ދުނިޔެ

މުބާރަކްގެ ޕާޓީގެ އޮފީސް ތަޅާލަނީ

Jun 1, 2015

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ސިޔާސީ ޕާޓީގެ މައި އޮފީސް ތަޅާލުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން މިއަދު ފަށައިފި އެވެ.

މުބާރަކާ ދެކޮޅަށް މުޒާހަރާކުރި މީހުން ބޭނުންކުރި ތަހުރީރު މައިދާނާ މާ ދުރު ނޫން ހިސާބެއްގައި ހުރި ނެޝެނަލް ޑިމޮކްރެޓިކް ޕާޓީ (އެންޑީޕީ)ގެ އޮފީސް ތަޅާލުމުގެ ހުއްދަ ސަރުކާރުން ދީފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ. އޭރު ކުރި މުޒާހަރާތަކުގެ ތެރޭގައި އެ އިމާރާތުގައި ހުޅުޖެހުމުގެ ސަބަބުން އެ ތަން ހުރީ ވެސް ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

އިމާރާތްކުރުމުގައި ހަރަކާތްތެރިވާ މީހުން ދަނީ ނީލަ ކޯރުގެ އައްސޭރި ފަށުގައި ހުރި އެންޑީޕީގެ މައި އޮފީހުގެ ގޮތުގައި ބޭނުންކުރި އިމާރާތާއި އެ ތަނާ އިންވެގެން ހުރި އެހެން އިމާރާތެއް ތަޅާލުމުގެ މަސައްކަތް ކުރަމުންނެވެ. އެ އިމާރާތަކީ މުބާރަކްގެ ވެރިކަމުގައި ސަރުކާރުގެ މުހިއްމު އޮފީސްތަކެއް ހިންގި ތަނެކެވެ.

މުބާރަކްގެ ވެރިކަން ވެއްޓުމާ އެކު މިސްރުގެ އާ ސަރުކާރުން ވަނީ 2011 ގައި އެންޑީޕީގެ ހަރަކާތްތައް ހިންގުން މަނާކޮށްފަ އެވެ. އަދި އެ ޕާޓީގެ މިލްކިއްޔާތާއި މުދާ ވެސް ވަނީ ސަރުކާރަށް ނަގާފަ އެވެ.

މުބާރަކްގެ ދިގު ސިޔާސީ ހަޔާތްޕުޅުގެ އެންމެ ފަހުގެ އެއް ރަމްޒު ކަމުގައި ބެލެވޭ އެންޑީޕީގެ އޮފީސް ތަޅާލަމުން ދާއިރު، މުބާރަކްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ އޭނާ ތިން އަހަރަށް ޖަލަށް ލާން މިސްރުގެ ކޯޓަކުން ވަނީ މިދިޔަ މަހުގެ ކުރީކޮޅު އަނެއްކާ ވެސް ހުކުމްކޮށްފަ އެވެ.

ވެރިކަމުގައި ހުންނަވަނިކޮށް ރައްޔިތުން ނިކުމެ އިސްތިއުފާއަށް ގޮވައި، ހަމަނުޖެހުން ހިންގަން ފެށުމުން 2011 ގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވި މުބާރަކް ޖަލަށްލާން ހުކުމްކުރީ އޭނާ ވެރިކަމުގައި ހުންނެވި ދުވަސްވަރު ރިޔާސީ ގަނޑުވަރުގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލައިގަ އެވެ. އެ މައްސަލައިގައި މުބާރަކް ތިން އަހަރަށް ޖަލަށްލާން ކުރިން ހުކުމްކޮށްފައި ވަނިކޮށް އިސްތިއުނާފީ ކޯޓަކުން މިދިޔަ ޖެނުއަރީ މަހު ވަނީ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ.

އިސްތިއުނާފީ ކޯޓުގެ އެ އެންގުމާ އެކު ހިންގި ޝަރީއަތަށް ފަހު މުބާރަކް ތިން އަހަރަށް ޖަލަށް ލުމުގެ އިތުރުން އޭނާގެ ދެ ފިރިހެން ދަރިކަލުން ހަތަރު އަހަރަށް ޖަލަށް ލާން ގާހިރާގެ ކޯޓަކުން ވަނީ މިދިޔަ މަހު ހުކުމްކޮށްފަ އެވެ.

މުބާރަކް ޖަލަށްލާން މިއަދު ހުކުމްކުރި މައްސަލައަކީ އޭނާއާ ދެކޮޅަށް އުފުލި ދައުވާތަކުގެ ތެރެއިން ނުނިމި އޮތް ހަމައެކަނި މައްސަލަ އެވެ. މުބާރަކާ ދެކޮޅަށް މުޒާހަރާކުރި އެތައް ސަތޭކަ ބަޔަކު މަރަން އަމުރުކުރި ކަމަށް ބުނާ މައްސަލަ އަކާއި ހިޔާނާތުގެ އެހެން މައްސަލައެއްގައި ވެސް އޭނާގެ މައްޗަށް ދައުވާކުރި ނަމަވެސް ފަހުން ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ.