ދުނިޔެ

މެލޭޝިޔާ އެއާލައިންސް "ބަނގުރޫޓް" ވެއްޖެ، ރީބްރޭންޑް ކުރަނީ

ޓެކްނިކަލް ގޮތުން ބަލާއިރު މެލޭޝިއާ އެއާލައިންސް ބަނގުރޫޓުވެފައިވާ ކަމަށް ބުނެ، އެ ކުންފުނި ރީބްރޭންޑް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މެލޭޝިއާގެ ގައުމީ އެއާލައިން އަލުން ކޮޅަށް ނެގުމުގެ ޕްލޭން އިއުލާންކުރައްވަމުން، އެ ކުންފުނީގެ އާ ސީއީއޯ ކްރިސްޓޮފަ މުލާ ވިދާޅުވި ގޮތުގައި ކުންފުނި އޮތީ "ޓެކްނިކަލީ ބަނގޫރުޓުވެފަ" އެވެ. މިދިޔަ އަހަރު ހިނގި ހިތާމަވެރި ހާދިސާތަކުގެ ކުރިން ވެސް ކުންފުނީގެ ހާލަތު ދަށަށް ދާން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ކުންފުނީގެ ހާލަތު ރަނގަޅުކުރުމަށް، މިހާރު ތިބި 20،000 މުއައްޒިފުންގެ ތެރެއިން 6،000 މީހުން ކަނޑާލައި ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ނިންމާފައިވާކަން މުލާ އިއުލާންކުރެއްވި އެވެ. އޭނާ ވިދާޅުވީ ސެޕްޓެމްބަރު 1 އިން ފެށިގެން އެ އެއާލައިން ރީބްރޭންޑް ކުރަން ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ އަދަދު މަދުކޮށް، ބޭނުންކުރެވެން ހުރި ރޫޓުތަކުގައި ކުދި ބޯޓުތައް ބޭނުންކުމުގެ އިތުރަށް، އެހެން އެއާލައިންތަކާ ގުޅިގެން ބައެއް ފްލައިޓުތައް އޮޕަރޭޓް ކުރަން ވެސް ވިސްނަމުން ގެންދާކަން ވެސް މުލާ ހާމަކުރެއްވި އެވެ.

އެކަމަކު، ރީބްރޭންޑް ކުރުމުުގެ މަރުހަލާގައި ގެންނަން ނިންމާފައިވާ ބަދަލުތަކެއް މެލޭޝިއާ އެއާލައިންސް އިން އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ، އެ އެއާލައިންގެ ނަމާއި ލޯގާ އާއި ކުލަ ފަދަ ނިޝާންތަކަށް ބަދަލު ގެންނާނެ ކަމެއް އަދި ނޭނގެ އެވެ.

މެލޭޝިއާ އެއާލައިންސްގެ ސީއީއޯގެ މަގާމާ މުލާ ހަވާލުވެވަޑައިގަތީ މިދިޔަ މަހު އެވެ. ޔޫރަޕްގެ އެންމެ ބޮޑު އެއާލައިން، ޖަރުމަނުގެ ލުފްތަންސާގެ އިތުރުން އެހެެން ބައެއް ބޮޑެތި އެއާލައިންތަކުގައި މަސައްކަތް ކުރައްވާފައިވާ މުލާ އަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ރަނގަޅު ރެކޯޑެއް އޮތް ބޭފުޅެކެވެ. އެކަމަކު، ކުންފުނިތައް ހަމަ މަގަށް އެޅުވުމަށް ވަޒީފާތައް މަދުކުރާލެއް ގިނަކަމުން އޭނާ މަޝްހޫރު ވެފައި ވަނީ "ޓާމިނޭޓާ"ގެ ނަމުންނެވެ.

މެލޭޝިއާ އެއާލައިންސް ކޮޅަށް ނެގުމުގެ ޕްލޭނެއް އިއުލާންކޮށްފައި މި ވަނީ، މިދިޔަ އަހަރު އެ އެއާލައިންގެ ބޯޓެއް ގެއްލުނު ހާދިސާ އާއި ބޯޓެއް ވައްޓާލި ހާދިސާއާ ގުޅިގެން މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި ވަނިކޮށެވެ.

މިދިޔަ އަހަރުގެ މާޗު މަހު މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370، މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުން ޗައިނާގެ ވެރިރަށް ބެއިޖިން އަށް 239 މީހުންނާ އެކު ދަތުރުކުރަނިކޮށް ގެއްލުނު ގޮތަށް އަދިވެސް ނުފެނެ އެވެ. އެ ހާދިސާ އަށް ހަތަރު މަސް ފަހުން، އެ އެއާލައިންގެ ބޯޓެއް ވަނީ ޔުކްރެއިން މަތިން ދަނިކޮށް ބަޔަކު ހަަމަލާދީ ވައްޓާލާފަ އެވެ. އެ ހާދިސާގައި 298 މީހަކު މަރުވި އެވެ.