ބޮލީވުޑް

"ބްރަދާސް"ގެ ޓްރެއިލާ މިމަހުގެ 10 ގައި

Jun 1, 2015

ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ބޮލީވުޑްގެ އެކްޝަން ޑްރާމާ ފިލްމު "ބްރަދާސް"ގެ ޓްރެއިލާ މިމަހުގެ 10ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަކްޝޭ ކުމާރު އާއި ސިދާތް މަލްހޯތުރާ ލީޑްރޯލުން ފެނިގެންދާ މިފިލްމުގެ ޓްރެއިލާ ޖޫން 10ގައި ރިލީޒްކުރުމަށް ނިންމާފައިވާކަން، ފިލްމު ޕްރޮޑިއުސްކޮށްފައިވާ ދަރްމާ ޕްރޮޑަކްޝަންގެ ކޯ ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ އިއްޔެ ޓްވިޓާގައި ހާމަކޮށްފަ އެވެ.

މިއަހަރުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މިފިލްމުގައި ސްރީ ލަންކާގެ ބަތަލާ ޖެކުއެލިން ފެނާންޑޭޒް އާއި ޖެކީ ޝްރޮފްގެ އިތުރުން ހާއްސަ ފެނިލުމަކުން ބަތަލާ ކަރީނާ ކަޕޫރުވެސް ފެނިގެންދާނެ އެވެ.

ހޮލީވުޑްގެ މަޝްހޫރު ފިލްމު "ވޮރިއާ"ގެ ރީމޭކްއަކަށް އުފައްދާ މިފިލްމުގައި ފެނިގެންދާނީ ދެބެންގެ ދެމެދުގައި ހިނގާ ކަންތައްތަކެކެވެ.

“އަގްނީޕާތް" އަށް ފަހު ކަރަން ޖޯހަރު އާއި ކަރަން މަލްހޯތުރާ އެކުގައި މަސައްކަތްކުރާ މިފިލްމުގެ ފުރަތަމަ ޕޯސްޓާ ރިލީޒްކުރުމާއި އެކު ވަނީ ޓްވިޓާގައި ބޮޑު ތަރުހީބެއް ލިބިގެންގޮސްފަ އެވެ

އަކްޝޭ އާއި ސިދާތް އެކުގައި ފެނިގެންދާ މިފިލްމު ރިލީްކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 14ވަނަ ދުވަހު އެވެ.