ދުނިޔެ

ގާޒާއަށް އިޒްރޭލުން ވައިގެ ހަމަލާ އިތުރުކޮށްފި

Jul 15, 2018

އިޒްރޭލުން ހިސޯރުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ޣައްޒާއަށް އިޒްރޭލުގެ ވައިގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، މިހާތަނަށް ދެ ޒުވާނަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެފި އެވެ.

އިޒްރޭލުން ބުނީ 2014 ގެ ހަނގުރާމައިގެ ފަހުން ޣައްްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތާއި ދެކޮޅަށް ދިން "އެންމެ ވަރުގަދަ" ހަމަލާތަކަކީ އެ ޖަމާއަތުން އިޒްރޭލަށް ފޮނުވި ރޮކެޓު ހަމަލާތަކާއި ގުޅިގެން ދޭން މަޖުބޫރިވި ރައްދެއް ކަމަށެވެ.

މި ހަމަލާތަކުގައި އިތުރު 12 މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، އިޒްރޭލުން ހަމަލާދިނީ އާންމުން ވަގުތު ހޭދަކުރާ ޕާކަކަށް ކަމަށްވެސްވެ އެވެ. ނަމަވެސް، އިޒްރޭލުން ބުނީ ވައިގެ ހަމާލަތައް ދިނުމުގެ ކުރިން، އާންމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ދުރާލާ އިންޒާރުދިން ކަމަށެވެ.

ބައިނަލްއަގުވާމީ އެހީތެރިކާމާއެކު ހަމަލާތައް ހުއްޓާލުމަށް ދެ ފަރާތުން މިހާރު އެއްބަސްވެފައިވާ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.

ހަމާސް އިން 90 އަށް ވުރެ ގިނަ ރޮކެޓު ހަމަލާތައް ދީފައިވާ ކަމަށާއި، ތިން މީހަކު ޒަހަމްވެފައިވާ ކަމަށް އިޒްރޭލު ސިފައިން ވަނީ ބުނެފަ އެވެ.

ދެ ފަރާތުން ވައިގެ ހަމަލާތައް ދީފައިވަނީ، އިއްޔެ ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި ކުރި މުޒާހާރާއެއްގައި، އިޒްރޭލު ސިފައިން ފަލަސްތީނު ޒުވާނެއްގެ ގަޔަށް ބަޑި ޖަހާ ޝަހީދުކޮށްލާފައި ވަނިކޮށެވެ.