ޓީވީ ސީރީޒް

ޓީވީ އެކްޓްރެސް ރީތާ ބާދުރީ މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް ރީތާ ބާދުރީ މަރުވެއްޖެ އެވެ. ރީތާ މަރުވީ ކިޑްނީގެ ބައްޔަކަށް ފަރުވާދިނުމަށް ހޮސްޕިޓަލުގައި އެޑުމިޓްކޮށްފައި އޮންނަތާ 10 ދުވަސްވީ ފަހުންނެވެ. މަރުވިއިރު އޭނާގެ އުމުރަކީ 62 އެވެ.

ރީތާއަކީ ކުރީގެ މަޝްހޫރު އެކްޓްރެސް ޗަންދްރީމާ ބާދުރީގެ ދަރިފުޅެވެ. ޓީވީ ސިލްސިލާތަކުގެ އިތުރުން ރީތާ ވަނީ ފިލްމުތަކުގައިވެސް މަސައްކަތްކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ ފެނިގެންދިޔައީ މެލެޔާލަމް ފިލްމު "ކަންޔާކުމާރީ" އިން 1974 ވަނަ އަހަރު އެވެ.

އެ ފިލްމުގައި އޭނާއާއެކު ފެނިގެންދިޔައީ އޭރުގެ މަޝްހޫރު އެކްޓަރު ކަމާލް ހަސަން އެވެ. އެއީ ބޮޑު މީހެއްގެ ރޯލުން ފިލްމެއްގައި ކަމާލްވެސް ފެނިގެންދިޔަ ފުރަަތަމަ ފަހަރެވެ.

ބޮލީވުޑްގެ ފިލްމަކުން ރީތާ އެންމެ ފުރަތަމަ ފެނިގެންދިޔައީ 1975 ގަ އެވެ. އެއީ ފިލްމު "ޖޫލީ" އިންނެވެ. އޭގެފަހުން އޭނާ ވަނީ 71 ފިލްމު ކުޅެފަ އެވެ. އަދި 30 ޓީވީ ސިލްސިލާއެއްގައި މަސައްކަތްކޮށްފައިވެ އެވެ.

ލަކްނައުއަށް އުފަން ރީތާ އަކީ ގުޖުރާތުގެ ފިލްމު އިންޓަސްޓްރީއާއިވެސް ބޮޑު ގުޅުމެއް އޮންނަ އެކްޓްރެސްއެެވެ. ގުޖުރާތު ފިލްމުތައް ކުޅެންގެން އެ ސްޓޭޓުގައި އޭނާއަށް ވަނީ ބޮޑު މަޝްހޫރުކަމެއް ލިބިފަ އެވެ.

ރިތާގެ ޖަނާޒާ ވަނީ އިއްޔެ މެންދުރުފަހު ބާއްވާފަ އެވެ. އޭނާ މަރުވިއިރު ދެ ކުދިން އެބަ ތިއްބެވެ.