ހަބަރު

ކުރިއަށް އޮތީ ކަނޑު ގަދަ ދެދުވަސް، ސަމާލުވޭ!

މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވަޔާ އެކު ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފި އެވެ. އެ އިދާރާއިން ވަނީ ކުރިއަށް ހުރި ގަޑިތަކުގައި ކަނޑު ދަތުރުކުރާއިރު ވަރަށް ބޮޑަށް ސަމާލުކަންދޭން އިލްތިމާސްކޮށްފަ އެވެ.

މެޓުން ބުނީ، މުޅި ރާއްޖެއަށް މި ދެ ދުވަހު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވިފައިވާއިރު ބައެއް ރަށްރަށަށް އުދަ ވެސް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ދިޔަވަރު ބޮޑުވާ ގަޑިތަކަށް ފަރުވާތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއަދު ދިޔަވަރު ބޮޑުވާނެ ގަޑިތައް

  • އުތުރުގެ ރަށްތަކަށް - 9:56
  • މެދު ރާއްޖެތެރޭ ރަށްތަކަށް - 10:37
  • ދެކުނުގެ ރަށްތަކަށް - 11:18

މި ދެ ދުވަހު އެންމެ ގަދައަށް ވިއްސާރަކުރާނެ ކަމަށް ބެލެވިފައިވަނީ ދެކުނުގެ އަތޮޅު ތަކަށެވެ. ދެކުނުގެ ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު އެހެން އަތޮޅުތަކަށް ވެސް ކަނޑު ގަދަވެފައި ވާރޭ ވެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މިދުވަސްވަރު ކުރާ ވިއްސާރައިގެ ސަބަބުން ކަނޑުމަތީގެ އެކި ވަރުގެ ހާދިސާތައް ދަނީ ގިނަވަމުންނެވެ. މިއަދުވެސް ގިނަ އަދަދެއްގެ މީހުންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުންޖަހާލާފައިވާއިރު، އުޅަނދުތައް ދިޔަވުން ފަދަ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ. މިކަންކަމަށް ސަމާލުވާން އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.