އަންނަ ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ބާއްވާނެ ކަމަށް އަދިވެސް ގަބޫލު ނުކުރައްވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.
މީގެކުރިން އިބޫގެ ކޯލިޝަން ޕާޓީތަކުން ވަނީ މަދު ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓާ މައްސަލަ އާއި އެހީއަށް ބޭނުންވާ މީހުންނަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާ އޮފިޝަލުން ވޯޓުލައިދޭ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ދެ މައްސަލަ މިހާރު އިލެކްޝަން ކޮމިޝަނުން ވަނީ ހައްލުކޮށްފަ އެވެ.
މިއަދު ރާއްޖެ ވަޑައިގަތުމަށްފަހު އިބޫ ވިދާޅުވީ، އެއީ ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގަށް އަރައިގަތުމަށް ރޭވި ކަންކަން ކަމަށެވެ. އަދިވެސް އެފަދަ އެހެން ކަންކަން ކުރާނެ ކަމަށާއި އެހެންވެ އިންތިހާބު އިންސާފުވެރިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އިބޫ ވިދާޅުވީ، އިދިކޮޅު ޕާޓީތަކުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި އިދިކޮޅުން ނުކުމެ ތިބީ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާއާ ދެކޮޅަށް ކަމަށެވެ. އުނދަގޫތަކާ ކުރިމަތިވާނެ ކަމަށާއި ނަމަވެސް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ރޭ ވަނީ ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާ މީހުން ރީ ރަޖިސްޓާ ކުރުމުގެ މަސައްކަތް ދައުލަތުގެ ކުންފުނިތަކާއި މިނިސްޓްރީތަކުގެ މުވައްޒިފުން ލައްވާ ކުރުވާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އިބޫ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު މުއައްޒިފުން ވޯޓުލަން ރީ ރަޖިސްޓާ ކުރުމުގެ ކަންކަން ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވާތީ ކަންބޮޑުވާ ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގު ހަނި ކުރުމުގެ ކަންކަން ނުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށާއި އަމިއްލަ އިހުތިޔާރުގައި ރީރަޖިސްޓާ ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށް އިބޫ ވިދާޅުވި އެވެ.