވޭ. ކެރީގެ ހާލު ސްޓޭބަލް."

މި އެކްސިޑެންޓް ހިނގާފައި ވަނީ ފްރާންސް ގަޑިން ހެނދުނު 9:40 ހާއިރު އެވެ.

ސިސިއެންޒިއާ އޮންނަނީ ފްރާންސާއި ސްވިޓްޒަލެންޑު ގުޅޭ ބޯޑަރު ކައިރީގަ އެވެ. ކެރީ ފްރާންސްގެ އެ އަވަށަށް ވަޑައިގަތީ ޖެނީވާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، ރަސްމީ މަސައްކަތަށް ފަހު އަރާމުކޮށްލެއްވުމަށެވެ.

ކެރީ ޖެނީވާ އަށް ވަޑައިގެން އުޅުއްވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި ދުނިޔޭގެ ބާރުތަކާއި އީރާނާ އެކު އެއްބަސްވުމަކަށް އައުމަށް ކުރަމުން ގެންދާ މަޝްވަރާތައް އަލުން ފެއްޓެވުމަށެވެ. އެ ގޮތުން، އޭނާ ވަނީ އިއްޔެ އީރާންގެ ހާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒާރިފްއާ ބައްދަލުކުރައްވާފަ އެވެ. އެކަމަކު އެ ވާހަކަތަކުން އެދެވޭ ނަތީޖާއެއް ނެރެވޭ ގޮތެއް ނުވި އެވެ.