ބޭރު ކުޅިވަރު

ބައިސްކަލް ސްޓަންޓް ހެދުމުގެ ހުނަރުވެރިޔާ ޓޮމް ރާއްޖޭގެ ޓުއާއާމެދު ހިތްހަމަޖެހިފައި

ބައިސްކަލް ސްޓަންގެ ހެދުމުގައި އޮސްޓްރިއާގެ ޓޮމް އޮލާ ވަނީ ބައިނަލްއަގުވާމީ ގޮތުން މަޝްހޫރުކަން ހޯދައިފަ އެވެ. ޓްރައިލް ބައިކްގެ ދުނިޔޭގެ ޗެމްޕިއަންކަން އެއް ފަހަރު އަދި އޮސްޓްރިއާގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދައި، އޮލާ ވަނީ ވާދަވެރި މުބާރާތްތަކުގެ ވާދަކުރުމުގެ ކެރިއަރުގައި މިހާތަނަށް އޭނާ ހާސިލްކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލްކޮށްފަ އެވެ. އެހެންވެ ދުނިޔޭގެ ޗެމްޕިއަންކަން 2008 ވަނަ އަހަރު ހޯދުމަށް ފަހު، އޮލާ ވަނީ ވާދަވެރި މުބާރާތްތަކުގައި ވާދަކުރުން ހުއްޓާލައިފަ އެވެ. އުމުރުން 15 އަހަރުން ފެށިގެން ވާދަވެރި މުބާރާތްތަކުގައި ވާދަކުރަމުން ދިޔަ އޮލާ މުބާރާތްތަކުގައި ވާދަކުރުން ހުއްޓާލީ އޭނާ ކެރިއަރުގައި އެންމެ ބޮޑަށް ބޭނުންވި ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވުމުންނެވެ.

ވާދަވެރި މުބާރާތްތަކުގައި ވާދަކުރުމުގެ ކެރިއަރު ނިންމާލުމަށް ފަހު، ޓޮމް މިހާރު ހުސްވެފައިވަނީ ހުނަރު ދައްކާލުމުގެ ޝޯތައް ދިނުމަށެވެ. ރެޑްބުލްގެ އެތުލީޓެއްގެ ޓޮމް ވަނީ ގިނަ ގައުމުތަކެއްގައި ހުނަރު ދައްކާލުމުގެ ޝޯތައް ބާއްވައިފަ އެވެ. ހުނަރު ދައްކާލުމުގެ ޝޯތައް ބޭއްވުމަށް ޓޮމް ދަތުރުކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ތުރުކީ އާއި ފިލިޕީންސް ހިމެނެ އެވެ.

ރެޑްބުލް އާއި ޔޫރޯ މާކެޓިން އިން އިންތިޒާމްކޮށްފައިވާ ޓުއާއެއްގައި ރެޑްބުލްގެ އެތުލީޓް ޓޮމް ވަނީ މި ހަފުތާގެ ކުރީކޮޅު ރާއްޖެ އައިސް، މާލެ އާއި އައްޑޫ އަދި ޏ.ފުވައްމުލަކުގައި ފަސް ޝޯ ދީފަ އެވެ. މި ޝޯތަކަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ. އޮލާގެ ޝޯތަކުގައި ބެލުންތެރިން އެންމެ ތަރުހީބު ލިބެނީ އޯޑިއަންސްގެ ވޮލިއުންޓިއަރެއް، ބިންމަތީގައި ބޭއްވުމަށް ފަހު އޮލާ ދައްކާ ހުނަރުތަކަކަށެވެ. ވޮލުންޓުއާ ކުރާ ފަރާތް ބިންމަތީގައި އޮށޯވެ އޮންނައިރު، ޓޮމް އޭނާގެ ގައި މަތިން ބައިސްކަލާއެކު ފުންމައި، ތަފާތު ހުނަރުތަކެއް ދައްކަ އެވެ. އަދި މި ގޮތަށް ހަތް ވޮލުންޓިއަރުން ބިންމަތީގައި ބަރިއަކަށް އަތުރާލުމަށް ފަހު ވެސް، ޓޮމް އެމީހުން ގައި މަތިން ބައިސްކަލްގައި ފުންމާލައި، ތަފާތު ހުނަރުތަކެއް ވަނީ ދައްކާލައިފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރު ކުރެވުނު ނަމަވެސް، ޓޮމް ބުނާގޮތުގައި ރާއްޖެ އަކީ އޭނާ އަށް ކުރެވޭ "ތަފާތު ތަޖުރިބާއެއް" ކަމަށެވެ. އަދި ބުނީ އައްޑޫ ސިޓީ އާއި ފުވައްމުލަކުން ރާއްޖޭގެ ވަރަށް ތަފާތު މަންޒަރުތަކެއް ފެނިގެން ގޮސްފި ކަމަށެވެ.

"އަހަރެން ވަރަށް ހިތްހަމަޖެހޭ މިހާތަނަށް ރާއްޖޭގައި ބޭއްވި ޝޯތަކުން ލިބުނު ތަރުހީބާމެދު،" ދުނިޔޭގެ ރެކޯޑް ފޮތުން ދެ ރެކޯޑަކާއެކު ޖާގަ ހޯދައިފައިވާ ޓޮމް ބުންޏެވެ. "އަހަންނަށް އަދި ރާއްޖޭގެ މާ ގިނަ ރަށްތަކެއް ނުފެނޭ. އެކަމަކު މިހާތަނަށް މި ފެނުނީ ވަރަށް ތަފާތު މަންޒަރުތަކެއް. މާލެ، އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ވެސް ތަފާތު ކަންތައްތަކެއް ލިބުނު. ރާއްޖެ އަކީ އަހަންނަށް ވެސް ހާއްސަ ތަނަކަށް ވެގެން މިދަނީ. އެއީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުުރުން، މީހުންގެ ހިތްހެޔޮ ކަމާޢި އަހަރެމެންނަށް ދިން މެހެމާންދާރީގެ ސަބަބުން."

ޓޮމް ބުނީ ރާއްޖޭގެ ޓުއާގައި އޭނާ އަށް އެންމެ ފާހަގަކޮށްލެވެނީ ލިބުނު މެހެމާންދާރީ ކަަމަށެވެ.

"އަހަރެމެން ދާ ކޮންމެ ތަނަކުން ވެސް އަަހަރެމެންނަށް ވަރަށް ރަނގަޅު މެހްމާންދާރީއެއް އަދާކުރޭ. އެއީ ވަރަށް އުފާވާ ކަމެއް،" ޓޮމް ބުންޏެވެ.

ޓްރައިލް ބައިކްގައި ޓޮމް ހޯދި ކާމިޔާބީތަކުގެ އިތުރުން އޭނާ ވަނީ ގިނިސް ވޯލްޑް ރެކޯޑް ފޮތުން ދެ ފަހަރު ޖާގަ ހޯދައިި، މަޝްހޫރުކަން ހޯދައިފަ އެވެ. ބައިސްކަލެއްގައި ހައި ޖަމްޕް ހެދުމުގެ ދުނިޔޭގެ ރެކޯޑާއި 400 މީޓަރުގެ ހާޑަލްސްއެއް ބައިސްކަލެއްގައި ފުރިހަމަކޮށްގެން ޓޮމް ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފަ އެވެ.

"ޓްރައިލް ބައިކަކީ އެހެން ކުޅިވަރުތަކާ ވަރަށް ތަފާތު ކުޅިވަރެއް. ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވުުމުން، ވާދަވެރި ކެރިއަރެއްގައި އަހަރެން ކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލްވީ. އެހެންވެ ދެން އަހަރެން ވާދަވެރި ކެރިއަރު ނިންމާލުމަށް ފަހު، އެހެން ކަންތައްތަކަށް ސަމާލުކަން ދިނީ،" ޓޮމް ބުންޏެވެ.

ޓޮމް އަކީ ވަރަށް ހަގު އުމުރަކުން ޓްރައިލް ބައިކްގެ ހުނަރުތައް ދަސްކުރި އެތުލީޓެކެވެ. ބައިނަލްއަގުވާމީ މުބާރާތެއްގައި ޓޮމް އެންމެ ފުރަތަމަ ވާދަކުރީ އޭނާގެ އުމުރުން 15 އަހަރުގަ އެވެ. ޓޮމް ބުނީ ކުޑައިރުން ފެށިގެން މި ކުޅިވަރަށް ޝައުގުވެރިކަން އުފެދުމުގައި އޭނާގެ ބައްޕަގެ ދައުރުބޮޑު ކަމަށެވެ. ޓޮމްގެ ބައްޕައަކީ ކުރިން ރެލީ ޑްރައިވަރެކެވެ.

"މި ހިސާބަށް އަހަންނަށް އާދެވުނީ އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމަމާއެކު. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އާޢިލާ އިން އަހަންނަށް ވަރަށް ބޮޑު ސަޕޯޓެއް ދީ، އަހަންނަށް އެހީތެރިވި،" ޓޮމް ބުންޏެވެ. "މިއީ އަހަރެން ވަރަށް ކުރާ ހިތުން ކުރާ ކަމެއް. މި ކުޅިވަރަށް އޮތީ ވަރަށް ބޮޑު ލޯތްބެއް. އަހަރެން މިކަން ކުރާކަށް ދުވަހަކު ވެސް ފޫއްސެއް ނުވޭ."

ކުޅިވަރަކުން ކުރިއަރަން ބޭނުންވާ ރާއްޖޭގެ ޒުވާނުންނަށް ޓޮމް ވަނީ ވަރަށް ރަނގަޅު މެސެޖެއް ދީފަ އެވެ.

"ކުރާހިތުން ކުރާ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ. އަހަރެން ވެސް މިކަން ފެށީ ކުރާ ހިތުން. މިކަމަށް ސަމާލުކަން ދީގެން، ބުރަ މަސައްކަތާއެކު މިހާުރު މިހުރި ހިސާބަށް އާދެވުނީ. އެހެންވީމަ އަހަރެން ގަބޫލްކުރާ ގޮތުގައި ކުރާ ހިތުން ކަމަކާ ކުރިމަތިލައިފި ނަމަ، އެކަމެއް ކާމިޔާބުވާނެ،" ޓޮމް ބުންޏެވެ.

ޓޮމް ރާއްޖެ އަށް ކުރާ ޓުއާގެ ފަހު ޝޯ އޮންނާނީ ރާޅުގަނޑު ސަރަހައްދުގައި މާދަމާ ރޭ އެެވެ. އެކަމަކު އޭގެ ކުރިން މިއަދު ހަވީރު ހުޅުމާލޭގައި ޓޮމްގެ ޝޯއެއް އޮންނާނެ އެެވެ. އަދި ހުކުރު ދުވަހު ހެނދުނު ވިލިނގިލީގައި ވެސް ޝޯއެއް އޮންނާނެ އެވެ.