ދުނިޔެ

އިޒްރޭލަށް ދާ އިންޑިއާގެ ފުރަތަމަ ވެރިއަކަށް މޯދީ، ފަލަސްތީނަށް ދާ ކަމެއް ނޭނގޭ!

Jun 1, 2015

އިޒްރޭލަށް ވަޑައިގަންނަވާ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރަކަށް ނަރެންދުރަ މޯދީ ވެވަޑައިގެންފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖު އިއްޔެ ވިދާޅުވި ގޮތުގައި އެ ދަތުރުފުޅު ކުރައްވާނެ ދުވަސްތައް ކަނޑައެޅުމުގެ މަސައްކަތް ދެ ގައުމުގެ އޮފިޝަލުން ދަނީ ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި މޯދީ ފަލަސްތީނަށް ވަޑައިގަންނަވާނެ ކަމެއް އަދި ނޭނގެ އެވެ.

އެހެން ނަމަވެސް، ސުޝްމާ ވަނީ މި އަހަރު ތެރޭގައި އިޒްރޭލުގެ އިތުރުން ފަލަސްތީނާއި އުރުދުން އަށް ވަޑައިގަތުމަށް ނިންމަވާފަ އެވެ.

އިންޑިއާ އާއި އިޒްރޭލާ ދެމެދު ހާރިޖީ ގުޅުން ގާއިމްކޮށްފައި އޮންނަތާ ޒަމާންތަކެއް ވެފައި ވިޔަސް، އިންޑިއާގެ ބޮޑުވަޒީރަކު މިހާތަނަށް އެ ގައުމަށް ވަޑައިގެންފައެއް ނުވެ އެވެ. އެކަމަކު، 2003 ގައި އިޒްރޭލުގެ އޭރުގެ ބޮޑުވަޒީރު އޭރިއަލް ޝެރޯން އިންޑިއާ އަށް ވަޑައިގެންނެވި އެވެ. އެއީ އިޒްރޭލުގެ ބޮޑުވަޒީރަކު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އިންޑިއާގައި މިހާރު ވެރިކަންކުރާ ބީޖޭޕީ އާއި އިޒްރޭލާ ދެމެދު ޒަމާންވީ ގާތް ގުޅުމެއް އޮންނައިރު، ޝެރޯން އެ ދަތުރުފުޅު ކުރައްވާފައި ވަނީ ވެސް ބީޖޭޕީގެ ސަރުކާރެއް އޮތްއިރު އެވެ.

ބީޖޭޕީ އަކީ ހިންދީ ދީނާއި ވަތަނިއްޔަތު ކުރިއަރުވަން މަސައްކަތްކުރާ ޕާޓީއެކެވެ. ހައްދުފަހަނައަޅާފައިވާ ހިންދީ ޖަމާއަތެއް ކަމަށްވާ ރަޝްތުރިޔާ ސުވަޔަމްސިވަކް ސަންހް (އާރުއެސްއެސް)ގެ މެމްބަރެއްގެ ގޮތުގައި މޯދީ ކުރިން މަސައްކަތް ކުރައްވާފައިވެ ވެސް އެވެ. ތަފާތު ދީނީ ހަމަނުޖެހުންތަކުގެ ސަބަބުން ތިން ފަހަރު މަތިން އިންޑިއާ ސަރުކާރުން މަނާކޮށްފައިވާ އާރުއެސްއެސް ޖަމާއަތާއި ބީޖޭޕީއާ ވެސް ގުޅުން ބޮޑެވެ.

މޯދީ ދެކެ މުސްލިމް ބައެއް ޖަމާއަތްތަކުން ރުޅި އަންނަ އަނެއް ކަމަކީ ވެސް އެ މަނިކުފާނާއި އިޒްރޭލާ ދެމެދު އުފެދިފައިވާ ގާތް ގުޅުމެވެ. ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ގުޖުރާތުގެ ޗީފް މިނިސްޓަރު ކަމުގައި ހުންނެވިއިރު، މޯދީ އިޒްރޭލަށް ދަތުރުކުރައްވާފައިވެ އެވެ. އަދި އިޒްރޭލުގެ ބޮޑެތި ކުންފުނިތަކުން ވަނީ ގުޖުރާތުގައި ބިޔަ އިންވެސްޓްމަންޓްތައް ވެސް ކޮށްފަ އެވެ.

މީގެ އިތުރުން، މޯދީގެ ވެރިކަމުގައި އިންޑިއާ އާއި އިޒްރޭލާ ދެމެދު ސަލާމަތާ ބެހޭ ދާއިރާތަކުން ވަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފަ އެވެ.