ހަބަރު

ނުރުހުން އަމާޒުވެ ޝަހީމް ޓްވީޓް ޑިލީޓްކޮށްފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޒުވާނުންތަކަކާއެކު ނަގާފައިވާ ފޮޓޯ އެއް ޓްވީޓު ކުރި މައްސަލަ ހޫނުވެ އެ ކުދިންގެ ފާޑު ކިޔުން ޝަހީމްއަށް އަމާޒުވެ، ޓްވީޓު ޑިލީޓުކޮށްލައިފި އެވެ.

މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގައި 2016 ވަނަ އަހަރު ކިޔަވަން ތިބި ދަރިވަރުންތަކަކާއެކު ޝަހީމް ސެލްފީއެއް ނަންގަވަނިކޮށް ނަގާފައިވާ ފޮޓޮ އެއް ޓްވީޓު ކުރައްވާ ޝަހީމް ވިދާޅުވެފައި ވަނީ "އަޅުގަނޑުމެންނަކީ ޒުވާނުން، އަޅުގަނޑުމެން ވަނީ ޒުވާނުންނާ އެކީ" ކަމަށެވެ. ނަމަވެސް އެގޮތަށް ޓްވީޓު ކުރެއްވުމުން ފޮޓޯ ނަގާފައި ވަނީ ސިޔާސީ މަގްސަދެއް ހާސިލް ކުރާކަށް ނޫން ކަމަށާއި މަގްސަދާ ހިލާފަށް އެ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެ ދަރިވަރުން ވަނީ ޓްވިޓާގެ ތެރޭގައި ނުރުހުން ފާޅުކޮށްފަ އެވެ.

އެ ކުދިން ބުނީ ފޮޓޯ ނަގާފައި ވަނީ ރައީސް ޔާމީންގެ ރަނިން މޭޓަށް ތާއީދު އޮތް ކަމަށް ދައްކާކަށް ނޫން ކަމަށާއި އެކަން ޝަހީމްއަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ފޮޓޯ ސިޔާސީ ކުލައިން ލޭބަލްކޮށް ދައުރުވަމުން ގެންދާތީ ފޮޓޯގައިވާ ޒުވާނުން އެކަމާ ނުރުހުން ފާޅު ކުރާ ކަމަށާއި ފުންނާބު އުސް ދީނީ އިލްމުވެރިންގެ ގޮތުގައި ހުރެ ޒުވާނުންގެ ނަން ކިލަނބު ނުކުރުމަށް އިލްތިމާސް ކުރާ ކަމާށް އެ ޒުވާނުން ބުންޏެވެ.

ފާޑު ކިޔުން އަމާޒުވުމާ ގުޅިގެން ޝަހީމް ވަނީ އެ ޓްވީޓް ޑިލީޓް ކުރައްވާފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް އޭނާ ވިދާޅެއް ނުވެ އެވެ.