ސިއްހަތު

ޗައިނާގެ ބެއިޖިންގެ އާއްމު ތަންތަނުގައި ސިނގިރޭޓު ބުއިން މަނާކޮށްފި

Jun 1, 2015

ބައެއް އާއްމު ތަންތަނުގައި ސިނގިރޭޓު ބުއިން ޗައިނާގެ ވެރިރަށް ބެއިޖިންގައި މިއަދުން ފެށިގެން މަނާކޮށްފި އެވެ.

ޗައިނާ ސަރުކާރުން އަމަލުކުރަން ފެށި އާ ގަވާއިދުގައިވާ ގޮތުން، ވެރިރަށް ބެއިޖިންގެ ރެސްޓޯރަންޓް/ކެފޭތަކާއި އޮފީސްތަކުގެ އިތުރަށް އާއްމު ދަތުރުފަތުރުގައި ބޭނުންކުރާ ބަހާއި ރޭލު ފަދަ އުޅަނދުފަހަރުގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ މިއަދުން ފެށިގެން މަނާ ކަމެކެވެ. މީގެ އިތުރުން، ސްކޫލްތަކާއި ހޮސްޕިޓަލުތައް ފަދަ އާއްމުން ގިނަ އަދަދަކަށް ގޮސް އުޅޭ ތަންތަނާއި އެ ތަންތަނުގެ ކައިރީގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އެ ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 200 ޔުއާން (32 ޑޮލަރު)ގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ އެވެ. ތިން ފަހަަރަށް ގަވާއިދާ ހިލާފުވެއްޖެ ނަމަ، އެ މީހެއްގެ ނަން ހާއްސަ ވެބްސައިޓެއްގައި ޝާއިއުކުރަން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، ރެސްޓޯރަންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލްކުރުން ނުހުއްޓުވައިފި ނަމަ، އެ ތަނެއްގެ ވެރިޔަކު 10،000 ޔުއާން (1،600 ޑޮލަރު) އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ސަރުކާރަށް އޮންނާނެ އެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ދުރުކުރުމަކީ ރެސްޓޯރަންޓުތަކުގެ ވެރިންނާއި މުވައްޒިފުންގެ ވެސް ޒިންމާއެއް. އެ މީހުން ދޭ ނަސޭހަތް އަޑު ނާހާ ކަސްޓަމަރުންނާ ދެކޮޅަށް ދައުވާކުރުމުގެ ބާރު ސަރުކާރަށް އޮންނާނެ،" ރޮއިޓާސް ނޫސް އެޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި، ޗައިނާގެ ގައުމީ ފެމިލީ ޕްލޭނިން ކޮމިޝަންގެ އިސް އޮފިޝަލެއް ކަމަށްވާ މާއޯ ކުނާން ވިދާޅުވި އެވެ.

މީގެ އިތުރުން، ޗައިނާގެ ގައުމީ ޓީވީން ބުނި ގޮތުގައި ޕްރީ އަދި ޕްރައިމަރީ ސްކޫލްތަކުގެ ވަށައިގެން 100 މީޓަރުގެ ސަރަހައްދުތަކުގައި ހުންނަ ފިހާރަތަކުން ސިގިރެޓް ވިއްކުން ވެސް ވަނީ މަނާކޮށްފަ އެވެ. އެ ފިހާރަތަކަށް ސިގިރެޓް ސަޕްލައިކޮށް ދިނުން ވެސް މަނާކޮށްފައިވާ ކަމަށް ގައުމީ ޓީވީން ބުންޏެވެ.

ޗައިނާ އަކީ ދުންފަތުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ އަދި ދުންފަތުގެ އިސްތިއުމާލު އެންމެ ގިނައިން ކުރާ ގައުމެވެ. ދުންފަތުގެ އިސްތިއުމާލުކުރުން އާއްމުވަމުން ދާތީ އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ޕްރެޝަރު ބޮޑުވެފައި ވަނިކޮށް އާއްމުކުރި މި އާ ގަވާއިދުތައް އަދި ހާއްސަކޮށްފައި ވަނީ ވެރިރަށް ބެއިޖިން އަށް އެކަންޏެވެ. އެކަމަކު، މިފަަދަ ފިޔަވަޅުތަކެއް އެހެން ސަރަހައްދުތަކުގައި ވެސް އެޅުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި ޖަމާއަތްތަކުން މި އާ ގަވާއިދަށް ވަނީ މަރުހަބާ ކިޔާފަ އެވެ. އެކަމަކު، އެ އެ ފިޔަވަޅުތަކުގެ ނަތީޖާ ފެންނާނީ ތަންފީޒީ އިދާރާތަކުގެ މަސައްކަތް މިހާރަށް ވުރެ ހަރަދަނާކޮށްގެން ކަމަށް ބުނެ، އެ ފަރާތްތަކުން ވަނީ އިންޒާރު ދީފަ އެވެ.