ހޮލީވުޑް

"ސުޕާމޭން" މައާފަށް އެދެފި

ޖިންސީ ފުރައްސާރައާއި ދެކޮޅަށް ހޮލީވުޑްގައި ކުރިއަށް ގެންދާ ކެމްޕެއިން "މީޓޫ" މޫވްމަންޓާއި ބެހޭގޮތުން ޑީސީ ޔުނިވާސްގެ ސުފަހީރޯ ފިލްމުތަކުގައި ސުޕަމޭންގެ ރޯލު ކުޅޭ ހެންރީ ކެވިލް، ދެއްކި ވާހަކައަކަށް އޭނާ މައާފަށް އެދިއްޖެ އެވެ.

ފިރިހެނުންނަށް ހާއްސަ މެގަޒިންއެއް ކަމަށްވާ ޖީކިއު މެގަޒިންގެ އޮސްޓްރޭލިއާއަށް ދިން އިންޓަވިއުއްގައި "މީޓޫ" މޫވްމަންޓަށް އިޝާރަތްކޮށް ހެންރީ 35، ބުނީ ރޭޕިސްޓެއް ތުހުމަތު އަޅުވާފާނެތީ މިހާރު އަންހެނުންނާއި ވާހަކަ ދެއްކުމަށް ފަސްޖެހޭ ކަމަށެވެ.

"މިހާރު ކަންކަންވަމުންދާ ގޮތަށް ބަލާނަމަ ތުހުމަތަކުން ސަލާމަތްވުމަކީ ވެސް ފަސޭހަކަމެއް ނޫން. ރޭޕިސްޓެއްގެ ތުހުމަތު އަޅުވާފާނެތީ އަންހެނުންނާއި ވާހަކަދައްކަން މިހާރު ފަސްޖެހެން. ބައެއް ފަހަރު ހިތަށް އަރާ ކުރީގެ ލޯބިވެރިޔަކަށް ގުޅަންވީއޭ ވެސް. އެކަމަކު އެއީވެސް ވާން އޮތް ކަމެއް ނޫން،" އިންޓަވިއުގައި ހެންރީ ބުންޏެވެ.

"މީޓޫ" މޫވްމަންޓްގެ ނަމުގައި ހޮލީވުޑްގައި ހިނގާ ޖިންސީ ފުރައްސާރާގެ މައްސަލަތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ހާއްސަ ކެމްޕެއިނެއް ރަސްމީ ސިފައެއްގައި ފެށީ މިދިޔަ އަހަރުގެ ގޯލްޑެން ގްލޯބްސް އެވޯޑު ހަފްލާގެ ތެރެއިންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް ގިނަ އަދަދެއްގެ އަންހެނުން ވަނީ އެމީހުނަށް ކުރިމަތިވި ޖިންސީ ގޯނާގެ ވާހަކަތައް ފާޅުގައި ދައްކާފަ އެވެ.

މިފަދަ މައްސަލަތަކުގެ ތުހުމަތު ހޮލީވުޑްގެ ފުއްނާބުއުސް ބައެއް ތަރިންގެ ބޮލުގައި އެޅިފައިވާއިރު، ބައެއް ތަރިން ވަނީ ހައްޔަރުކޮށް ދައުވާކުރަން ވެސް ފަށާފަ އެވެ.

ހެންރީ ދެއްކި މި ވާހަކަތަކާއި މެދު ހިތްހަމަނުޖެހިގެން ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މިޑީއާގައި ނުރުހުންފާޅުކޮށްފަ އެވެ. މިއީ އެއްވެސް ތާކުންތާކުޖެހޭ ވާހަކަތަކެއް ނޫން ކަމާށާއި އަދި އަންހެން ވަރަށް ދަށްކޮށްފައި އޭނާ ވާހަކަ ދެއްކި ކަމަށްވެސް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.

ހެންރީއާއި އެއްކޮޅަށް ވާހަކަދެއްކި މީހުންވެސް ގިނަ އެވެ. އެމީހުން ބުނީ ގަބޫލުކުރަން ދަތިވި ނަމަވެސް ހެންރީ ދެއްކި ހުރިހާ ވާހަކަތަކަކީ ތެދުކަމަށާއި ނަމަވެސް އެ ވާހަކަތައް އެންމެ ރަނގަޅަށް ކިޔައިދިނުމަށް އޭނާއަށް ބޭނުން ކުރެވުނު ބަސްމަގު ގޯސްވީ ކަމަށެވެ. މިކަމާއި ގުޅިގެން ހެންރީ ވާނީ މައާފަށް އެދި ބަޔާނެއް ނެރެފަ އެވެ.

"އިންޓަވިއުގައި ދެއްކި ވާހަކަތަކަކީ އެއްވެސް ހާލަތެއްގައި އަންހެނުން ދަށްކޮލުމަށް ދެއްކި ވާހަކަތަކެއް ނޫން. އަހަންނަކީ އަބަދުވެސް އަންހެނުނަށް ވަރަށް އިހުތިރާމްކުރާ އަދި 'މީޓޫ' މޫވްމަންޓު ކަަހަލަ ހަރަކާތްތަކަށް ވަރަށް ތާއީދުކުރާ މީހެއް. އަހަންނަށް ހީވަނީ އަހަރެން ދެއްކި ވާހަކަ ބައެއް މީހުންނަށް މާނާކުރެވުނީ ގޯހުންހެން. އަހަރެން ދެއްކި ވާހަކައާއި މެދު ހިތްހަމަނުޖެހުނު އެންމެންގެ ފަރާތުން މައާފަށް އެދެން،" ހެންރީ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.