ދުނިޔެ

ސީރިއާގައި ތާށިވެފައިތިބި 800 "ވައިޓް ހެލްމެޓްސް" ސަލާމަތްކޮށްފި

Jul 22, 2018

ހަނގުރާމަ ބޮޑުވެ ސީރިއާގައި ތާށިވެފައިވާ އެހީދޭ ޖަމާއަތެއް ކަމަށްވާ ސީރިއަން ސިވިލް ޑިފެންސް ނުވަތަ ވައިޓް ހެލްމެޓްސް ގެ 800 ވޮލަންޓިއަރުންނާއި އެމީހުންގެ އާއިލާތައް އިޒްރޭލު ސިފައިން ސަލާމަތުން ނެރެދީފި އެވެ.

އިޒްރޭލު ސިފައިން ބުނިގޮތުގައި، އެ އޮޕަރޭޝަން ހިންގީ އެމެރިކާ އާއި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެދުމުގެ މަތިން ކަމަށެވެ. ސަލާމަތްކުރި މީހުން ޖޯޑަން އަށް ގެންދެވިފައިވާ ކަމުގައި އެ ގައުމުން ވަނީ ބުނެފަ އެވެ.

ސަލާމަތް ކުރެވުނު ވޮލަންޓިއަރުންނާއި އެމީހުންގެ އާއިލާތަކަށް ކެނެޑާ، ޖަރުމަނު އަދި އިނގިރޭސިވިލާތުން ހިމާޔަތްދޭން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ މީހުން ސަލާމަތްކުރުމަށް އެދުނީ، ސީރިއާގައި މިހާރު އެންމެ ހަނގުރާމަ ބޮޑު ދޭރާ އާއި ކިޔުނީޓުރާ ސަރަހައްދަށް ސީރިއާ ސިފައިން ދެމުން ގެންދާ ހަމަލާތަކުގައި އެމީހުންނަށް ނުރައްކާ ބޮޑުކަމަށް ބުނެ އެވެ.

މިހާތަނަށް 130 މީހުން މަރުވެފައިވާ އިރު، ރަޝިޔާގެ ވައިގެ ހަމަލާތަކުގެ އެހީގައި، ސީރިއާ ސިފައިން ދަނީ، އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދަށުގައިވާ އެ ސަރަހައްދު ހިފުމުގެ މަސައްކަތް ކުރަމުންނެވެ. ސީރިއާގެ ހުޅަނގު ދެކުނުން އޮންނަ ދޭރާ އާއި ކިޔުނީޓުރާ ހިފުމަށް ރައީސް ބައްޝާރުލް އައްސަދު އަމާޒުހިފައިވަނީ، މިދިޔަ އޭޕްރިލް މަހު ވެރިރަށް ދިމިޝްގު އިރުމަތީގައި އޮންނަ ޣޫތާ ހިފުމުގެ ކާމިޔާބީއަށްފަހު އެވެ.

ވައިޓް ހެލްމެޓްސް އަކީ ސީރިއާގެ ހަނގުރާމައިގާ އާންމުންނަށް އެހީތެރިވެދޭން 2013 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ އަމިއްލަ ޖަމާއަތެކެވެ. މިހާތަނަށް އެ ޖަމާއަތުގެ 200 އެއް ހާ މީހުން މަރުވެފައިވާއިރު 2016 ވަނަ އެ ޖަމާއަތް ވަނީ ނޮބެލް ޕީސް ޕްރައިޒަށް ނޮމިނޭޓު ވެފަ އެވެ.