ހަބަރު

އިލެކްޝަން ކޮމިޝަނާ ދެކޮޅަށް މާދަމާ މުޒާހަރާއަށް ނުކުންނަނީ

Jul 22, 2018
1

އިލެކްޝަން ކޮމިޝަން، އީސީއާ ދެކޮޅަށް މާދަމާ މުޒާހަރާކުރަން އިދިކޮޅު ޕާޓީތަކުން ނިންމައިފި އެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ބުނީ އިލެކްޝަން ކޮމިޝަން މިނިވަންކުރުމަށް ގޮވާލައި މާދަމާ މެންދުރުފަހު 1:30 ގައި އެ ކޮމިޝަންގެ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަނާ ދެކޮޅަށް މުޒާހަރާ ކުރަން އިދިކޮޅު ޕާޓީތަކުން ނިންމީ ރިޔާސީ އިންތިހާބުގެ އިންތިޒާމްތައް ކުރިއަށްދާ ގޮތުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމާމެދު ޝައްކު އުފެދިފައިވާ ކަމަށް ބުނެ އެވެ.

މީގެކުރިން ޕާޓީތަކުން ވަނީ މަދު ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓާ މައްސަލަ އާއި އެހީއަށް ބޭނުންވާ މީހުންނަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާ އޮފިޝަލުން ވޯޓުލައިދޭ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ދެ މައްސަލަ މިހާރު އިލެކްޝަން ކޮމިޝަނުން ވަނީ ހައްލުކޮށްފަ އެވެ.

މިހާރު ޕާޓީތަކުން އެންމެ ބޮޑަށް ފާޅުކުރާ ކަންބޮޑުވުމަކީ ރީ ރަޖިސްޓްރީގެ ކަންކަން ސަރުކާރުގެ ކުންފުނިތަކުން ކުރުމާއި މުވައްޒަފުންނަށް ވަކި ފޮއްޓަކަށް ރީ ރަޖިސްޓްރީކުރަން މަޖުބޫރުކުރާ މައްސަލާގަ އެވެ. އެ މައްސަލާގައި އިލެކްޝަނުން މިއަދު ވަނީ ފިނި ޖަވާބެއް ދީފަ އެވެ.

އީސީ އިން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އެ ކޮމިޝަންގެ ރައީސް އިބްރާހިމް ޝަރީފް ވިދާޅުވީ ރީރަޖިސްޓަ ކުރުމަށް ސިވިލް ސާވަންޓުން ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަ އެކަން ވާނީ ސިޔާސީ ކަންކަމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށާއި އެހެންކަމުން އެފަދަ މައްސަލަތައް ބަލާ ފަރާތްތަކަށް އެކަން ހުށަޅުމަށެވެ. އަދި ހަމަހަމަ ފުރުސަތު ލިބޭ އިންސާފުވެރި އިންތިހާބެއް ބޭއްވުމަަކީ ހަމައެކަނި އީސީގެ ޒިންމާއެއް ނޫން ކަމަށާއި އީސީގެ މަސައްކަތަކީ ހަމަހަމަ އިންތިހާބެއް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެކަމުގައި ދައުލަަތުގެ ވަސީލަތްތއް ބޭނުން ކުރޭތޯ ނުވަަތަ ދައުލަތުގެ މުއައްޒިފުން ބޭނުން ކުރާ ނަމަ އެކަމާ ގުޅޭ މުއައްސަސާއަށް ހުށަހަޅުއްވާ މިސާލަކަށް ސިވިލް ސާވަންޓުން ލައްވާ ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް ކުރައްވާނަމަ ސިވިލް ސާވިސްއަށް ހުށަހަޅުއްވާ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވަކިވަކި ފަރުދެއްގެ ހައިސިއްޔަތުންނާއި ޖަމިއްޔާ ޖަމާއަތްތަކަށާއި ސިޔާސީ ޕާޓީތަކާއި އިޖްތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް ރީ ރަޖިސްޓާ ކުރުމުގެ ކަންކަން ކުރިޔަށް ގެންދެވިދާނެ ކަމަށެވެ. އަދި އެކަމަށް އެއްވެސް ހުރަހެއް އަޅާކަށް ބޭނުމެއް ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.