ހަބަރު

ކަރަށް ތޮޅިއެއް ހެރިގެން މާޅެންދޫ ޒުވާނަކު މަރުވެއްޖެ

ލަނޑާ ނަގަން ގޮސް އުޅެނިކޮށް ކަރަށް ތޮޅިއެއް ހެރިގެން ނ މާޅެންދޫގެ ޒުވާނަކު މަރުވެއްޖެ އެވެ. ކަރަށް ތޮޅިއެއް ހެރުމުގެ ސަބަބުން ރޭ މަރުވެފައިވަނީ އެރަށު ކުންނާރުގެ އަހުމަދު ހަލީމް، 29 އެވެ.

މާޅެންދޫއިން "އަވަސް" އާ ވާހަކަދެއްކި މީހަކު ބުނީ، ހަލީމްގެ ކަރަށް ތޮޅިއެއް ހެރިފައި ވަނީ ފީނަން މޫދުގައި އޮއްވަ އެވެ. ހަލީމަކީ ލަނޑާގެ މަސްވެރިކަން ކުރާ މީހެކެވެ. ތޮޅި ހެރުމާއެކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ހަލީމް އެޑްމިޓްކޮށްފައިވަނީ ރޭ 2:30 ހާއިރު އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ، ބަލިމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާކަމަށް އެމީހާ ބެލި ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.

ތޮޅީގެ ތުންގަނޑު ހެރިފައިވަނީ ހަލީމްގެ ކަރުގެ ކަނާތްފަރާތަށެވެ. ނަމަވެސް ފުދޭ ވަރަކަށް އެތެރެއަށް ހެރިފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

ކަރަށް ތޮޅިއެއް ހެރިގެން މީހަކު ރޭ މަރުވެފައިވާއިރު މެއަށް ތޮޅިއެއް ހެރުނު ހާދިސާއެއް ވެސް މިދިޔަ އޭޕްރީލް މަހު ވަނީ ހިނގާފަ އެވެ.