ހަބަރު

ހަނިމާދޫ ނަރުދަމާ މަސައްކަތް ނިމުން އިފްތިތާހު ކޮށްދެއްވައިފި

Jul 19, 2018
2

ހދ. ހަނިމާދޫ ނަރުދަމާ ނިޒާމް ގާއިމްކޮށް ނިމުން ފާހަގޮށްފި އެވެ. އެރަށު ނަރުދަމާ ނިޒާމް އިފްތިތާހު ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްުޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހެނދުނު އެ ރަށަށް ވަޑައިގެނެ އެވެ.

ހަނިމާދޫ ނަރުދަމާ ނިޒާމު ގާއިމުކުމުގެ މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވަނީ މާނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާ އެވެ. ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް 2013 ވަނަ އަހަރުގެ މެއި މަހު ފަށާފައިވާ އިރު މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ.

މި މަޝްރޫއަކީ އަމިއްލަ ފަރާތްތަކުގެ ހިއްސާއާއެކު ޕްރައިވެޓް ވިލާ އިމާރާތް ކުރުމުގެ މޮޑެލްގެ ދަށުން ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ ހައުސިން ޔުނިޓް އިމާރަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ނެވެ.

މި މަޝްރޫއު މާނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާ ހަވާލުކުރުމާއެކު އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަ ކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީއައިއޭ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން ރަށުގައި ތިން ޕަމްޕް ސްޓޭޝަން ބަހައްޓައި 16.5 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށްފައިވާއިރު ރަށުގެ 900 ގެއަށް ވަނީ މި ހިދުމަތް ދީފަ އެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 300 މީޓަރުގެ އައުޓް ފޯލް ހޮޅި އަޅާފައިވާއިރު އެ ނިޒާމު ހިންގާ ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ.