ބޮލީވުޑް

ޓްވިޓާގައިވެސް އެންމެ ކުރީގައި އަމީތާބް

Jun 2, 2015

ބޮލީވުޑްގެ ތަރިންގެ ތެރެއިން ފޭނުންނާއި އެންމެ ގާތްގުޅުމެއް ސޯޝަލް މީޑިއާ ގައި އަބަދުވެސް ބާއްވާކަމަށް ފާހަގަކުރެވޭ ތަރިއަކީ މެގަސްޓާ އަމީތާބް ބައްޗަން އެވެ.

ފޭސްބުކް އާއި ޓްވިޓާގެ އިތުރުން ބްލޮގްވެސް ގަވާއިދުން ލިޔާ އަމީތާބް އަބަދުވެސް އޭނާގެ އަމިއްލަ ދިރިއުޅުމާއި ފިލްމުތަކާއި ބެހޭ ހުރިހާ ވާހަކަތަކެއްވެސް ބަރާބަރަށް ފޭނުންނާއި ހިއްސާކުރެ އެވެ.

ބޮލީވުޑްގެ "ޝެހެންޝާ"ގެ ގޮތުގައި މަޝްހޫރުވެފައިވާ އަމީތާބް އަކީ ބޮލީވުޑްގެ ނަންބަރު ވަން އެވެ. ފިލްމީ ހަޔާތުގައި ގިނަގުނަ ކާމިޔާބީއެއް ހޯދައި، އަދިވެސް މިތަރީގެ ކާމިޔާބީގެ ސިލްސިލާ ދަނީ ކުރިއަށެވެ.އެގޮތުން އަމީތާބް ބޮލީވުޑްގެ ނަންބަރު ވަން އަށް ވުމުގެ އިތުރުން މިހާރު ޓްވީޓާގައި ހަރަކާތްތެރިވާ ބޮލީވުޑްގެ ތަރިންގެ ތެރެއިން ވެސް ވަނީ ނަންބަރު ވަން ގެ މަގާމު ހޯދާފަ އެވެ.

“ޕީކޫ" އިން އެންމެފަހުން ފެނިގެންދިޔަ އަމީތާބްވަނީ ޓްވިޓާގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު 15 މިލިއަންއަށް އެރުމާއިއެކު ބޮލީވުޑްގެ ތަރިންތަކުގެ ތެރެއިން ޓްވީޓާގައި އެންމެ ގިނަ ފޮލޯވާސް ތިބި ފުރަތަމަ ސެލެބްރިޓީގެ ލަގަބު ހޯދައި، އަނެއްކާވެސް އާ ރެކޯޑެއް ހަދާފަ އެވެ.

އުމުރުން 72 އަހަރުގެ އަމީތާބް ފޮލޯކުރާ މީހުންގެ އަދަދު 15މިލިއަންއަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އަރާފައިވަނީ ސުފަސްޓާ ޝާހްރުކް ޚާން އާއި ސަލްމާން ޚާންގެ އިތުރުން އާމިރް ޚާން އާއި ޕްރިޔަންކާ ޗޯޕްޅާ ފަހަތައްޖައްސާލުމަށްފަހު އެވެ.

އަމީތާބް އަށްފަހު އެންމެ ގިނަ މީހުން ފޮލޯކުރާ އެކްޓަރަަކަށް އުޅެނީ ޝާހްރުކް ޚާން އެވެ. މިހާރު ޝާހް ފޮލޯކުރާ 13.3 މިލިއަން މީހުން ތިބިއިރު، ތިންވަނައިގައި 12.9 މިލިއަން ފޮލޯވާސްއާއި އެކު އުޅެނީ އާމިރު ޚާން އެވެ. އަދި 12.2 މިލިއަން ފޮލޯވާސް އާއިއެކު ހަތަރު ވަނައިގައި ސަލްމާން ޚާން އޮތްއިރު، ފަސްވަނައިގައި 9.81 މިލިއަން ފޮލޯވާސްއާއިއެކު އުޅެނީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އެވެ.

ދެހާސްދިހަ ވަނަ އަހަރުގެ މެއި މަހުގައި ޓްވިޓާއާއި ގުޅުނު އަމީތާބް ވަނީ މިހާތަނަށް ސާޅިސް އެއްހާހަށްވުރެން ގިނަ ޓްވީޓްކޮށްފަ އެވެ. އަދި އަމީތާބް ޓްވިޓާއާއި ގުޅުނު ފަހުން، އަންނަނީ ފޭނުންނަށް ޓްވިޓާ މެދުވެރިކޮށް އޭނާ ދުވަހުން ދުވަހަށް ކުރާ ކަންތައް އަޕްޑޭޓްކޮށް، ފޭނުންނާއި ވަރަށް ގާތްގުޅުމެއް ބާއްވަމުންނެވެ.

މިއަހަރުގެ މާޗް މަހުގެ ތެރޭގައިވަނީ އަމީތާބްގެ ފޭސްބުކް ޕޭޖަށް ވެސް 20 މިލިއަން ލައިކްސް ލިބިފަ އެވެ.